ދިވެހިރާއްޖެ
މިހާރަކަށްއައިސް ބައެއް ފަރާތްތަކުން، ރާއްޖޭގެ އެކިއެކި ރަށްރަށުން ގަނެގެން ގެންނަ އުޅަނދު ފަހަރު، ނުވަތަ އެތައް ޒަމާނެއްވަންދެން ބޭނުންކޮށްފައިވާ ބައު އުޅަނދުފަހަރު، އައު އުޅެއްދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްޓަކައި އައު އޮޑީ ނަންބަރެއް ގެނުމަށްފަހު، އެ ނެގި އޮޑީނަންބަރަށް ރަޖިސްޓްރީ ކުރުމަށްޓަކައި މާވަޑިޔާ ސެޓްފިކެޓް ޗެކުކޮށް ސްޓޭމްޕް ޖެހުމަށް ހުށަހަޅަމުން ގެންދާތީ ދަންނަވަމެވެ.
މާވަޑިޔާ ސެޓްފިކެޓެކީ އެ އުޅަދެއް ބަތް މާވަޑިޔަކު ފުރިހަމަކޮށް ސޮއިކުރުމަށްފަހު، އުޅަނދު ބަތް ރަށެއްގެ ރަށުކައުންސިލުގެ އިދާރާއަށް ސެޓްފިކެޓްގެ އަސްލު ހުށަހެޅުމުން ސާވެޔަރަކު އުޅަނދުގެ މިންތައް ޗެކުކުރުމަށްފަހު، އުޅަނދު ބަތް ރަށުގެ ރަށުކައުންސިލުގެ އިދާރާއިން ސޮއިކޮށް ސްޓޭމްޕް ޖެހުމަށްފަހު ދޫކުރާ ލިޔުމެކެވެ.
"ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު: 2016/R-6) ގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިފަނީ "އަމިއްލަ ފަރުދުން ބަންނަ އުޅަނދު ފަހަރުގެ މާވަޑިޔާ ސެޓްފިކެޓް މި އޮތޯރިޓީއަށް ހުށަހަޅަންވާނީ އެ އުޅަނދެއް ބަނދެފައިވާ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާއިން ކަމާބެހޭ ތަމްރީނު ލިބި، ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތަކުން އުޅަނދުގެ މިންތައް ބަލައި ޗެކުކޮށް މާވަޑިޔާގެ ސެޓްފިކެޓްގައި ސޮއިކޮށް ތައްގަޑު ޖެހުމަށްފަހުގައިއެވެ" މިހެންނެވެ.
އެހެން ކަމުން، މި އިދާރާއިން މާވަޑިޔާގެ ސެޓްފިކެޓް ޗެކުކުރުމަށްފަހު، ސެޓްފިކެޓްގައި ސޮއިކޮށް، ކައުންސިލް އިދާރާގެ ތައްގަޑު ޖަހާދެވޭނީ، ތިރީގައިވާ ގޮތުގެ މަތިން، މިރަށުގައި ބަނދެފައިވާ އުޅަނދު ފަހަރަށް އެކަންޏެވެ.
- ރަށުކައުންސިލްގެ ބެލުމުގެ ދަށުގައިވާ ނުވަތަ ރަށުކައުންސިލުން ބަލަހައްޓާ ބަނޑާރަ ބިމެއްގައި ބަންނަ އުޅަނދެއްނަމަ ނުވަތަ ބަނދެފައިވާ އުޅަނދެއްނަމަ، އުޅަނދު ބަތް ނުވަތަ ބަންނަ ބިން ބޭނުންކުރުމާއި މެދު މި ކައުންސިލާއި އުޅަނދުގެ ވެރިފަރާތާއި ނުވަތަ އުޅަނދު ބަންނަ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިމެއްގައި ބަންނަ ނުވަތަ ބަނދެފައިވާ އުޅަނދު ފަހަރު.
- އަމިއްލަ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ބިމެއްގައި ބަންނަ އުޅަދެއްނަމަ، އުޅަނދު ބަނުމުގެ ކުރިން، އުޅަނދު ބަންނަކަމުގެ މަޢުލޫމާތު ކައުސިލަށް ހުށަހަޅާފައިވާ އުޅަނދުފަހަރު.
އެހެން ރަށެއްގައި ބަނދެގެން ގެނައިސްފައިވާ އުޅަނދު ފަހަރު އަލަށް ރަޖިސްޓްރީ ކުރުމަށްޓަކައި މިއިދާރާއިން މާވަޑިޔާގެ ސެޓްފިކެޓް ޗެކުކޮށް ތައްގަނޑު ޖަހައިނުދެވޭނެވާހަކަ ދަންނަވަމެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން މަރާމާތު ކުރުމަށްފަހު އަލަށް ބަންނަ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހެޅިނަމަވެސް އެފަދަ އުޅަނދު ފަހަރުގެވެސް މާވަޑިޔާ ސެޓްފިކެޓު ޗެކުކޮށް މި އިދާރައިގެ ތައްގަނޑު ޖަހައި ދެވެން ނޯންނާނެ ވާހަކަވެސް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.