އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު ބ. ނެލިވަރު ފިނޮޅަށް ގަވާއިދާ ޚިލާފަށް ވަނުމާއި، އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންދިޔުމާ ގުޅިގެން ކުރެވޭ ޖޫރިމަނާ

18 ޑިސެމްބަރ 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށްވަދެ، އަދި ހަމައެހެންމެ، އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު މި އެޖެންސީއަށް ލިބުމާއި ގުޅިގެން މި އެޖެންސީން ވަނީ އެ މައްސަލަ ބަލާފައެވެ. އެގޮތުން މި މައްސަލަ އާއި ގުޅިގެން މި އެޖެންސީއަށް އެއްކުރެވުނު މަޢުލޫމާތުންނާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ފަރާތުންނާއި، ދިވެހި ފުލުހުންގެ ޙިދުމަތުގެ ފަރާތުން މި އެޖެންސީއަށް ޙިއްސާކޮށްފައިވާ ޙާދިޘާ ރިޕޯޓަށް ބަލައި އަންނަނިވި ކަންކަން މި އެޖެންސީއަށް ކަށަވަރުކުރެވިފައިވެއެވެ. އެގޮތުން ބ. ނެލިވަރު ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްކަމާއި، އަދި އެ ސަރަޙައްދަށް ވަދެ އުޅުމުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފިނަމަ ޤާނޫނު ނަންބަރު 4/93  ގެ ދަށުން ފިޔަވަޅު އެޅިގެން ދާނެކަން ބަޔާންކޮށް، ނަންބަރު: ((IUL)438-ENV/438/2023/486) އިޢުލާން ގެ ކޮޕީއެއް އެއްކަރުދާސް ކުރެވި ސޮނެވާފުއްޓަށް 11 ޖޫން 2024 ގައި ސިޓީ އެއް މި އެޖެންސީން ފޮނުވާފައިވެއެވެ. 18  ޑިސެމްބަރ 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 ބޭފުޅުން ބ. ނެލިވަރު ސަރަޙައްދަށް އިރުއޮއްސި 18:00 ގެ ފަހުން ވަދެފައިވެއެވެ. ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ވަދެފައިވަނީ ގަވާއިދާ ޚިލާފަށް މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަން ފާހަގަކުރެވިފައިވެއެވެ.

ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އެ ސަރަޙައްދުގައި ކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އަލިވާގޮތަށް ރޭގަނޑު އެ ސަރަޙައްދު ދިއްލުމާއި، އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން ޢަމަލުކޮށްފައިވުމާއި އަދި  އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ މަންދޫބުންނާއި، ފުލުހުން 18 ޑިސެމްބަރ 2024 ވަނަ ދުވަހު ބ. ނެލިވަރަށް ހާޒިރުވެ، ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، އެ ސަރަޙައްދު ދޫކޮށްދިޔުމަށް އެންގި އެންގުމާއި ޚިލާފުވެ، އަދި އެފަރާތްތަކަށް އެއްބާރުލުން ދީފައި ނުވެއެވެ. ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދު ދޫކޮށް ގޮސްފައިވަނީ އެ ސަރަޙައްދުގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަންތައްތައްކޮށް ނިންމުމަށްފަހުކަމާއި، އެ ސަރަޙައްދު ސާފުކޮށް ނިމިފައިވާކަން ފާހަގަކުރެވިފައިވެއެވެ.  

އަދި އެ ފަރާތުން މި އެޖެންސީއަށް ފޮނުވާފައިވާ ސިޓީ ގައި 18 ޑިސެމްބަރ 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 ބޭފުޅުން ބ. ނެލިވަރު ސަރަޙައްދަށް އިރުއޮއްސި 18:00 ގެ ފަހުން ވަދެފައިވާކަމާއި، އެ ސަރަޙައްދަށް ވަދެފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަމާއި، އެ ސަރަޙައްދަށް އަލިވާގޮތަށް ރޭގަނޑު ދިއްލިކަމާއި، އެ ސަރަޙައްދުގައި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަމަށް އިޢުތިރާފްވެފައިވެއެވެ.

އިސްވެ ބަޔާންކުރެވު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށްވަދެ، އަދި ހަމައެހެންމެ، އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވުމަކީ ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އާއި ގަވާއިދު ނަންބަރު: 2018/R-78 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އަދި ނަންބަރު:        (IUL)438-ENV/438/2024/224 އިޢުލާނާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާ ޢަމަލުތަކެއް ކަމުގައި ކަނޑައަޅައި އެފަރާތް 448,375/- (ހަތަރުލައްކަ ސާޅީސް އަށްހާސް ތިންސަތޭކަ ހަތްދިހަ ފައެއް) ރުފިޔާއިން ޖޫރިމަނާ ކުރެވިފައިވާކަން 23 އޭޕްރީލް 2025 ގައި އެފަރާތަށް ދަންނަވާފައިވާނެއެވެ. އަދި 23 އޭޕްރީލް 2025 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެންނެވުނު ޖޫރިމަނާއަށްވާ ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް މި އެޖެންސީއަށް ދައްކައި ޚަލާސްކޮށްދެއްވުމަށް އެފަރާތަށްވާނީ ދަންނަވާފައެވެ.

އަދި ދަންނަވަމެވެ. ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، އެފަދަ ސަރަޙައްދުތަކުގައި ޙަރަކާތްތައް ހިނގުމުގައި ގަވާއިދު ނަންބަރު: 2018/R-78 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އާއި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި އިޢުލާންތަކުގައި ބަޔާންކުރާ ކަންތައްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ބޭފުޅުންގެ ޢަމަލުތައް ބެހެއްޓުމަށް މި އެޖެންސީން އިލްތިމާސް ކުރަމެވެ.

27 އެޕްރީލް 2025
ހޯދާ