ދިވެހިރާއްޖެ
ވަގުތު ނޫހުގައި 12 މާރިޗް 2025 ގައި ދިގުރަށު ކައުންސިލް އަދި ދިގުރަށުގެ އަގު ވެއްޓޭ ގޮތަށް ނެރެފައިވާ ޚަބަރު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މިކައުންސިލުން ގަބޫލުކުރާގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ، ދިގުރަށުގެ އިޙްތިސާސް ތެރޭގައި ހިނގާ އެންމެހާކަންކަމަކީ ކައުންސިލުން އެކަމުގެ ޒިންމާ އުފުލާ، އުފެއްދުންތެރި ކަމާއި ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަމުގައި ވާންޖެހެއެވެ.
މިގޮތުން ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި، ހެދިފައިވާ އުސޫލުތަކާއި، ދިވެހިންގެ ދީނާއި ސަގާފަތާއި އާދަކާދަ ރައްކާތެރިކުރުމަށްޓަކައި ހެދިފައިވާ އުސޫލުތަކާއި، ކައުންސިލުގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަންތަނުގެ ސާފުތާހިރުކަމާއި، ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްހަމަޖެހޭ އުފާވެރި އަމާން މާހައުލެއް ހޯދައިދިނުމަށްޓައި ހެދިފައިވާ އުސޫލުތައް ހިމެނެއެވެ.
އެގޮތުން 16 ޖެނުއަރީ 2025 ގައި ގެޒެޓް ކުރެވިފައިވާ އިޢުލާނުގައިވާ ގޮތަށް، މިރަށުގެ ބަނދަރު ފިޔަވާ އެހެން ސަރަހައްދުތަކަށް ކައުންސިލުގެ ހުއްދަ ލިބިގެން މެނުވީ އިންޖީނުލީ އުޅަނދުފަހަރު ކައިރިކުރުމަކީ، މަނާ ކަމެއްކަމުގައި ކަނޑައެޅުމުގެ މަޤުސަދަކީ ބަނދަރު ފިޔަވާ ދެންހުރި ސަރަހައްދު ތަކަކީ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމުކޮށް ހުރިހާ ވަގުތެއްގައި މޫދަށް އެރި އުޅޭ ސަރަހައްދުތަކަށްވާތީ އާއި، އެސަރަހައްދުތަކާއި ގުޅޭ މައުލޫމާތު އެހެން ފަރާތްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނީ އެގޮތަށް ކަނޑައަޅައިގެން ކަމުގައިވާތީއެވެ. މީގެ އިތުރުން ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ މާތް މަގުސަދުގައެވެ.
އަދި ރަށުގެ އެކި ސަރަހައްދުތަކަށް ފައިބާ ފަތުރުވެރިން ނިވާކަންކުޑަ ހެދުމުގައި ތިބުމަކީ ދިގުރަށު ރައްޔިތުން ވަރަށް ކަންބޮޑުވާ އަދި ނުރުހޭ ކަމަކަށްވުމާއި، މިރަށަކީ މީހުން ދިރިއުޅޭރަށެއް ކަމުން، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކާއި އެއްގޮތަށް ކައުންސިލުން ރަށުގެ މަސްލަހަތަށްޓަކައި، ނިވާކަން ކުޑަހެދުމުގައި އުޅޭފަރާތްތަކަށް އެކަން އިސްލާހުކުރުމަށް ނަސޭހަތްދީ ރަނގަޅުކުރުމަކީ ކައުންސިލުން އަބަދުވެސް ކުރަމުންދާ ކަމެކެވެ. މިކަމުގައި، ދިގުރަށު ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ފަތުރުވެރިން އިސްތިސްނާއެއް ނުކުރަމެވެ.
ރަށަށް ލިބިފައިވާ ޤުދުރަތީ ވަސީލަތްތަކަކީ، އެކަމުގެ މަންފާ ރަށާއި ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަކަށްވެފައި އެފަދަ ތަންތަނަކީ ރައްކާތެރިކަމާއި އެކު ސާފުތާހިރުކޮށް ބަލަހައްޓަންޖެހޭ ތަންތަނަށްވީ ހިނދު ދިގުރަށުގެ އަތިރިމައްޗާއި ތުނޑިއަކީ 5 ކިލޯމީޓަރު ދިގު ސަރަހައްދެއްކަމުން ރައްކާތެރިކަމާއި އެކު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ނުހަނު ބޮޑު ހޭދައެއް ކައުންސިލުން ކުރަންޖެހެއެވެ. މިހަރަދުތައް ހަމަޖެއްސުމަށް ތުނޑިއާއި ބީޗް ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަކީ ވިސްނުތެރި މުޖުތަމައެއްގައި އެފަރާތްތަކުންވެސް ގަބޫލުކުރާނެ ތަހުޒީބީ އަމަލެކެވެ.
