ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް 2025އަށް ގެނެވުނު އިސްލާހު

ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތުގެ ބަންޖާއި ޅެންހަދާ މިންގަނޑުތަކަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފައެވެ. އެ ގޮތުން ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް 2025ގެ ގަވާއިދުގެ 9ވަނަ ނަންބަރުގެ (ހ)އަށް މި ވަނީ އިސްލްޙުތަކެއް ގެނެވިފައެވެ. ގެނެވުނު އިސްލާހުތައް ތިރީގައި އެ ވަނީއެވެ.

9- މުބާރާތަށް ހަދާ ޅެންތަކުގައި ހުންނަންޖެހޭ ޝަރުތުތައް

(ހ) ބަންޖާއި ޅެމުގެ ދިގުމިން

އިސްކޫލުތަކުގެ ބައި:

  • މި މުބާރާތުގައި ދަށު ސާނަވީ ގިންތީގެ ދަރިވަރުން ހަދާނީ ބަންޖެވެ. ހަދާ ބަނދީގައި އެއް މައިގަނޑުނަމަކަށް ހަދައިފައިވާ 4 ބަހުގެ ބަނދީގެ 4 ބަނދި މަދުވެގެން އޮންނަންވާނެއެވެ. އަދި ގިނަވެގެން އޮންނަންވާނީ އެއް މައިގަނޑުނަމަކަށް ހަދައިފައިވާ 4 ބަހުގެ ބަނދީގެ 5 ބަންޖެވެ.
  • މި މުބާރާތުގައި ސާނަވީ ގިންތީގެ ދަރިވަރުން ހަދާނީ ޅެމެވެ. ހަދާ ޅެމުގައި އެއް މައިގަނޑުނަމަކަށް ހަދައިފައިވާ 6 ބައިތު، މަދުވެގެން އޮންނަންވާނެއެވެ. ގިނަވެގެން އޮންނަންވާނީ 10 ބައިތެވެ.
  • މި މުބާރާތުގައި މަތީ ސާނަވީ ގިންތީގެ ދަރިވަރުން ހަދާނީ ޅެމެވެ. ހަދާ ޅެމުގައި އެއް މައިގަނޑުނަމަކަށް ހަދައިފައިވާ 8 ބައިތު، މަދުވެގެން އޮންނަންވާނެއެވެ. ގިނަވެގެން އޮންނަންވާނީ 12 ބައިތެވެ.

އަމިއްލަ ގޮތުން ބައިވެރިވުމުގެ ބައި:

  • މި މުބާރާތުގައި އަމިއްލަ ގޮތުން ބައިވެރިވާ ބައިގައި، 18 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިން ހަދާނީ ޅެމެވެ. ހަދާ ޅެމުގައި އެއް މައިގަނޑުނަމަކަށް ހަދައިފައިވާ 8 ބައިތު، މަދުވެގެން އޮންނަންވާނެއެވެ. ގިނަވެގެން އޮންނަންވާނީ 12 ބައިތެވެ.
  • މި މުބާރާތުގައި އަމިއްލަ ގޮތުން ބައިވެރިވާ ބައިގައި، 18 އަހަރުން މަތީގެ އުމުރުފުރާގެ ބައިވެރިން ހަދާނީ ޅެމެވެ. ހަދާ ޅެމުގައި އެއް މައިގަނޑުނަމަކަށް ހަދައިފައިވާ 12 ބައިތު، އޮންނަންވާނެއެވެ. ގިނަވެގެން އޮންނަންވާނީ 18 ބައިތެވެ.
22 މޭ 2025
ހޯދާ