މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރުގެ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ ފިޔަވަޅުތައް

ފައިބަރުގެ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ ފިޔަވަޅުތައް

             ފައިބަރުގެ މަސައްކަތަކީ ރާއްޖޭގައި ވަރަށް އާންމު މަސައްކަތެއްގެ ގޮތުގައި ކުރެވެމުންދާ މަސައްކަތެކެވެ. ނަމަވެސް މި މަސައްކަތުގައި ބޭނުންކުރެވޭ ކެމިކަލްތަކަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އެތައް މާއްދާތަކެއް ކަމަށްވުމާއެކު، މި މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ ފިޔަވަޅުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުކޮށްފައެވެ.
              މި ގަވާއިދުގެ ދަށުން ފައިބަރުގެ މަސައްކަތްކުރާ ތަންތަނަކީ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ހުންނަ ތަންތަން ކަމުގައި ވާންޖެހެއެވެ. އަދި މިފަދަ ތަންތަނަށް ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކުރެވިފައިވެއެވެ. މީގެ އިތުރުން، ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރެވޭނީ އެޗްޕީއޭގެ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޝަނަށް ފަހު، އެ ރަށެއްގެ ކައުންސިލުން ހުއްދަލިބިގެންނެވެ.
             ފައިބަރުގެ މަސައްކަތުން އުފެދޭ ކުނި ނައްތާލަންވާނީ ކުނި މެނޭޖްކުރުމުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ ތެރޭގައި ފައިބަރު ޝީޓާއި ފައިބަރު ކުނޑި އަދި ބޭނުންކުރެވޭ އެކިއެކި ކެމިކަލްތައް ހިމެނެއެވެ. އަދި މިހާރަކަށް އައިސް ބައެއް ދޯނިފަހަރުން ހުއްދަ ނެތި ފައިބަރުގެ މަސައްކަތްކުރަމުން ގެންދާކަން ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. މިފަދަ  ގަވާއިދާ ޚިލާފު ޢަމަލުތައް ކުރަމުންދާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

 

          ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

6 ރަމަޟާން   1446 

6 މާރިޗު     2025 

06 މާރިޗު 2025
ހޯދާ