ދިވެހިރާއްޖެ
ރައްޒާޤުބެ މެމޯރިއަލް ކަޕް ފުޓްބޯޅަ މުބާރާތުގެ ހިންގާ ޤަވައިދު
މި ޤަވަޢިދަކީ ރައްޒާޤުބެ މެމޯރިއަލް ކަޕް ފުޓްބޯޅަ މުބާރާތް ހިންގާ ކުރިއަށް ގެންދިޔުމަށްޓަކައި ކ. ގުރައިދޫ ކައުންސިލުންހަދާފައިވާ ޤަވާޢިދެކެވެ. މި މިބުރާތް ނިސްބަތްކުރެވިފައިވަނީ ކ.ގުރައިދޫ ޒިންކުވިލާ އަލްމަރުޙޫމް ޢަބްދުއްރައްޒާޤް މޫސާ މަނިކަށެވެ.
މީގެ ފަހުން މި ޤަވާޢިދުގެ ތިރީގައި ބަޔާންކުރާ އެންމެހާ މާއްދާތަކުގައި ލިޔެފައިވާ "ކައުންސިލް" އަދި "އިދާރާ" އަދި އޮގަނައިޒިން ކޮމިޓީ، ގެ އިތުރުން ޑިސިޕްލިނަނީ ކޮމިޓީ ނިސްބަތްކޮށްފައިވާނީ ކ. ގުރައިދޫ ކައުންސިލްގެ ދަށުން ކ. ގުރައިދޫ ކައުންސިލްގެ އިދާރާއާއި، މި ކައުންސިލުން މި މުބާރާތް ހިންގުމަށް އުފައްދާ ކޮމިޓީތަކާ އޮފިޝަލުންނާ އެކިއެކި ބޭފުޅުންގެ ވާހަކައެވެ. އަދި "މި މުބާރާތް" ނިސްބަތްކުރެވޭނީ "ރައްޒާޤުބެ މެމޯރިއަލް ކަޕް " ފުޓްބޯޅަ މުބާރާތަށެވެ.
......................................................................................................
1- ކުޅުމުގެ ޤަވާޢިދު:
1.1- މި މުބާރާތުގެ މެޗްތައް ކުޅުމުގައި ޢަމަލްކުރާނީ ބައިނަލް ޤަޤުވާމީ ފުޓްބޯޅަ ޖަމްޢިއްޔާ "ފީފާ" އިން ނެރެފައިވާ އެންމެފަހުގެ "ލޯ އޮފް ދަގޭމް" އާ އެއްގޮތަށެވެ.
2.2- މެޗެއްގައި ބަދަލްކުރެވޭނީ ގިނަވެގެން 5 ކުޅުންތެރިންނެވެ. ބަދަލްކުރެވޭ ކުޅުންތެރިއަކަށް، އަލުން އަނބުރާ އެ މެޗެއްގައި ނުކުޅެވޭނެއެވެ.
1.3- މެޗެއްގެ ދިގުމިނަކީ 45 މިނެޓްގެ އެއްވަރުގެ 2 ހާފްއެވެ. އިންޓަވަލްގެ ދިގުމިނަކީ 15 މިނެޓްއެވެ. އަދި އިންޓަރވަލްގެ 15 މިނެޓް ގުނާނީ ފުރަތަމަ ހާފްގެ ކުޅުން ނިންމުމަށް ރެފްރީ ކަށިގަނޑު ފުމޭ ވަގުތުން ފެށިގެން ދެވަނަ ހާފްގެ ކުޅުން ފެށުމަށްޓަކައި ކަށިގަނޑު ފުމޭ ވަގުތާ ހަމައަށެވެ. މީގެ އިތުރަށް ކޮންމެ ހާފެއްގައި ވެސް ގެއްލޭވަގުތު މުޅި ހާފަށްބަލާ ދޭންޖެހިއްޖެނަމަ ދޭންޖެހޭ ވަގުތު ކަނޑައަޅާނީ އެމެޗެއްގެ ރެފްރީއެކެވެ.
1.4- މެޗެއްގެ ނަތީޖާ ނެރުމަށް ހަމަޖެހިފައިވާ މެޗެއް ކަޑައެޅިފައިވާ ވަގުތު ކުޅެ ހަމަވިއިރުވެސް ނަތީޖާއެއް ނުނުކުތްނަމަ ނަތީޖާ ނެރެ މޮޅުވާޓީމެއް ބެލުމަށްޓަކައި، ދެންޖަހާނީ ޕެނެލްޓީއެވެ. ޕެނަލްޓީ، ފާހަގައިގެ މަތީގައި ޖެހުންތައް ޖަހަން ތައްޔާރުވެފައިވަނިކޮށް ނުވަތަ ޖަހަމުންދަނިކޮށް އަދިރިވުމުގެ ސަބަބުން ނުވަތަ ފްލަޑްލައިޓް ސިސްޓަމުން ކަރަންޓްގޮސް، އެމަސްއަލަ ޙައްލު ނުކުރެވިއްޖެނަމަ މެޗްގެ ނަތީޖާ ކަނޑައާޅާނީ ދެޓީމްގެ މެދުގައި ގުރުއަތުލައިގެންނެވެ.
2- ބައިވެރިވެވޭ ޓީމްތައް:
މި މުބާރާތުގައި ބައިވެރިވެވޭނީ ކ. ގުރައިދޫ ގައި މިވަގުތު އެކިނަންނަމުގައި އުފެދިފައިވާ ޓީމްތަކަށް އެކަންޏެވެ. އަދި ކައުންސިލުން ދައުވަތު ދީގެން ބައިވެރިކުރުވާ ޓީމުތަކަށް މުބާރާތުގައި ބައިވެރި ވެވޭނެއެވެ.
3- ކުޅުންތެރިންނަށް ބައިވެރިވެވޭ ޝަރުޠުތައް:
3.1- މި މުބާރާތުގައި ބައިވރިވެވޭ ކުޅުންތެރިންނަކީ ކ. ގުރައިދޫއަށް ރެޖިސްޓްރީވެފައިވާ ކުޅުންތެރިންކަމުގައި ވާންޖެހޭނެއެވެ. ރަށު ރަޖިސްޓރީގައި ހިމެނިފައިވާ ކުޅުންތެރިއެއްކަމަށް ބަލާނީ މުބާރާތް ފަށާ ތާރީޙުގެ 1 މަސް ދުވަސް ކުރިން ކ. ގުރައިދޫ އަށް ރަޖިސްޓްރީވެފައިވާނަމައެވެ. އަދި 2026 އިން ފެށިގެން ރަށު ރަޖިސްޓްރީގައި ހިމެނިފައިވާ ކުޅުންތެރިއެއް ކަމަށް ބަލާނީ މުބާރާތް ފަށާ ތާރީޚުގެ 6 މަސް ދުވަސް ކުރިން ކ. ގުރައިދޫ އަށް ރަޖިސްޓްރީ ވެފައިވާނަމައެވެ.
3.2- ކުޅުންތެރިންނަކީ މި މުބާރާތް ކުޅުމަށް މިކައުންސިލުން ހަދާފައިވާ ޤަވާޢިދާ ކުރެވިފައިވާ އިޢްލާނާ އެއްގޮތަށް ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ކުޅުންތެރިންނަށް ވާންޖެހޭނެއެވެ.
3.3- މި މުބާރާތުގައި ބިދޭސީ ނުވަތަ ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ޓީމު ލިސްޓުގައި ހިމެނޭނީ 3 ކުޅުންތެރިންނެވެ. 3.1 ގައި ބަޔާން ކުރާ މުއްދަތުގެ ތެރޭގައި ގުރައިދޫގެ ރަޖިސްޓްރީގައި ހިމެނިފައިނުވާ ކޮންމެ ކުޅުންތެރިއެއް ޓީމު ލިސްޓުގައި ހިމެނޭނީ ރަށުން ބޭރު ކުޅުންތެރިން ގޮތުގައެވެ.
3.4- މިމުބާރާތުގައި ކޮންމެ ޓީމަކުން 18 އަހަރުން ދަށުގެ 4 ކުޅުންތެރިން ބައިވެރިކުރެވޭނެއެވެ.
3.5- މި މާއްދާގައިވާ ޝަރުޠުތައް ފުރިހަމަނުވާ ނުވަތަ ޓީމް ލިސްޓުގައި ނުހިމެނޭ ނުވަތަ ޓީމްގައި އެމެޗެއްގައި ކުޅުމަށް ފާހަގަނުކުރާ ކުޅުންތެރިއަކު ކުޅުވައިފިކަން ސާބިތުވެއްޖެނަމަ އެކުޅުންތެރިއަކު ކުޅުނު މެޗުން އެޓީމަށް ލިބިފައިވާ ޕޮއިންޓާއި، ގޯލް އުނިކުރެވޭނެއެވެ. އަދި ޑިސިޕްލިނަރީ ކޯޑުގެ ދަށުން އެކޮމިޓީން އެޓީމަކާ ކުޅުންތެރިއަކާމެދު ފިޔަވަޅު އެޅޭނެއެވެ. އަދި އިދިކޮޅު ޓީމަށް 3 ޕޮއިންޓާއި، 2 ގޯލް ލިބިގެންދާނެއެވެ.
