ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން (ގޯތިތަކާއި، ގޯތިތަކާއި އިންވެގެންވާ މަގުތައް ސާފުރުރުން)

         ގައްދޫގެ ވެށި ސާފުކޮށް ބޭއްވުމަމަކީ ކައުންސިލުން އަބަދުވެސް ވަރަށް އިސްކަންދީގެން ކުރަމުންގެންދާ މަސައްކަތެކެވެ. އެގޮތުން ރަށުގެ މަގުތަކާއި، ހުސްބިންތަކާއި ރަށުގެ ހޭޅިފަށާއި، ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި މިގެންދަނީ ކުރަމުންނެވެ. ގައްދުއަކީ ނިސްބަތުން ފަޅު ގޯތިތަށް ގިނަ ރަށަކަށްވެފައި ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ފަޅު ގޯތިތައް ސާފުކޮށް ނުބަލަހައްޓާތީ އެކަމުގެ ޝަކުވާ އާންމު ރައްޔިތުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުން މިއިދާރާއަށް އަބަދުވެސް ހުށަހަޅަމުން އެބަދެއެވެ.

         ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގައިވާ ގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައި ހުންނަ ގޯއްޗާއި އެ ގޯއްޗާއި ގުޅިފައި ހުންނަ މަގުތައް ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމަކީ އެ ގޯއްޗެއްގެ ވެރިފަރާތް ނުވަތަ ގޯއްޗާއި ހަވާލުވެގެން ހުންނަ ފަރާތުން ކުރައްވަންޖެހޭ ކަމެކެވެ. ނަމަވެސް ބައެއް ގޯތިތަކުގެ ވެރިން މިކަމަށް އެކަށީގެންވާ ސަމާލުކަން ދެއްވާކަމަކަށް ދެންނެވޭކަށްނެތެވެ. ކުރިޔަށްއޮތީ އަޟްޙާޢިދުގެ ބަންދު ދުވަސްތަކަށްވެފައި ރަށަށް ވަރަށްވެސް ގިނަމީހުން ޒިޔާރަތްކުރާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ރަށުގައިހުރި ހުސްބިންތަކާއި،   ފަޅު ގޯތިތަކާއި، އެގޯތިތަކާގުޅިފައިވާ މަގުތައް ވިނަނޮޅައި ސާފުކުރުމަކީ ވަރަށްވެސް މުހިއްމުކަމެއްކަމުގައި މިއިދާރާއިންދެކޭތީވެ އެތަންތަން ސާފުކުރުމަށް އިލްތިމާސްކުރަމެވެ. ގޯތިތަކާއި ހަވާލުވެގެން ތިއްބަވާ ފަރާތްތަކުން ގޯތިތައް ސާފުކޮށް ނުބަލަހައްޓަވާނަމަ އެފަދަ ގޯތިތަކާއިމެދު ޤާނޫނުގައިވާ ފިޔަވަޅު އަޅަންޖެހިދާނެއެވެ. މިކަމަކީ ކައުންސިލުން ކުރަން ބޭނުންވާކަމަކަށް ނުވިނަމަވެސް ގޯތިތަކާއި މަގުތައް ސާފުކޮށް ނުބަލަހައްޓާނަމަ އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަންޖެހޭނެކަން އެންމެހާ ފަރާތްތަކުންވެސް ޤަބޫލުކުރާނެކަން ޔަޤީންކުރަމެވެ.

          ވީމާ، މިކަންކަމުގެ މައްޗަށް ސަމާލުވެ ގޯއްޗާއި ގޯތިތެރެއާއި. ގޯއްޗާއި ގުޅިފައިވާ މަގުމަތި ސާފުކޮށް ބެލެހެއްޓުމަށް ހަނދާންކޮށްދެމެވެ. މިކަމަކީ މީގެ ކުރިންވެސް އެތަކެއް ފަހަރުމަތިން އަންގާ ހަނދާންކޮށްދީފައިވާ ކަމަކަށް ވީނަމަވެސް ބައެއް ފަރާތްތަކުން އެކަންކަމަށް އެކަށީގެންވާ ސަމާލުކަށް ދެއްވާފައިނުވާތީވެ އަދި މިއަދުން ފެށިގެން 20 ދުވަހުގެ ތެރޭގައި އެފަދަ ގޯތިތަކާއި ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުކުރުމަށް އެންގީމެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 މޭ 2025
ހޯދާ