ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބަރު IUL)182-FCD/2015/23) (ތާރީޚު:30 ޖުލައި 2015) ގެ އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނެގުމުގެ ޤާނޫނު) ގެ ދަށުން، ތުއްތު ކުދިންގެ ކާނާ ހިމެނެނީ ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ މުދަލުގެ ތެރޭގައެވެ. ތުއްތު ކުދިންގެ ކާނާގެ ގޮތުގައި ބަލަނީ 3 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ، އެ ކުދިންނަށް ޚާއްޞަ ކާނާގެ ގޮތުގައި ލޭބަލްކޮށްފައިވާ އެންމެހައި ކާނާއެވެ. މި އުސޫލުގެ ދަށުން މިހާތަނާ ޖެހެންދެން "ބޭބީ ވޯޓަރ" އިން ޖީ.އެސް.ޓީ ނަގަމުން އައީ ސުން-ރޭޓުގައެވެ.
ނަމަވެސް، ތަފާތު ބްރޭންޑްތަކުގައި ދިވެހި ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ "ބޭބީ ވޯޓަރ" އަކީ ކުޑަކުދިންނަށް ޚާއްޞަ އުފެއްދުމެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހަވާލާދީފައިވާ އިޢުލާނުގައި ކަނޑައަޅައިފައިވާތީ، ކުޑަކުދިންނަށް ޚާއްޞަކޮށް އުފައްދައިފައިނުވާ ފެނެއް "ބޭބީ ވޯޓަރ" ގެ ގޮތުގައި ލޭބަލް ކޮށްފައިވީނަމަވެސް، އެ ފަދަ ފެނުން މިއަދުން ފެށިގެން ޖީ.އެސް.ޓީ ނަގަން ޖެހޭނެ ކަމުގައި ދެންނެވީމެވެ. އަދި ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭނީ 3 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ، އެ ކުދިންނަށް ޚާއްޞަ ކާނާއިން ކަމުގައި ދެންނެވީމެވެ.
އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.
20 ޝައްވާލް 1436