3.6- ކުޅުންތެރިއެއްގެ ގޮތުގައިވެސް އަދި އޮފިޝަލެއްގެ ގޮތުގައިވެސް ތިބެންވާނީ މި މުބާރާތް ކުޅުމަށް ހުށަހަޅާ ޓީމް ލިސްޓުގައިވާ ކުޅުންތެރިންނާ އޮފިޝަލުންނެވެ. ކޯޗު އަދި އޮފިޝަލުންގެ ގޮތުގައި ރަށުން ބޭރު ފަރާތްތައް ހިމެނިދާނެއެވެ.
4- ކުޅުންތެރިންނާ އޮފިޝަލުން:
4.1- ޓީމްލިސްޓުގައި ގިނަވެގެން ޖެހޭނީ 23 ކުޅުންތެރިންނާއި، 06 އޮފިޝަލުންނެވެ. އަދި މަދުވެގެން 13 ކުޅުންތެރިންނާ، 3 އޮފިޝަލުން ޖަހަންވާނެއެވެ. އަދި ޓީމްލިސްޓް ހުށަހަޅާ ރަޖިސްޓްރީކުރުމަށް މިކައުންސިލުން ދީފައިވާ މުއްދަތުގައި މި ކައުންސިލަށް ހުށަހަޅާ ރަޖިސްޓްރީ ކުރާ ޓީމް ލިސްޓުގައިވާ ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިންނަކަށް މި މުބާރާތަކު ނުކުޅެވޭނެއެވެ.
4.2- ކޮންމެ ޓީމެއްވެސް ރަޖިސްޓްރީކޮށް ޓީމް ލިސްޓް ހުށަހަޅާއިރު ކުޅުންތެރިންގެ ތެރޭގައި މަދުވެގެން 2 ގޯލް ކީޕަރުން ހިމަނަންވާނެއެވެ.
4.3- ކައުންސިލަށް ހުށަހަޅާ ޓީމް ލިސްޓްގައި އޮފިޝަލުންގެ ތެރޭގައި މެނޭޖަރ، ކޯޗް، މެޑިކަލް އޮފިސަރ، ހިމަނަން ޖެހޭނެއެވެ. ޓީމްތަކުގެ ކޯޗުންގެ ގޮތުގައި ޓީމް ލިސްޓުގައި ހިމަނަންވާނީ ކޮންމެވެސް ވަރަކަށް ފުޓްބޯޅައިގެ ތެރޭގައި އުޅެފައިވާ ނުވަތަ އޭ އެފްސީ ލައިސަންސް އެއް ލިބިފައިވާ ކޯޗުންނެވެ. އަދި ކޯޗުންގެ ގޮތުގައި ބޭރު ބިދޭސީ އަދި ރަށުން ބޭރު ކޯޗުންވެސް ބޭނުން ކުރެވިދާނެއެވެ.
4.4- އެދުވަހެއްގައި ކުޅެވޭމެޗްގެ ޓީމުލިސްޓު މެޗް ފެށުމުގެ 30 މިނެޓްކުރިން މެޗް އޮފިޝަލް ނުވަތަ އިދާރީމޭޒަށް ލިބެންވާނެއެވެ. އަދި އެލިސްޓްގައި ވާ ކުޅުންތެރިންނާ އޮފިޝަލުން މެޗްފެށުމުގެ ކުރިން ބެންޗުގައި ތިބެންޖެހޭނެއެވެ. މީގެ އިތުރުން ކޮންމެ ދުވަހެއްގެ މެޗަށް ޓީމްގެ މެނޭޖަރ ޙާޟިރުވާންޖެހޭނެއެވެ. ނަމަވެސް ސަބަބަކާހުރެ މެނޭޖަރަށް ނުވަތަ އ. މެނޭޖަރ ޙާޟިރުނުވެއްޖެނަމަ، އެދުވަހެއްގެ މެޗަށް ޓީމުގެ އޮފިޝަލުންގެ ތެރެއިން މީހަކު މެނޭޖަރުގެ މަސްއޫލިއްޔަތާއި، ޙަވާލްވުމަށްފަހު މެޗްފެށުމުގެ ކުރިން މެޗްކޮމިޝަނަރ ނުވަތަ މެޗް އޮފިޝަލަށް އެކަން އަންގަންވާނެއެވެ. އެދުވަހެއްގެ މެޗުގައި މެނޭޖަރެއްގެ ޒިންމާ އުފުލާނޭ ފަރާތެއް ހަމަޖެހިފައިނުވާނަމަ، އެޓީމަކީ އެދުވަހުގެ މެޗް ކުޅެން ޝަރުޠު ހަމަނުވާ ޓީމެއްކަމަށް ނިންމާ އެޓީމު އެމެޗުން ދެރަވީކަމަށް ނިންމާނީއެވެ. އަދި މި ޤަވަޢިދުގެ 11.4 އާއ، 11.6 މާއްދާގައިވާ ގޮތުގެ މަތީން ޢަމަލް ކުރާނީއެވެ.
5 – ކުޅުންތެރިޔާ ވަކިކޮށް ދެނެގަތުން:
5.1- މި މުބާރާތުގައި ރަޖިސްޓްރީކޮށް ޓީމް ލިސްޓު ހުށަހަޅާފައިވާ ކުޅުންތެރިންނާއި، އޮފިޝަލުން ދެނެގަތުމަށްޓަކައި އެފަރާތުގެ އައިޑީކާޑް ބޭނުންވެއްޖެ ހިދެއްގައި މެޗްކޮމިޝަނަރަށް، ނުވަތަ ރެފްރީއަށް، ނުވަތަ މެޗް އޮފިޝަލަށް، ނުވަތަ މިކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ.
6- މެޗްތައް ކުޅުމަށް ހަމަޖެހިފައިވާގޮތް:
6.1- މުބާރާތުގެ ޓީމްތައް ބައިވެރިވެ ނިމުމުން މުބާރާތުގެ ތާވަލް މިއިދާރާއިން ނެރޭނެއެވެ. އަދި ދިމާވާކަންކަމާގުޅިގެން މުބާރާތްލަސްވަމުންދާނަމަވެސް އަލުން ތާވަލް ބަދަލްކޮށް އެކަން ޓީމްތަކަށް އެންގެމުންދާނެއެވެ.
7- މެޗްތައް ކުޅެން ޖަމަޖެހިފައިވާތަން، ތާރީޚް، ގަޑި:
7.1- މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ ކ. ގުރައިދޫގެ ސްޕޯޓްސް އެރީނާގައި ހިމެނޭ ކ. ގުރައިދޫ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ކުޅެވެނީ މި މުބާރާތް ކުޅުމަށް ކުރެވުނު އިޢްލާނާ ގުޅިގެން އެކަމަށް އެދި މިކައުންސިލްގައި އެދި ކަނޑައެޅިފައިވާ މުއްދަތުގައި ޓީމްލިސްޓް ހުށަހަޅާ ޓީމްތަކުގެ މެދުގައެވެ. މުބާރާތުގެ ޓީމްތައް ބައިވެރިވެ ނިމުމުން މުބާރާތުގެ ތާވަލް މިއިދާރާއިން ނެރޭނެއެވެ. ނަމަވެސް ދިމާވާކަންކަމާގުޅޭގޮތުން މިކައުންސިލުން ތާވަލަށް ބަދަލްގެނައިކަމަށްވީނަމަވެސް އެކަން ކުރިން ޓީމްތަކަށް އެންގޭނެއެވެ. މިގޮތަށް ތާވަލަށް ބަދަލްގެނައުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވާނެއެވެ. އަދި މިކައުންސިލުން އެބަދަލެއް ގެނައި ގޮތަށް މެޗް ނުވަތަ މެޗްތައް ކުޅެންވާނެއެވެ.
8 – ޝީލްޑް މެޗް
8.1- މުބާރާތް ފެށުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ޝީލްޑް މެޗެއް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ އެއްމެ ފަހުން ބޭއްވުނު ރައްޒާގްބެ މެމޯރިއަލް ކަޕް ގެ 2 މުބާރާތުގެ ޗެމްޕިއަނުންނެވެ.
8.2- ޖެހި ޖެހިގެން 2 އަހަރު އެއް ޓީމަކުން މުބާރާތް ކާމިޔާބު ކޮށްފައިވާނަމަ ޝީލްޑް މެޗް ކުޅޭނީ އެއްމެ ފަހުން ބޭއްވުނު ރައްޒާގްބެ މެމޯރިއަލް ކަޕްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުގެ މެދުގައެވެ.
9- މެޗްކުޅޭ ތާރީޚަށް ބަދަލްގެނައުން
9.1- ތާވަލްގައި ހަމަޖެހިފައިވާ މެޗްތައް ކުޅެން ކަނޑައެޅިފައިވާ ތާރީޚަށް މޫސުން ތަން ނުދިނުމުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެބަދަލެއް މިއިދާރާއިން އެންގުމުން އެބަދަލާއެއްގޮތަށް މެޗް ނުވަތަ މެޗްތައް ކުޅެންވާނެއެވެ.
