ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްގެ އިދާރާތަކުގެ، ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ޓަކައި އެކުލަވާލާފައިވާ "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2025" އެކުލަވާލައި، މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.
"ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2025" އާއި، މި އުޞޫލާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިލައްވާނެކަމުގައި ވެސް ދެންނެވީމެވެ. https://www.csc.gov.mv/Policy/Index/20
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2025 އަށް ގެނެސްފައިވާ ބަދަލުތައް:
8.1 ވަޒީފާއަށް އެދިފައިވާ ފަރާތްތައް ސްކްރީންކުރުން: މި މާއްދާއަށް (ބ) އަދި (ޅ) އިތުރުކުރެވިފައި.
(ބ) ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ސްކްރީންކުރުމުގެ މަރުޙަލާ ނިމުމުން، އެ ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް ލިބުނު ޕޮއިންޓަށް ބަލައި ލިސްޓު ތަރުތީބުކޮށް، ކެންޑިޑޭޓުންގެ ވަނަވަރުގެ ޚުލާޞާ (ނަމާއި، ތަޢުލީމީ ސަނަދުތަކުގެ ތަފްޞީލު، މަސައްކަތުގެ ތަޖުރިބާގެ މުއްދަތާއި އޭގެ ތެރެއިން ހިންގުމުގެ ތަޖުރިބާގެ މުއްދަތު) ކައުންސިލަށް ފޮނުވައި، އެ އިޢުލާނާއެކު ކުރިއަށްދިއުމާމެދު ލަފާ ހޯދަންވާނެވެ.
(ޅ) ކައުންސިލުގެ ލަފާގެ މަތިން އަލުން އިޢުލާނުކުރަންޖެހޭ ޙާލަތްތަކުގައި ތިރީގައިވާ ކަންކަން ކަށަވަރުކުރަންވާނެވެ.
- އަލުންކުރާ އިޢުލާނުތަކުގައި ކުރިން ވަޒީފާއަށް ކުރިމަތިލައި ޝަރުޠުހަމަވި ފަރާތުން އިޢުލާނަށް އިޖާބަދޭން ބޭނުންވާ ނަމަ، އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ބަޔާންކޮށްފައި އޮންނަންވާނެވެ. އަދި މި ފޯމާއެކު އިތުރު ލިޔެކިޔުންތައް ހުށަނޭޅި ކަމުގައިވީ ނަމަވެސް، ކުރީގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައި ޕޮއިންޓްދޭންވާނެވެ.
- އަލުންކުރާ އިޢުލާނުތަކުގައި ކުރިން ވަޒީފާއަށް ކުރިމަތިލައި ޝަރުޠުހަމަވި ފަރާތުން އިޢުލާނަށް އިޖާބަދޭން ބޭނުންވާ ނަމަ، މި މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެކަން އެ ފަރާތަށް ލިޔުމުން (ސިޓީ ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ރަސްމީ އީ-މެއިލްއިން) އަންގަންވާނެވެ.
14. ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުން މި މާއްދާގެ (އ) އިސްލާޙުކުރުން
(އ) ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ކަނޑައަޅާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.
- ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހުރިހާ މަރުޙަލާތައް ފުރިހަމަކުރި ފަރާތްތަކަށް ލިބުނު ޕޮއިންޓަށް ބަލައި ލިސްޓު ތަރުތީބުކޮށް، ކެންޑިޑޭޓުންގެ ވަނަވަރުގެ ޚުލާޞާ (ނަމާއި، ތަޢުލީމީ ސަނަދުތަކުގެ ތަފްޞީލު، މަސައްކަތުގެ ތަޖުރިބާގެ މުއްދަތާއި އޭގެތެރެއިން ހިންގުމުގެ ތަޖުރިބާގެ މުއްދަތު) އާއި ކްރައިޓީރިއާއިން ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލާއެކު، ކައުންސިލަށް ފޮނުވަންވާނެވެ.
- ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޢްޔަންކުރެވޭނީ އައްޔަނުކުރުމުގެ ކްރައިޓީރިއާއިން %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ފަރާތެކެވެ.
- މަގާމަށް އައްޔަނުކުރުމާމެދު ލަފަޔަކަށް އެދޭނީ އައްޔަނުކުރުމުގެ ކްރައިޓީރިއާއިން %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާފަރާތްތަކުގެ ލިސްޓު ތަރުތީބުންނެވެ.
- ކައުންސިލުގެ ލަފަޔާއެކީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ޢައްޔަނުކުރާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.