12 މާރޗް 2025 ވީ ބުދަ ދުވަހު މާފުށިން ފަތުރުވެރިން ގޮވައިގެން، ކައުންސިލުގެ ހުއްދަ ނުހޯދާ ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ގިނައިން މޫދައެރި އުޅޭ ސަރަޙައްދަށް ކައިރިކުރި ޝެޑޯޕާމް މޯލްޑިވްސްގެ ލާންޗެއް އެސަރަހައްދުން ފޮނުވާލުމަށާއި، އެލާންޗުން ދަތުރުކުރި ފަތުރުވެރިން ނިވާކަން ކުޑަ ހެދުންތަކުގައި ތިބުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް ލާންޗްގެ ކުރޫއިންނަށް ނަސޭހަތްތެރި ވުމުން އެކަން އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ފަތުރުވެރިން ރަށަށް ބޭލުމުން ފަތުރުވެރިންނަށް އެމައުލޫމާތު ދިނުމަށް (މިއީ މީހުން ދިރިއުޅޭ ރަށެއްކަމާއި މީހުންދިރި އުޅޭ ރަށްރަށުގައި ނިވާކަން ކުޑަހެދުމުގައި އުޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދު ހުއްދަކުރާ ކަމެއްނޫންކަން ) ކުރަމުން ދިޔަ މަސައްކަތް ފޮޓޯ ނަގައި ވީޑިއޯކޮށް ކަމުގެ ހަގީގަތް އޮޅޭ ގޮތައް، ވަގުތު ނޫހާއި ބައެއް ސޯޝަލް މީޑިޔާ ޕުލެޓް ފޯރމްތަކުގައި، ލިޔެފައިވާ ޚަބަރުތައް ކުއްވެރިކުރަމެވެ. ޝެޑޯޕާމް މޯލްޑިވްސްގެ ލާންޗުން ފޭބި ފަތުރުވެރިންނަށް ނަސޭހަތްތެރިވުމުން، އެފަރާތްތަކުން ބުނަމުން ދިޔައީ އެކަމުގެ މައުލޫމާތު އެފަރާތްތަކަށް ނުލިބޭ ކަމަށާއި ލޯންޗުގެ ކުރޫއިން އިރުޝާދު ދީފައިވަނީ ނިވާކަން ކުޑަހެދުމުގައި ތިބެވޭނެކަމަށާއި، ހުއްދަ ހޯދަން ނުޖެހޭނެކަމަށެވެ.
މާފުށިން ފަތުރުވެރިން ގޮވައިގެން ދިގުރަށަށް އަންނަ ލާންޗްތަކުން ތަކުރާރުކޮށް މިފަދަ އަމަލުތައް ހިންގަމުންދާކަން މިކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. މިކަންސިލުން މިފަދަ ލާންޗުތަކުން އަންނަ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާތީ މިގޮތަށް އަންނަ ލާންޗްތަކުން ފަހަކަށް އައިސް އަމަލުކުރަމުންދާ ގޮތަކީ، ބީޗް ސަރަޙައްދަށް ފަތުރުވެރިން ބޭލުމަށްފަހު ލާންޗް ބޭރުކޮށް ކައުންސިލްގެ ސްޓާފުންނަށް، ލާންޗްތަކުގެ ކުރޫއިންނާއި މުއާމަލާތު ނުކުރެވޭގޮތް ހެދުމެވެ. މިފަދަ ހާލަތްތަކުގައި ސީދާ ފަތުރުވެރިންނާއި މުޢާމަލާތު ކުރަންޖެހި ކައުންސިލުން އެކަން ކުރަމުން ގެންދަމެވެ. އަދި މިގޮތަށް ހުއްދަ ނުހޯދާ އެކި ދިމަދިމާއަށް ކައިރިކުރާ ލާންޗްތަކުން ދަތުރުކުރާ ފަރާތްތަކުން އެސަރަހައްދުގައި އުޅޭ ފަތުރުވެރިންނަށް ބިރުދެއްކުމާއި، ތަކެއްޗަށް ގެއްލުންދިނުމާއި، ގަސްގަހާގެއްސަށް ގެއްލުންދިނުމާއި އަދި އެފަރާތްކަކުގެ ސަބަބުން އުފެދޭ ކުނި އެކިތަންނަށް ދޫކޮށްލާފަ ދިޔުންފަދަ ނާތަހުޒީބު އަމަލުތައް ހިންގާކަންވެސް ވަނީ މިކައުންސިލަށް ފާހަގަކުރެވިފައެވެ. ޝެޑޯޕާމް މޯލްޑިވްސްގެ ލޯންޗު އަދި މާފުށީގެ ގިނަ ލާންޗުތަކުގައި އަންނަ ފަރާތްތަކަށް ތަކުރާރުކޮށް ގިނަ ދުވަސްތަކެއްގައި ވާނީ ނަސޭހަތްތެރިވެވިފައެވެ.
ދިގުރަށުގެ ބަނދަރަށް ކައިރިކުރުމާއި، ބަނދަރު ބޭނުންކޮށްގެން ދިގުރަށަށް އަރާ ފޭބުމަކީ އެއްވެސް ފީއެއް ދައްކަން ޖެހޭ ކަމެއްނޫނެވެ. އަދި ދިގުރަށަށް ދިވެހިންނާއި ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރުމަކީ، މިކައުންސިލާއި، ދިގުރަށުގެ ރައްޔިތުން ނުހަނު މަރުހަބާ ކިޔާކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާއިދުތަކާއި އަދި ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތައް ތަންފީޒްކޮށް ނެގެހެއްޓުމަށްޓައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވަމެވެ.
އަދި ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތައް ތަންފީޒުކުރުމުގައި ގިނަ ފަރާތްތަކަކުން، ޚާއްސަކޮށް ދިގުރަށު ރައްޔިތުންގެ އެއްބާރުލުން ނިހާޔަތައް ލިބެމުންދާކަން ފާހަގަކޮށް، މި ފުރުސަތުގައި އެފަރާތްތަކަށް އިޚްލާސްތެރި ޝުކުރެއް އަދާކުރަމެވެ.