9.2- މޫސުމަށް އަންނަ ބަދަލަކުން ނުވަތަ ލައިޓިންގ ސިސްޓަމަށް ދިމާވާ މަސްއަލައަކާ ގުޅިގެން، މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް އެމެޗް އެއްގޮތަކަށްވެސް ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހިއްޖެނަމަ، މި ކައުންސިލާ، ޑިސިޕްލިނަރީކޮމިޓީން މެޗްކުޅެފައިވާ ވަގުތައްބަލާ މެޗް އަލުން ކުޅުމާއި ނުކުޅުން ނިންމާނީ މިކައުންސިލުން މުބާރާތް ހިންގުމަށް އެކުލަވާލާފައިވާ ޑިސިޕްލިނަރީކޮމިޓީން ނެވެ. އަދި މިގޮތަށް އެކޮމިޓީން ނިންމާ ނިންމުންތައް އެއީ އެންމެފަހުގެ ނިންމުން ކަމުގައި ބަލައިގަނެ އެކަން ޤަބޫލް ކުރަންވާނެއެވެ.
9.3- މެޗްގައި ކުޅޭ 2 ޓީމްގެ ސަބަބުން ދިމާވާ މަސްއަލައަކާ ގުޅިގެން، މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް އެމެޗް އެއްގޮތަކަށްވެސް ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހިއްޖެނަމަ، މިކައުންސިލުން އެކަން ޑިސިޕްލިނަރީކޮމިޓީ އަށް ހުށަހަޅާ މަސްއަލަ ބަލާ އެމެޗް އަލުން ކުޅުވުން ނުވަތަ ނުކުޅުވުމުގެ ބާރު މިކައުންސިލާ ޑިސިޕްލިންކޮމިޓީއަށް ލިބިގެންވެއެވެ. އަދި މިގޮތަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމާ ނިންމުންތައް އެއީ އެންމެ ފަހުގެ ނިންމުން ކަމުގައި ބަލައިގަނެ އެކަން ޤަބޫލް ކުރަންވާނެއެވެ.
10 – ޕޮއިންޓް ދެވޭގޮތާއި، އެއްވަރުވެއްޖެނަމަ ހަދާނެގޮތް:
10.1- މެޗްތަކުގައި ޕޮއިންޓް ދިނުމަށް ޢަމަލް ކުރާނީ ތިރީގައި މިދަންނަވާ އުޞޫލުންނެވެ.
10.2- މޮޅުވާ ޓީމަކަށް ލިބޭނީ 3 (ތިނެއް) ޕޮއިންޓެވެ. އެއްވަރުވެއްޖެނަމަ ކޮންމެ ޓީމަކަށް 01 (އެކެއް) ޕޮއިންޓެވެ. ދެރަވެއްޖެނަމަ 0 (ސުމެއް) ޕޮއިންޓެވެ.
10.3- ޕޮއިންޓުގެ ގޮތުން ދެޓީމް ނުވަތަ އެއަށްވުރެ ގިނަ ޓީމް އެއްވަރުވެއްޖެނަމަ މޮޅުވާޓީމެއް ކަނޑައަޅާނީ ގޯލްގެ ތަފާތުންނެވެ. ގޯލްގެ ތަފާތު ބަލައިގެން އެއްވަރުވެއްޖެނަމަ، މޮޅުވާޓީމެއް ކަމުގައި ހަމަޖައްސާނީ ގިނަ ގޯލްޖަހާފައިވާ ޓީމެކެވެ. މިގޮތުންވެސް އެއްވަރުވެއްޖެނަމަ މޮޅުވާޓީމެއް ހޮވާނީ ދެޓީމް ނުވަތަ ޓީމްތަކުގެ މެދުގައި ކުޅުނު މެޗްތަކުގެ ނަތީޖާތަކަށް ބަލައިގެން މޮޅުވެފައިވާ ޓީމެކެވެ. މިގޮތުން މިމުބާރާތުގެ އެންމެ މޮޅު 4 ޓީމް ހޮވުމުގައި 5 ވަނަ ޓީމެއް އެއްވަރުވެއްޖެނަމަ 4 ވަނަ ޓީމް ހޮވާނީ ގުރުއަތުލައިގެންނެވެ. މިގޮތަށް ގުރުއަތު ލާނީ 4 ވަނަ ޓީމެއް 5 ވަނަ ޓީމާ އެއްވަރުވާނަމަވެއެވެ.
10.4- ނޮކްއައުޓް އުޞޫލުން ނުވަތަ މި މުބާރާތުގެ އެންމެ މޮޅު 4 ޓީމް ގެ މެދުގައި ކުޅެވޭ ސެމީފައިނަލްގެ 2 މެޗާއި، ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވާއިރު ދެޓީމް އެއްވަރުވެފައިވާނަމަ އިތުރު ވަގުތު ނުވަތަ އިތުރު ހާފެއް ކުޅުމެއްނެތި ނަތީޖާ ކަޑައަޅާނީ ޕެނަލްޓީ ފާހަގައިގެ މަތީގައި ބާއްވާ ޖެހުންތައް ޖަހައިގެންނެވެ.
11 – މުބާރާތުން ވަކިވުމާއި، މެޗް ނުކުޅުން:
11.1- މުބާރާތުގެ މެޗްތައް ގުރުއަތުލާ ތަރުތީބު ކުރުމަށްފަހު ނުވަތަ މުބާރާތް ކުޅޭނެ ގޮތުގެ ތާވަލް ނެރުމަށްފަހު މުބާރާތުން ވަކިވެއްޖެނަމަ -/5000ރ އިން އެ ޓީމެއް ޖުރުމަނާ ކުރެވޭނެއެވެ. އަދި އެޓީމެއްގެ މެނޭޖްމަންޓްގައި ތިބި ފަރާތްކަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ޑިސިޕްލިނަރީ ކޮމިޓީއަށް ލިބިގެން ވެއެވެ.
11.2- މުބާރާތުގެ ކުޅުން ފެށުމަށްފަހު އެއްވެސް ޓީމަކަށް މުބާރާތުން ވަކިވުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
11.3- ކުޅިބަލާ މީހުންގެ ފަރާތުން ހިންގި ހަމަނުޖެހުމަކާއި، ގުޅިގެން މެޗެއް އެއްގޮތަކަށްވެސް ކުރިޔަށް ގެންގޮސް ނިންމާ ނުލެވިއްޖެނަމަ އެމެޗަކާއި ބެހޭގޮތުން، ގޮތެއް ނިންމާނީ މިކައުންސިލުން އެކުލަވާލާފައިވާ ޑިސިޕްލިނަރީ ކޮމިޓީއިންނެވެ.
11.4- މުބާރާތް ފެށުމަށްފަހު ޓީމެއް މެޗް ކުޅޭ ދުވަހު ދަނަޑަށް ޙާޟިރު ނުވެއްޖެނަމަ، ނުވަތަ ދަނޑަށް ޙާޟިރުވެ، މެޗް ނުކުޅެފިނަމަ ނުވަތަ މެޗްތެރޭގައި މެޗް ފުރިހަމަނުކޮށް ދަނޑުން ފައިބައިފިނަމަ -/5000ރ އާއި، -/10000ރ އާ ދެމެދުގެ ޢަދަދަކަށް އެޓީމެއް ޖުރުމަނާ ކުރެވޭނެއެވެ. އަދި އިދިކޮޅު ޓީމު މެޗުން މޮޅުވީ ކަމުގައި ހަމަޖައްސަނީއެވެ. މިފަދަ ބައެއް ޙާލަތްތަކުގައި އެޓީމެއް، އެމުބާރާތަކުން ވަކި ކުރުމާއި، ނުވަތަ ކުރިޔަށްހުރި މެޗްތަކާއި، މުބާރާތްތަކުގައި ބައިވެރި ނުކުރާގޮތަށް ނިންމުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ. މަތީގައި ބަޔާންކޮށްފައިވާ ޖުރުމަނާތައް ނުދައްކާ ހިދަކު އެޓީމެއް ކުރިޔަށްހުރި މުބާރާތްތަކުގައި ބައިވެރި ނުކުރުމުގެ ޙައްޤު މިކައުންސިލަށް ލިބިގެންވެއެވެ.
11.5- މިގޮތުން ކުރެވޭ ޖުރުމަނާ ދެއްކެވުމަށް އަންގާ މުއްދަތުގެ ތެރޭގައި، އެފައިސާ ކައުންސިލަށް ދައްކަން ޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި މިފައިސާ ނުދައްކާފިނަމަ އެޓީމެއް މުބާރާތުން ލިބެންޖެހޭ ފައިސާއިން ޖުރުމަނާ ކުރެވުނު ޢަދަދު ކައުންސިލަށް ނެގޭނެއެވެ. މިގޮތުން ފައިސާ ހަމަނުކުރެވިއްޖެނަމަ ގޮތެއްނިންމާނީ މި ޤަވާއިދުގެ ދަށުން މިކައުންސިލުގެ ހިންގާ ކޮމިޓީންނެވެ.
