ދިވެހިރާއްޖެ
ނިލަންދޫއިން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގިނަ އަދަދެއްގެ ގޯތިތަކުގައި އިންފާރު ރާނައި، ސާފުކޮށް ބަލަހައްޓަމުން ނުދާތީ ގޯތިތަކާއި އިންވެގެން ހުންނަ، މީހުން ދިރިއުޅޭ ގޯތިތަކަށް އުނދަގޫ ފޯރަމުންދާތީއާއި، މަގުތަކުން ހިނގާބިނގާވެ އުޅުމަށް ޢާންމު ރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ފޯރަމުން ދިއުމާއި ގުޅިގެން މި ކަންކަމަށް ޙައްލު ހޯދުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލްގެ 04 ވަނަ ދަޢުރުގެ 198 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
މި ގޮތުން ނިލަންދޫއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިންފާރު ނުރާނައި ހުރި ގޯތިތަކުގައި އިންފާރު ރޭނުމަށް މި އިޢުލާނުގެ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މި އެންގުމާއި އެއްގޮތަށް ދީފައިވާ މުއްދަތަށް މަސައްކަތް ނުނިންމާ ގޯތިތަށް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 14 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެގޯއްޗެއް ދޫކޮށްފައިވާ ފަރާތްތާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ، ނިލަންދޫއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިންފާރު ނުރާނައި ހުރި ގޯތަކުގައި މިއަދުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ސާފުކޮށް، ކަންމުޑި އަޅައި ރޭނުމަށް އަންގަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.