ދިވެހިރާއްޖެ
ގައްދޫގައި ހިންގާ ވިޔަފާރި ޙަރަކާތްތަކާއި ގުޅޭ؛
ގައްދޫގައި ހިންގަމުންދާ އެކިބާވަތުގެ ވިޔަފާރި ޙަރަކާތްތަކުން ވިއްކަން ހުންނަ މުދަލާއި، ފޯރުކޮށްދޭ ޚިދުމަތްތަކުން ވިޔަފާރި ޙަރަކާތްތައް ކުރިއަށް ގެންދާ ތަނުގައި އެވިޔަފާރިއެއް ހިންގުމަށް ރަޖިސްޓްރީކޮށްފައިވާ ނަންބޯޑު ޢާންމުކޮށް ފެންނާނެހެން ބެހެއްޓުމަށް ދަންނަވަމެވެ.
ވިއްކާމުދަލުގެ އަގަކީ ކޮބައިކަން އެނގޭ ގޮތަށް ހަރުކުރުމަށާއި، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކުން ވިއްކަން ފިހާރަތަކުގައި ބަހައްޓާ ތަކެތި ކަނޑައެޅިފައިވާ މިންގަނޑާއި އެއްގޮތަށް ބެހެއްޓުމަށާއި، މުއްދަތު ހަމަވެފައި ހުންނަ ތަކެތި ވިއްކަން ނުބެހެއްޓުމަށްވެސް ހަނދުމަފުޅުކޮށް އަރުވަމެވެ. ހަމައެއާއިއެކު، އެހެނިހެން ވިޔަފާރި ޚިދުމަތްތަކަކީވެސް އެޚިދުމަތެއްގެ އަގު ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެއްދެވުމަށް ސަމާލުވުމަށް ދަންނަވަމެވެ.
ދެންނެވުނު ކަންކަމަކީ މީގެކުރިން އެކިފަހަރުމަތިން މިކައުންސިލާއި ގައްދޫ ޞިއްޙީ މަރުކަޒާއި ގުޅިގެން ގައްދޫގައި ކުރިއަށްގެންދުވުނު އިންސްޕެކްޝަންތަކުގައި ފާހަނގަކުރެވިފައިވާ އަދި އިޞްލާޙުކުރުމަށް ތަކުރާރުކޮށް ދެންނެވިފައިވާ ކަންތައްތަކެކެވެ.
އެހެންކަމުން, ޤާނޫނު ނަންބަރު 2020-12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ ހ. އާއި ޤާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބަރު: MFDA-FCD STAN 18-2023(Rev.1-2024) (އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލު ކުރަންވީ ގޮތުގެ މިންގަނޑު) އާއި އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ޙަރަކާތްތައް ފުރިހަމައަށް އަދާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.