11.6- ކުޅެން ހަމަޖެހިފައިވާ މެޗެއް ނުކުޅެފިނަމަ ބެލެވޭނީ އެޓީމެއް އެމެޗުން ދެރަވީ ކަމުގައެވެ. އަދި އިދިކޮޅު ޓީމަށް 3 ޕޮއިންޓާއި، 2 ގޯލް ދެވޭނެއެވެ. އަދި މެޗްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ޓީމެއްގެ ސަބަބަބުން މެޗް ހުއްޓާލަން ޖެހިއްޖެނަމަ އެމެޗް ހުއްޓާލަން ސަބަބު މެދުވެރިކުރި ޓީމް އެމެޗުން ދެރަވީކަމުގައި ނިންމާނީއެވެ. އެމެޗްގެ ނަތީޖާ ކަމުގައި ކަޑައަޅާނީ މެޗް ލިބުނު ޓީމުން ދެގޯލަށް ވުރެ އިތުރަށް ގޯލްޖަހާފައިވީނަމަ އެޓީމްގެ ގޯލްގެ ޢަދަދަކީ އެޓީމުން ޖަހާފައިވާ ގޯލްގެ ޢަދަދު ކަމުގައެވެ. ދެގޯލަށްވުރެ މަދުން ނުވަތަ ގޯލެއް ޖެހިފައި ނުވަނީނަމަ ނިންމާނީ އެޓީމަށް ލިބޭ ގޯލްގެ ޢަދަދަކީ ދޭއްކަމުގައެވެ. މެޗްގައި ސަބަބު މެދުވެރި ކުރުވި ޓީމުން ގޯލްޖަހާފައިވީނަމަވެސް އެގޯލެއް އެޓީމެއްގެ ނަމުގައި ނުގުނޭނެއެވެ.
11.7- އެއްވެސް ސަބަބަކާހުރެ މެޗެއް ކުރިޔަށް ނުގެންދެވިގެން މެޗްގެ ބާކީ އޮތްބައި ނުކުޅެ ހުއްޓާލަން ޖެހިއްޖެނަމަ، މެޗް ހުއްޓާލުމަށް ފަހު މެޗް ކުރިޔަށް ނުގެންދެވިގެން އެވަގުތައް މެޗް ހުއްޓާލިކަން ދެޓީމުގެ މެނޭޖަރަށާއި، އަދި ކަމާބެހޭ ފަރާތްތަކަށް މެޗް ކޮމިޝަނަރ ނުވަތަ މެޗްގެ ރެފްރީ އަންގަންވާނެއެވެ. އަދި މިފަދަ ޙާދިސާއެއް، ހިނގައިގެން މެޗް ހުއްޓާލާފިނަމަ މެޗާއި ބެހޭގޮތުން މެޗް އޮފިޝަލުން ޢަމަލްކުރަން ޤަޞްތުކުރާގޮތެއް މެޗްކޮމިޝަނަރާއި، ވާހަކަދައްކައިގެން، ދެޓީމުގެ މެނޭޖަރުން އޮޅުންފިލުވަން ޖެހޭނެއެވެ.
11.8- މިގޮތަށް މެޗެއް ހުއްޓާލުމަށްފަހު މެޗް އަލުން ކުޅުމަށް މެޗް އޮފިޝަލުން، އެމެޗެއްގައި ކުޅޭ ދެޓީމަށް އެންގުމުން އެމެޗްގެ ބާކީ އޮތްބައި ނުކުޅެފިނަމަ ނުކުޅުނު ޓީމާއި، މެދު މި ޤަވާޢިދުގެ 11.4 ވަނަ މާއްދާއާއި 11.6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެޓީމަކާދެމެދު ފިޔަވަޅު އެޅެނޭއެއެވެ.
11.9- އެއްވެސް ހަމަނުޖެހުމެއް ހިންގައިގެން މެޗެއް ކުރިޔަށް ނުގެންދެވިގެން މެޗް ގެ ބާކީ އޮތްބައި ނުކުޅެ ހުއްޓާލަން ޖެހިއްޖެނަމަ މެޗް ހުއްޓާލުމަށްފަހު މެޗް ކުރިޔަށް ނުގެންދެވިގެން އެމެޗް ހުއްޓާލިކަން ދެޓީމްގެ މެނޭޖަރަށާއި، އަދި ކަމާބެހޭ ފަރާތްތަކަށް މެޗް ކޮމިޝަނަރ ނުވަތަ ރެފްރީއަށް އަންގަންވާނެއެވެ. އަދި މިކައުންސިލުން އެ ހަމަނުޖެހުން ހިންގަން ދިމާވި ސަބަބު ބަލާ ހަމަނުޖެހުމެއް ހިންގި ޓީމް މުބާރާތުން ޑިސްކޮލިފައިކޮށް އަދި ހަމަނުޖެހުމުގައި ބައިވެރިވި ކުޅުންތެރިން ސަސްޕެންޑުކޮށް ޓީމާއި އަދި ކުޅުންތެރިންގެ މަސްއަލަ މިކައުންސިލްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވާ ފިޔަވަޅު އެޅުމުގެ އިޙްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތަށް މިކައުންސިލާ ޑިސިޕްލިނަރީ ކޮމިޓީން ނިންމާ ނިންމުންތައް އެއީ އެންމެ ފަހުގެ ނިންމުން ކަމުގައި ބަލައިގަނެ ޤަބޫލްކުރަންވާނެއެވެ.
12- ވޯރމްއަޕްކުރުން:
12.1- މެޗްގެ ކުރިން ދަނޑުގައި ފަރިތަކުރެވޭނީ މެޗް ފެށުމުގެ 45 މިނިޓްކުރިން ފެށިގެން މެޗް ފެށުމަށް 15 މިނިޓް ހަމަވާ ވަގުތަށެވެ. މިވަގުތު ފަރިތަކުރުމުގައި ބައިވެރިވެވޭނީ އެދުވަހެއްގެ މެޗްގެ ލިސްޓްގައި ހިމެނޭ 20 ކުޅުންތެރިންނަށެވެ. އަދި ދަނޑުގެ ހާލަތަށް ބަލައި ދަނޑުގެ ވަކިތަނެއްގައި ފަރިތަކުރުންތައް ގެންދިއުމަށް މެޗްކޮމިޝަނަރ އަންގަވައިފިނަމަ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ އެސަރަހައްދެއްގަ އެވެ.
12.2- ވާރޭވެހުމުގެ ސަބަބުން ދަނޑުގެ ޙާލަތު ދަށްވެފައިވާނަމަ 12.1 ގައި ވާގަޑީގެ ބަދަލުގައި ދަނޑުގައި ވޯރމްއަޕް ކުރާގަޑި ކަނޑައަޅައި މެޗްކޮމިޝަނަރ އެންގުމުން އެއާއި އެއްގޮތަށް އަމަލުކުރާނީ އެވެ.
12.3- މެޗް ހިނގަމުންދާ ވަގުތުގައި ވޯރމްއަޕް ކުރުމަށް އޮންނަ ސަރަހައްދުގައި އެއްވަގުތެއްގައި ވޯރމްއަޕް ކުރެވޭނީ ގިނަވެގެން 3 ކުޅުންތެރިންނަށެވެ.
13- ޖާރޒީ ނަމްބަރު:
13.1- ރަޖިސްޓްރީކުރާ ކުޅުންތެރިންގެ ޖާރޒީ ނަމްބަރު ވާންވާނީ 01 އިން 99 އާއި ދެމެދު ހިމެނޭ ނަންބަރަކަށެވެ. އަދި ޖާރޒީ ނަމްބަރު 1 ވާންޖެހޭނީ ގޯލްކީޕަރުގެ ނަންބަރަށެވެ. މިނަންބަރުގައި ކުޅެވޭނީ ހަމައެކަނި ގޯލް ކީޕަރުގެ މަޤާމަށެވެ.
13.2- ޖާރޒީގެ ފުރަގަހުގައި މެދަށް، ޝޯޓްގެ ކަނާތްފަރާތު ތިރީގައި ކުރިމައްޗަށްވާގޮތަށް ނަމްބަރު ހަރުކުރެވިފައި ހުންނަންވާނެ އެވެ. އަދި ގޯލްކީޕަރ ބޭނުންކުރާ ހެދުމުގައިވެސް ނަމްބަރު ޖަހާފައި ހުންނަންވާނީ ކުޅުންތެރިންގެ ޖާރޒީގައި ނަމްބަރު ޖަހާފައި ހުންނަގޮތަށެވެ.
13.3- ޖާރޒީގެ ފުރަގަހުގައި ޖަހާ ނަމްބަރުގެ ބޮޑުމިނަކީ 25 ސެންޓިމީޓަރެވެ. ނަމަވެސް 20 ސެންޓިމީޓަރަށްވުރެ ކުޑަނުވާގޮތަށް ޖެހިދާނެ އެވެ. ސޯޓްގެ ނަމްބަރުގެ ބޮޑުމިނަކީ 10 ސެންޓިމީޓަރެވެ.
13.4- ކުޅުންތެރިންގެ ޖާރޒީ ނަމްބަރަކަށް ވާންވާނީ މިކައުންސިލަށް ހުށަހަޅާފައިވާ ޓީމްލިސްޓްގައި ޖަހާފައިވާ ޖާރޒީ ނަމްބަރެވެ.
13.5- ކުޅުންތެރިންނާއި އޮފިޝާލުންގެ ޖާޒީގެ ވާތް ފަރާތުގެ އަރިމަތީގައި ރައްޒާގްބެ މެމޯރިއަލް ކަޕްގެ ލޯގޯ ހުންނާންވާނީ ޖެހިފައެވެ.
