މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
03 ނޮވެންބަރ 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި، އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް، 1988 ނޮވެމްބަރ 03 ގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމުގައި ޖިހާދުކޮށް ޝަހީދުވެފައިވާ ސިފައިންނާއި، އަދި މި ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖެ ދިފާޢު ކުރުމުގައި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން ދައްކުވައިދެއްވާފައިވާ ފަރާތްތަކުން އިސްލާމްދީނާއި، މި ލޮބުވެތި ވަޠަނާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ވެވަޑައިގަންނަވާފައިވާ ޤުރުބާނީ އާއި ކުރައްވާފައިވާ މަތިވެރި ޖިހާދުގެ އަގު ދިވެހި ރައްޔިތުންގެ ފަރާތުން ސަރުކާރުން ރަމްޒެއްގެގޮތުން ވަޒަންކޮށް، ޝަހީދުންގެ ޢާއިލާތަކަށާއި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން އެދުވަހު ދައްކުވައިދީފައިވާ ސިފައިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު ސަރުކާރުން މިހާރުވަނީ އެކުލަވާލުމަށްފަހު ގެޒެޓްކޮށްފައެވެ.

މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ އަދި މެޑެލް ފޮރ ބްރޭވަރީ ގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް މި އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ސަރުކާރުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. މި އުސޫލް ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން މި ފަރާތްތަކަށް އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ.

03 ނޮވެންބަރ 1988 ގެ އުދުވާނީ ޙަމަލާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް އާދަޔާ ޚިލާފު ހިތްވަރު ދައްކުވައިދިން ޤައުމީ ބަތަލުން އެކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވާއާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމެއްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.  

19 މާރިޗު 2025
ހޯދާ