14- ޖާރޒީގެ ކުލަ އާއި ބެންޗްގައި ތިބޭ ކުޅުންތެރިންގެ ޢަދަދު:
14.1- ޓީމްގެ ހުރިހާ ކުޅުންތެރިންގެ ޖާރޒީ ސޯޓް އަދި އިސްޓާކީން ހުންނަންވާނީ އެއްކުލައެއްގައި އެއްވައްތަރަކަށް އެއްގޮތެށެވެ.
14.2- ޓީމްގެ ޖާރޒީގެ ކުލަ މިކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރަންވާނެ އެވެ. މިގޮތަށް ރަޖިސްޓްރީ ނުކޮށް ބޭނުންކުރާ ޓީމްތަކުގެ ކުލަ ވާންޖެހޭނީ ކުލަ ރަޖިސްޓްރީ ކޮށްފައިވާ ޓިމްތަކުގެ ކުލަ ނޫން ކުލައަކަށެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް 1 ސެޓް ޖާރޒީ ރަޖިސްޓްރީ ކުރަންވާނެ އެވެ. މިގޮތުން ޖާރޒީ ސެޓްގައި ހިމެނޭނީ ޖޯރޒީ ، ސޯޓް، އިސްޓާކީން، ގޯލްކީޕަރ ޖޯރޒީ، ގޯލްކީޕަރ ސޯޓް، އަދި އަންގި އެވެ.
14.3- އެދުވަހެއްގެ މެޗްގައި ބޭނުންކުރާ ކުލަ (ފުރަތަމަ ކުލަ) ތަކުގައި ދެޓީމްގެ ޖާރޒީ އާއި ސްޓާކީންގެ ކުލަ އެއްވައްތަރު ވެއްޖެ ނަމަ ޖާރޒީ އާއި ސްޓާކީންގެ ކުލަ ބަދަލުކުރަންޖެހޭނީ އެދުވަހެއްގެ ޓީމް ލިސްޓްގައި ބީ ޓީމްގެ ގޮތުގައި ލިޔެފައިވާ ޓީމެވެ.
14.4- ބެންޗްގައި ތިބޭ ކުޅުންތެރިން ތިބެންޖެހޭނީ އެއްކުލައެއްގެ ޔުނީފޯރމެއްގަ އެވެ. އަދި އޮފިޝަލުންވެސް ވަކި ޔުނީފޯރމެއްގައި ތިބުމަކީ އެދެވިގެންވާ ކަމެކެވެ. މީގެ އިތުރުން ބެންޗްގައި ތިބޭ ކުޅުންތެރިން ތިބެންޖެހޭނީ ބޫޓް ނުވަތަ ޓެނިސް ބޫޓުގައެވެ. އޮފިޝަލުން ތިބެންޖެހޭނީ އޮފިޝަލް ބޫޓް ނުވަތަ ޓެނިސް ބޫޓުގަ އެވެ.
14.5- ޖާރޒީގެ ދަށުންލާ ޓީޝާޓް ނުވަތަ އެފަދަ އެއްޗެއް ފެންނަގޮތަށް ހުންނަނަމަ އެއްޗެއްގެ ކުލަ ވާންޖެހޭނީ ޖާރޒީގެ ކުލަ އާއި އެއްކުލައަކަށެވެ.
14.6- ސޯޓްގެ ދަށުންލާ ޓައިޓް ނުވަތަ އެފަދަ އެއްޗެއްގެ ކުލަ ސޯޓްގެ ކުލައާއި އެއްކުލަ އަކަށް ވާންޖެހޭނެ އެވެ.
14.7- އިސްޓާކީންގައި އަޅާ ޓޭޕްގެ ކުލަ ވާންޖެހޭނީ އިސްޓާކީންގެ މައިގަނޑު ކުލަ އާއި އެއްކުލައަކަށެވެ.
15- އިޝްތިހާރު
15.1- މުބާރާތުގެ އެއްވެސް މެޗެއްގައި ކުޅުންތެރިންނާއި، އޮފިޝަލުން ބޭނުންކުރާ ޔުނީފޯމް ނުވަތަ އެނޫންވެސް ހެދުމެއް ނުވަތަ ވޯމް އަޕްކުރާ ބިބްގައި އިޝްތިހާރު ޖެހޭނީ މިކައުންސިލާ އިންތިޒާމްކޮމިޓީން ހުއްދަ ހޯދުމަށްފަހުގައެވެ. މީގެ އިތުރަށް މެޗް ހިނގަމުންދާ ވަގުތު ޓެކްނިކަލް އޭރިޔާ ތެރޭގައި ނުވަތަ ބޭރުގައިނަމަވެސް ޓީމުގެ ޖާރޒީގައި ބޭނުންކުރާ އިޝްތިހާރު ފިޔަވައި އެހެން އެއްވެސް އިޝްތިހާރެއް ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކުވިޔަސް ބޭނުން ކުރުމަކީ މަނާކަމެކެވެ.
16- ކެޕްޓަން ބޭންޑު:
16.1- ކޮންމެ މެޗެއްގައިވެސް ކެޕްޓަން މަޤާމުގައި ކުޅޭ ކުޅުންތެރިޔާ ފާހަގަކުރުމުގެ ގޮތުން އޭނާ ހުންނާންވާނީ އަތުގައި ކެޕްޓަން ބޭންޑު އަޅައިގެންނެވެ. މިގޮތުން ކެޕްޓަން ބޭންޑުގެ ގޮތުގައި މަލަމާއި، ޓޭޕާއި، ފޮތިކޮޅެއް ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ބޭންޑުގެ ގޮތުގައި ބޭނުންކުރާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ކެޕްޓަން ބޭންޑެވެ.
17- ޓީމު ބެންޗު:
17.1- ޓީމު ބެންޗުގައި ގިނަވެގެން ތިބެވޭނީ ބަދަލު 12 ކުޅުންތެރިންނާއި، 6 އޮފިޝަލުންނެވެ. ބެންޗު ނަގަމުންދާނީ ޓީމް ލިސްޓުގައި، A ގައިވާ ޓީމް، ބަދަލު ރެފްރީގެ ވާތްފަރާތުގައި، B ގައިވާ ޓީމް ބަދަލްރެފްރީ ގެ ކަނާތް ފަރާތުގައެވެ. މީގެއިތުރުން މިކައުންސިލުން ބެންޗުގައި އެދުވަހެއް ކުޅޭ ދެޓީމުގެ ނަން ދެބެންޗުގައި ހަރުކުރެވިފައި ހުންނާނެއެވެ.
18- ޑްރެސިންގ ރޫމް (ޗޭންޖިންގ ރޫމް)
18.1- ޗޭންޖިންގ ރޫމްވެސް ނަގާނީ ބެންޗް ނަގާ އުޞޫލުން ޓީމް ލިސްޓުގައި، A ގައިވާ ޓީމް، ބަދަލު ރެފްރީގެ ވާތްފަރާތުގައި، B ގައިވާ ޓީމް ބަދަލްރެފްރީ ގެ ކަނާތް ފަރާތުގައެވެ. މީގެއިތުރުން މިކައުންސިލުން ޗޭންޖިންގ ރޫމްގައި އެދުވަހެއް ކުޅޭ ދެޓީމުގެ ނަން ރޫމްގައި ހަރުކުރެވިފައި ހުންނާނެއެވެ.
19- ޓީމު ލިސްޓް:
19.1- ކުޅެން ހަމަޖެހިފައިވާ ފުރަތަމަ 11 ކުޅުންތެރިންނާ، ބަދަލް 12 ކުޅުންތެރިންގެ ލިސްޓެއް ޓީމުގެ މެނޭޖަރ ނުވަތަ ކޯޗް ސޮއިކޮށް، މެޗް ފެށުމުގެ 45 މިނެޓް ކުރިން މެޗް ކޮމިޝަނަރަށް ޙަވާލް ކުރަންވާނެއެވެ. ޓީމް ލިސްޓްގައި ޖަހަންވާނީ މިކައުންސިލުން ކުރި އިޢްލާނާ ގުޅިގެން މިއިދާރާއަށް ހުށަހަޅާރަޖިސްޓްރީ ކުރެވިފައިވާ ޓީމް ލިސްޓުގައިވާ ކުޅުންތެރިންނާ އޮފިޝަލުން ނެވެ. އެނޫން ކުޅުންތެރިންނާ އޮފިޝަލަކު ލިސްޓްގައި ހިމަނާފައިވާކަން ފާހަގަވާ ހިސާބުން އެމީހަކު ބެންޗުން އަދި މެޗުން ބޭރުކުރެވޭނެއެވެ. އަދި މިޤަވާއިދުގައި ވާ ގޮތުގެމަތީން ޢަމަލް ކުރެވޭނެއެވެ.
20- ކުޅޭ ބޯޅަ:
20.1- މެޗްތައް ކުޅޭނީ ފުޓްބޯޅަ ޤަވާޢިދުގެ ދެވަނަ މާއްދާގައި ބަޔާންކުރާ އަދި މިކައުންސިލާ އިންތިޒާމް ކޮމިޓީ އަދި ރެފްރީން ޤަބޫލްކުރާ ފެންވަރެއްގެ ބޯޅައަކުންނެވެ. ނަމަވެސް މިގޮތަށް ކަޑައަޅާ ބޯޅާގައި "ފީފާ އެޕްރޫވްޑް" ލިޔެފައި ނެތި ހިގާދާނެއެވެ.
21- ދަނޑަށް ޙާޟިރުވުން:
21.1- މެޗް ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 1 ގަޑިއިރުގެ ކުރިން ކުޅޭ ދެޓީމް ދަނޑަށް ޙާޟިރުވާން ޖެހޭނެއެވެ.
21.2- އެދުވަހެއްގައި ކުޅެން ހަމަޖެހިފައިވާ މެޗް ކުޅުމަށްޓަކައި، މެޗް ކުޅެން ފަށަން ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ކުރިން، މި ޤަވާޢިދާއި، އެއްގޮތަށް ހެދުން އަޅައި ކުޅެން ތައްޔާރުވެގެން ތިބި 11 ކުޅުން ތެރިންނާއި، މެނޭޖަރ (އ. މެނޭޖަރ، ނުވަތަ މެނޭޖަރގެ ޒިންމާ އުފުލޭނޭ އޮފިޝަލެއް) ޙާޟިރުނުވެގެން މެޗް ފަށަން ކަނޑައެޅިފައިވާ ގަޑިއަށް މެޗް ނުފެށިއްޖެނަމަ، އެޓީމަކާމެދު މި ޤަވާޢިދގެ 11.4، 11.6 ގައިވާ ގޮތުގެ މަތީން ޢަމަލް ކުރެވޭނެއެވެ.
22- ގަޑިއަށް މެޗް ފެށުން:
22.1- ކޮންމެ މެޗެއްވެސް ގަޑިއަށް ފެށުމަށްޓަކައި ކަޑައެޅިފައިވާ ގަޑިއަށް ޓީމް ދަނޑަށް ނެރެންޖެހޭނެއެވެ. މިގޮތުން މެޗް ފެށުމަށް ހަމަޖައްސާފައިވާ ގަޑިއަށް މެޗް ފެށުމަށްޓަކައި ޓީމް ދަނޑަށް ނެރުމަކީ މެނޭޖަރާއި، ކޯޗުގެ މަސްއޫލިއްޔަތެކެވެ. އަދި ޓީމް ގަޑިއަށް ނެރުމަށްޓަކައި ޓީމްގެ މެނޭޖްމަންޓުންވެސް ބާރު އަޅަންވާނެއެވެ.
22.2- މިކައުންސިލުން އަދި އިންތިޒާމް ކޮމިޓީން ނުވަތަ ރެފްރީންނާ ލައިންސްމަނުންނަށް ދިމާވާ ކަމަކުން މެޗް ފެށުން ލަސްވާނަމަ އެކަން ދެޓީމުގެ މެނޭޖަރާ ކޯޗަށް އަންގަންވާނެއެވެ.
23- ޓެކްނިކަލް އޭރިޔާ ތެރޭގައި ޙަރަކާތްތެރިވުމާއި، ޓީމަށް އިރުޝާދު ދިނުން:
23.1- މެޗް ހިނގަމުންދާ ވަގުތު ޓެކްނިކަލް އޭރިޔާ ތެރޭގައި ކޮޅަށް ހުރެވޭނީ އެއްވަގުތެއްގައި އެންމެ އޮފިޝަލަކަށެވެ. މިގޮތުން ޙަރަކާތްތެރިވާ އޮފިޝަލުންގެ ހެދުން ހުންނާންވާނީ ދެޓީމް ބޭނުންކުރާ ޖާޒީއާއި، ތަފާތު ކުލައަކުންނެވެ. ޓީމުގެ އޮފިޝަލުން ފިޔަވައި އެއްވެސް ކުޅުންތެރިޔަކު ޓެކްނިކަލް އޭރިޔާތެރޭގައި ޙަރަކާތްތެރިވުމަކީ މަނާކަމެކެވެ. މީގެ އިތުރުން ޓީމަށް އެހީތެރިވުމަށްޓަކައި ޓީމުގެ އޮފިޝަލުން ފިޔަވައި ކަމާ ނުބެހޭ އިތުރުމީހުން ޓެކްނިކަލް އޭރިޔާ ތެރެއަށް ވަނުމަށް ޓީމުން ހުއްދަ ދިނުމަކީ މަނާކަމެކެވެ.
24- މެޗް ދޫކުރުން
24.1- މެޗް ދޫކޮށްލުމަކީ މުބާރާތުގައި ވާދަކުރާ އެހެން ޓީމަކަށް ކުރިޔަށް ދިޔުމަށް ހުރަހެއް އެޅޭފަދަ ނަތީޖާއެއް ނެރުމަށް ޓީމަކުން ނުވަތަ ޓީމުތަކެއް ބައިވެރިވެގެން ޤަޞްތުގައި ކުރުމެވެ. އެއްވެސް ޙާލެއްގައި މެޗް ދޫކުރުމަކީ ކުޅިވަރުގެ ރޫޙާ ޚިލާފް ކަމެކެވެ.
24.2- މެޗް ދޫކޮށްލިކަމަށް މުބާރާތުގެ ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި އެމަސްއަލަ ބެލޭނެއެވެ. މަސްއަލަ ބެލުމަށްފަހު، މަސްއަލާގެ ބާވަތުން މެޗް ދޫކޮށްލި ޓީމު ނުވަތަ ޓީމްތަކުން އެޓީމަށް ނުވަތަ ޓީމްތަކަށް ލިބިފައިވާ ޕޮއިންޓާއި، ގޯލް އުނިކުރެވޭނެއެވެ.
25- ޑިސިޕްލިނަރީ މަސްއަލަތައް:
25.1- މުބާރާތުގައި ކުޅުންތެރިއަކަށް 3 ރީންދޫކާޑު ދައްކައިފިނަމަ، ދެންކުޅެވޭނީ މެދަށް އެއް މެޗުގެ ސަސްޕެންޝަނަކަށްފަހުއެވެ.
25.2- މި މުބާރާތުގައި ޓީމެއްގެ ކުޅުންތެރިޔަކަށް، އެއް މެޗެއްގައި ދެފަހަރަށް ރީންދޫކާޑު ދައްކާފިނަމަ، އެކުޅުންތެރިޔަކަށް ޖެހިގެން އަންނަ މެޗެއް ނުކުޅެވޭނެއެވެ. އަދި ރަތްކާޑެއް ދެއްކިނަމަވެސް ދެން ޖެހިގެން އަންނަ މެޗެއް ނުކުޅެވޭނެއެވެ. އަދި މަސްއަލަ ބެލުމަށްފަހު ކުށުގެ ބާވަތުން ދެން އެކުޅުންތެރިޔަކު މި މުބާރާތުގެ ކުރިޔަށް ހުރި މެޗްތަކުގައި ނުވަތަ މުޅި މުބާރާތުގައި ނުކުޅެވޭގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީއަށް ލިބިގެންވެއެވެ.
25.3- އޮފިޝަލެއްގެ ޢަމަލްތައް ހުރި ގޮތުން ޓީމުގެ ބެންޗުން އޮފިޝަލަކު ފޮނުވާލެވިއްޖެނަމަ ޖެހިގެން އަންނަ މެޗްގައި އެ އޮފިޝަލަށް ބެންޗަކަށް ނާދެވޭނެއެވެ. އަދި މަސްއަލަ ބެލުމަށްފަހު ކުށުގެ ބާވަތުން އެ އޮފިޝަލަކު ކުރިޔަށްހުރި މެޗްތަކުގައި ނުވަތަ މުޅި މުބާރާތުގައި ބެންޗަށް ނާދެވޭގޮތަށް ސަސްބެންޑް ކުރުމުގެ އިޚްތިޔާރު ޑިސިޕްލިނަރީ ކޮމިޓީއަށް ލިބިގެންވެއެވެ.
25.4- އޮފިޝަލެއްގެ ޢަމަލްތައް ހުރިގޮތުން ބެންޗުން ފޮނުވާ ނުލިނަމަވެސް، އެ އޮފިޝަލެއްގެ މަސްއަލަ މެޗް އޮފިޝަލުން ރިޕޯޓް ކޮށްފިނަމަ އެ މަސްއަލަ އެއް ބެލުމަށްފަހު ނަޞޭޙަތްދިނުން، ޖޫރިމަނާކުރުން ، ބެންޗަށް ނާދެވޭގޮތަށް ހަމަޖެއްސުން އަދި ސަސްޕެންޑް ކުރުމުގެ އިޚްތިޔާރު ޑިސިޕްލިނަރީ ކޮމިޓީއަށް ލިބިގެންވެއެވެ.
25.5- މި މާއްދާގެ އެއްވަނަ ނަމްބަރުގައި ބަޔާން ކުރެވިފައިވާ ކުޅުންތެރިންނަށް ދައްކާ ކާޑުގެ ރެކޯޑް ބެލެހެއްޓުމަކީ އެޓީމެއްގެ މަސްއޫލިއްޔަތެކެވެ. ކާޑު ހަމަވުމުގެ ސަބަބުން ޖެހިގެން އަންނަ މެޗް ނުވަތަ މެޗްތައް ނުކުޅެވޭ ކުޅުންތެރިން މެޗްގައި ނުކުޅުވުމަކީ ޓީމުން ކުރަންޖެހޭނޭ ކަމެކެވެ. މި ރެކޯޑް ބެލެހެއްޓުމަށް ސާފްކުރަން ބޭނުންވާ މަޢްލޫމާތު މެޗް އޮފިޝަލުންގެ ކިބައިން ލިބޭނެއެވެ.
26- މަނާ ބޭސް:
26.1- ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ބޭނުންކުރުމަށް މަނާކޮށްފައިވާ އެއްވެސް ބޭހެއް އެއްވެސް ކުޅުންތެރިޔަކު ބޭނުން ކުރުމަކީ މަނާކަމެކެވެ. މިފަދަ ބޭހެއް ބޭނުންކޮށްގެން މެޗް ކުޅެފިކަން އެގިއްޖެނަމަ އެމަސްއަލަ އެއްބަލާ ފިޔަވަޅު އެޅޭނެއެވެ. މިފަދަ ބޭހާބެހޭ މަޢްލޫމާތު ސާފްކުރަން ބޭނުންވާނަމަ އެކަމާބެހޭ މަޢްލޫމާތު މިކައުންސިލުން ލިބޭނެއެވެ.
27- ރެފްރީ، އެސިސްޓެންޓް ރެފްރީން:
27.1- މި މުބާރާތުގެ ރެފްރީކަމާއި، އެސިސްޓެންޓް ރެފްރީކަން ކުރާނީ އެފްއޭއެމް ގެ ބެލުމުގެ ދަށުން ކަޑައަޅާފައިވާ ރެފްރީންނާއި، އެސިސްޓެންޓް ރެފްރީންނެވެ. ނަމަވެސް އެފް އޭ އެމްގެ ރެފްރީން ނުލިބިއްޖެނަމަ ނުވަތަ އެދުވަހުކުޅެން ހަމަޖެހިފައިވާ މެޗަށް ރެފްރީންނަށް ނާދެވިއްޖެނަމަ ނުވަތަ ރެފްރީއަކު އެކަނި ހުރިނަމަ އެފަރާތަކަށް ފުރުޞަތު ދިނުމާއެކު ދެން ރެފްރީންގެ ގޮތުގައި އާއި، ލައިންސްމަނުންގެ ގޮތުގައި ބޭނުންކުރާނީ މި ރަށުގައި ޢާންމުގޮތެއްގައި ރެފްރީންގެ ގޮތުގައި މެޗްތަކުގައި ރެފްރީކަމާ ލައިންސްމަންކަން ކުރާ ބޭފުޅުން ލައްވައެވެ. މިފަދަ ޙާލަތުގައި މެޗްގެ ކޮންޓްރޯލް ގެއްލުވާނުލާ އަދި މަސްލަޙަތު ހިފެހެއްޓުމަކީ ޓީމްތަކާ ކުޅުންތެރިންގެ ޒިންމާއެކެވެ. އެފަދަ ރެފްރީންގެ ފެންވަރާއި ނިންމާ ނިންމުންތަކަށް ކޮންމެ ޓީމަކުންވެސް އިޙްތިރާމްކޮށް ކިޔަމަންތެރިވާންޖެހޭނެއެވެ.
28- މަސްއަލަ ހުށަހެޅުން:
28.1- މި މުބާރާތުގައި މަސްއަލަ އެއް ދިމާވެއްޖެނަމަ ޓީމްތަކާއި ކުޅުން ތެރިން އަދި އޮފިޝަލުން މަސްއަލަ ހުށަހަޅަންޖެހޭނީ ކ. ގުރައިދޫ ކައުންސިލަށް ނުވަތަ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޑިސިޕްލިނަރީ ކޮމިޓީއަށް ނުވަތަ މުބާރާތް ހިންގާ ކޮމިޓީއަށެވެ. މީގެ އިތުރުން [email protected] އަށްވެސް މެއިލްގެ ޒަރީޢާއިން މަސްއަލަ ހުށަހެޅޭނެއެވެ.
28.2- މެޗެއްގައި މަސްއަލަ އެއް ދިމާވެއްޖެނަމަ މަސްއަލަ ހުށަހަޅަންވާނީ މެޗް ނިމޭތާ 02 ގަޑިއިރަށްވުރެ ލަސްނޫން ވަގުތެއްގެ ތެރޭގައެވެ. މަސްއަލަ ހުށަހަޅަންވާނީ ޓީމްގެ ނަމުގައި ލިޔުމުކުން އެޓީމެއްގެ މެނޭޖަރު ސޮއިކޮށްފައެވެ. 02 ގަޑިއުރަށްވުރެ ފަހުން ހުށަހަޅާ ލިޔުމެއް މަސްއަލައެއް ޤަބޫލެއް ނުކުރެވޭނެއެވެ.
28.3- މަސްއަލަ ހުށަހަޅާތާ، 24 ގަޑިއިރުގެ ތެރޭގައި މަސްއަލަ ހުށަހެޅި ފަރާތަށް ޖަވާބެއް ދޭންވާނެއެވެ. ނަމަވެސް މަސްއަލާގެ ބާވަތުން މަސްއަލަ މުޅިން ސާފްވެ ޙައްލު ނުވާނަމަ ޖަވަބެއް ނުދީ މަޑުކުރެވިދާނެއެވެ.
28.4- ކުޅުމުގެ ޙަޤީޤަތުގެމަށްޗަށް ބިނާކޮށް ރެފްރީ ކަނޑައަޅާ ނިޔާއަކީ އެންމެ ފަހުގެ ނިޔާކަމަށްވާތީ، އެބާވަތުގެ މަސްއަލަތައް ހުށަހަޅާ އިޢްތިރާޟުގައި ހިމަނައިގެން ނުވާނެއެވެ.
29- އިނާމުދިނުމުގެ ރަސްމިއްޔާތު:
29.1- މެޗްގައި ކުޅުނު ދެޓީމް ކުޅުންތެރިންނާ އޮފިޝަލުން އިނާމު ދިނުމަށްޓަކައި ބޭއްވޭ ރަސްމިއްޔާތަށް ކަނަޑައެޅިފައިވާ ގަޑިއަށް ނުވަތަ ގަޑި އިޢްލާން ކުރުމާއެކު ސްޓޭޖް ކުރިމަށްޗަށް ޙާޟިރުވާން ޖެހޭނެއެވެ. ޓީމެއް ޙާޟިރުވީކަމަށް ބަލާނީ މަދުވެގެން 13 ކުޅުންތެރިންނާއި، 03 އޮފިޝަލުން ޙާޟިރުވުމުންނެވެ. މިއާ ޚިލާފްވެއްޖެނަމަ އެޓީމަކާ ދެމެދު ޑިސިޕްލިނަރީ ކޮމިޓީންފިޔަވަޅު އެޅޭނެއެވެ.
29.2- އިނާމުދިނުމުގެރަސްމިއްޔާތުގައި އިނާމާއި އަދި ތަށި ލިބިގަތުމަށް ކުޅުންތެރިން ޙާޟިރުވާއިރު ތިބެންޖެހޭނީ މެޗް ކުޅުނު ޖޯޒީގައި ނުވަތަ ޓެނިހަށް އަރާފައެވެ. އަދި އޮފިޝަލުން ތިބެންވާނީވެސް އޮފިޝަލް ޔުނީފޯމުގައި ޓެނިހުގައެވެ. އިނާމު ލިބިގަތުމަށް ސްޓޭޖަށް އަރަންވާނީ ދެއަތް ސާފްކޮށްލައިގެންނެވެ.
30- ރައްޒާޤުބެ މެމޯރިއަލް ކަޕް ފުޓްބޯޅަ މުބާރާތް ހިންގުން:
30.1- މި މުބާރާތް ހިންގާނީ، މިޤަވާޢިދުގައި ބަޔާންކޮށްފައިވާ ފަދައިން މި މުބާރާތް ހިންގާ ކުރިޔަށް ގެންދިޔުމަށް އެކުލަވާލާ ހިންގާ ކޮމިޓީއާއި، ޑިސިޕްލިނަރީ މަސްއަލަތަކާއި މުބާރާތުގައި ޖެހޭ ތަފާތު މަސްއަލަތައް ޙައްލުކޮށް ފިޔަވަޅުއަޅާ ގޮތެއް ނިންމުމަށް ބާރު ލިބިގެންވާ ޑިސިޕްލިނަރީ ކޮމިޓީގެ ޚާއްޞަ ބެލުމުގެ ދަށުންނެވެ.
31- މުބާރާތް އިންތިޒާމްކޮށް ބެލެހެއްޓުން: (ހޯސްޓްކުރުން):
31.1- މި މުބާރާތުގެ މެޗްތައް ކުޅުމަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ހަމަޖައްސާ ބަލަހައްޓާނީ ގުރައިދު ކައުންސިލުގެ އިދާރާއިންނެވެ.
32- ކުޅިވަރުގެ ރޫޙް ދެމެހެއްޓުން:
32.1- ރައްޒާޤުބެ މެމޯރިއަލް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅެ ނިންމުމަށް މުބާރާތުގައި ބައިވެރިވާ އެންމެހާ ޓީމްތަކާއި، ޓީމްތަކަށް ނިސްބާތްވާ އޮފިޝަލުންނާ މަސްއޫލްވާ ފަރާތްތަކާއި، ސަޕޯޓަރުންނާއި އަދި އެހެނިހެން ހެޔޮއެދޭ ފަރާތްތަކުގެ ކިބައިން މި މުބާރާތުގެ ކުޅިވަރުގެ ރޫޙާއި، އެއްގޮތަށް ބާއްވާ ނިންމުމުގައި މި ކައުންސިލް އިދާރާއަށާ، އިންތިޒާމް ކޮމިޓީއާއި ޑިސިޕްލިނަރީ ކޮމިޓީއަށް ހުރިހާ ޙާލަތެއްގައިވެސް އެހީތެރިކަމާ އެއްބާރުލުން ދޭންވާނެއެވެ. މުބާރާތުގައި ބައިވެރިވާ އެންމެހާ ޓީމްތަކާއި މަތީގައި ދެންނެވި ފަރާތްތައް ކުޅިވަރުގެ ރޫޙާއި، އެއްގޮތަށް ބާއްވާ ނިންމުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ.
32.2- ކުޅިވަރުގެ ރޫޙާ ޚިލާފަށް ޢަމަލްތައްބަހައްޓާ ސަޕޯޓްކުރުމާއި ކުޅުމުގައި އަޚްލާޤީ ފެންވަރުދަށް ޢަމަލްތަކާއި ހަޑިހުތުބަހުން މުޚާތަބުކުރުމާއި، އެހެންމީހުނަށް ސީދާ ޖެއްސުންކޮށް އުދަގޫކުރުމާއި ރާއްޖެގައި ހެދިފައިވާ ޤާނޫނާ ޤަވާއިދާ ޚިލާފް އަދި އިސްލާމްދީނާ ޚިލާފް އެއްވެސް ޢަމަލެއް މުބާރާތްހިންގާ ކ. ގުރައިދޫ ފުޓްބޯޅަދަނޑު އެކުލެވިގެންވާ ކ. ގުރައިދޫ ސްޕޯޓްސް އެރީނާ ސަރަޙައްދުގައި ހިންގާތަން ފެނިއްޖެނަމަ އެފަރާތަކާމެދު ޤަވާޢިދުން ފިޔަވަޅު އެޅޭނެއެވެ. އަދި މިޤަވާޢިދުގައި ބަޔާންކުރާ އަދަބުތަކާ ޖުރުމަނާތައްވެސް ދެވޭނެއެވެ. އަދި މީގެ އިތުރުން ރަށުތެރޭގައިވިޔަސް މުބާރާތަށް އެއްވެސް އަސަރެއް ކުރާގޮތަށް ޢަމަލްކުރާ ފަރާތްތައްވެސް ބަލާ ފިޔަވަޅު އެޅޭނެއެވެ.
33- ދަނޑު ތައްޔާރު ކުރުމާއި، މުބާރާތާއި ބެހޭ އިންތިޒާމްތައް ބެލެހެއްޓުން:
33.1- ދަނޑު ތައްޔާރުކުރުމާއި، ކުޅިބަލާމީހުންގެ ކަންތައްތައް ބެލެހެއްޓުމާއި، ދަނޑުގެ އިންތިޒާމްތައް ހަމަޖައްސާނީ މިކައުންސިލާ، މިކައުންސިލް އިދާރާގެ ސްޓާފުންނާއި، ކައުންސިލުން މުބާރާތަށް އުފައްދާފައިވާ ޑިސިޕްލިނަރީ ކޮމިޓީއާ އިންތިޒާމްކޮމިޓީން ގުޅިގެން މުބާރާތް އިންތިޒާމްކޮށް ބެލެހެއްޓުމަށް ޙަވާލްވެފައިވާ ފަރާތުންނެވެ. ނަމަވެސް ދަނޑުތައްޔާރު ކުރުންފަދަ މުހިންމު ބޮޑެތި މަސައްކަތްތައް ހިންގުމުގައި އެންމެހާ ޓީމްތަކުގެ އެހީތެރިކަން ދޭންވާނެއެވެ.
34- ސަލާމަތީ ކަންކަން ބެލެހެއްޓުން:
34.1- މި މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓެމުންދާނީ މިކައުންސިލުން އުފައްދާފައިވާ ކޮމިޓީތަކާ، ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެންނެވެ.
34.2- މެޗް ހިނގަމުންދާވަގުތު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޕޮލިހުން އަދި މިކައުންސިލްގެ ސްޓާފުން އަދި އެކަމަށް ކަޑައަޅާފައިވާ މީހުން އަންގަވާ ގޮތެއްގެ މަތީން ޓީމްތަކުންނާއި، އޮފިޝަލުން މެނޭޖަރުން އަދި އެޓީމެއްގެ ސަޕޯޓަރުން ޢަމަލްކުރަންވާނެއެވެ.
35- ޚަބަރު ފެތުރުން / ނޫސްވެރިންނާ، ފޮޓޯނަގާމީހުން:
35.1- މި މިމުބާރާތުގެ ޚަބަރުތައް ކަމާގުޅޭ ރަސްމީ އިދާރާތަކާއި ނޫސް މަޖައްލާތަކާއި، ޓީވީތަކަށް ރަސްމީގޮތެއްގައި ދޭނީ މިކައުންސިލުގެ މީޑިއާ ގްރޫޕުންނެވެ. މީގެ އިތުރުން މި ކައުންސިލްގެ ފޭސްބުކް ޕޭޖަށް ދުވަހުން ދުވަހަށް މުބާރާތާބެހޭ ޚަބަރާ ފޮޓޯ އަޕްލޯޑްކުރެވޭނެއެވެ.
35.2- މުބާރާތުގެ މެޗްތައް ކަވަރޭޖް ހެދުމަށްޓަކައި ޚަބަރު ތައްޔާރުކޮށް ބޭނުންވާ ފޮޓޯނެގުމާއި، ވީޑިއޯ ކުރަން ބޭނުންވާ ފަރާތްތަކަށް މެޗް ކަވަރޭޖް ހެދުމަށް ދަނޑަށް ވަދެ އުޅުމަށް ޚާއްޞަ ކުރެވިފައިވާ ފާސް ކަޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނޫސްވެރިންނާ، ފޮޓޯ ގްރާފުންނަށާއި، ކެމެރާމަނުން ބޭނުންކުރަންވާނެއެވެ. އެކަމަށް ކަޑައަޅާފާސް މިކައުންސިލުން ލިބޭނެއެވެ. އަދި މިފަދަ ބޭފުޅުންވެސް ތިބެންވާނީ އޮފިޝަލް ބޫޓް ނުވަތަ ޓެނިހުގައެވެ.
36- އިތުރު މަސްއަލަ:
36.1- މި ޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ އެމަސްއަލަ އަކާބެހޭ ކޮމިޓީއަކާ މަޝްވަރާ ކުރުމަށްފަހު މިކައުންސިލުންނެވެ.
36.2- މި މުބާރާތުގައި މަސްއަލަ އެއް ދިމާވެއްޖެނަމަ ޓީމާއި، އޮފިޝަލުން އަދި ކުޅުންތެރިންވެސް މަސްއަލަ ހުށަހަޅަންޖެހޭނީ މިކައުންސިލަށެވެ.
37- ޤަވާޢިދުތަކަށް އެއްބަސްވެ އިޙްތިރާމްކުރުން:
37.1- މު ބާރާތުގައި ދިމާވާ މަސްއަލަތަކާއި، ގުޅިގެން މިކައުންސިލާ ކޮމިޓީތަކުން ނިންމާ އެއްވެސް ނިންމުމަކާމެދު ހިތްހަމަ ނުޖެހިގެން ޓީމަކަށް ޓީމުގެ އޮފިޝަލަކަށް އަދި ކުޅުންތެރިޔަކަށް ޝަރުޢީ ކޯޓަކަށް އެމަސްއަލައެއް ހުށައެއް ނޭޅޭނެއެވެ.
37.2- މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކާއި، ކުޅުންތެރިންނާއި، އަދި އޮފިޝަލުން މުބާރާތުގައި ބައިވެރިވުމުން އެފަރާތްތަކުން މި ޤަވާޢިދަށާއި، ފީފާގެ ޤަވާޢިދުތަކާއި، ފުޓްބޯޅައަށް އެފްއޭއެމް އިން މި ރާއްޖޭގައި ހަދާފައިވާ ޤަވާޢިދުތަކާ، ކުޅިވަރު ސާމާނާބެހޭ ޤަވާޢިދުފަދަ ޤަވާޢިދުތަކަށް ޢަމަލްކުރުމަށް އެއްބަސް ވެވުނީއެވެ.
37.3- އެޓީމެއްގެ ކުޅުންތެރިންނާއި، އޮފިޝަލުންނަށް މުބާރާތުގެ ޤަވާޢިދު އޮޅުންފިލުވައިދީ އަދި ޤަވާޢިދަށް ޢަމަލްކުރުމަށް އެފަރާތްތަކަށް އެންގުމަކީ އެ ޓީމެއްގެ އިސްވެރިންނާ، ޓީމްގެ މެނޭޖަރުގެ ޒިންމާ އެކެވެ.
30 މެއި 2025