މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިވެންޓިވް ކެއަރގެ ޚިދުމަތްދޭ ޖަމްޢިއްޔާތައް ޞިއްޙީ ވުޒާރާގައި ރަޖިސްޓްރީ ކުރުމާއި ގުޅޭ

އިޢުލާން

ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)، މި ޤާނޫނަށް ގެނެސްފައިވާ 1 ވަނަ އިޞްލާހުގެ 10 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމުން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ޚިދުމަތުގެ ތެރޭގައި ހިމެނޭ ތިރީގައި ބަޔާންކޮށްފައިވާ ޚިދުމަތްތައް ދެމުންދާ ނުވަތަ ދިނުމަށް ގަސްތުކުރާ ޖަމްޢިއްޔާތަކުން މި ވުޒާރާގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

(ހ) ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް މީހުންގެ އުޅުން  ބައްޓަންކުރަންވީ ގޮތުގެ މަޢުލޫމާތު އޮޅުންފިލުވައިދިނުމާއި، ޞިއްޙީ ކަންކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނުން އަދި ކަމާގުޅޭ ލަފަޔާއި ކައުންސެލިން ދިނުން؛

(ށ) ވެކްސިންދިނުމާއި ވެކްސިންއާ ގުޅުންހުރި ޞިއްޙީ ކަންކަން މޮނިޓަރކުރުމުގެ ހަރަކާތްތައް ހިންގުން؛

(ނ) ދުރާލާ ބަލިތައް ދެނެގަތުމަށް ހިންގޭ ސްކްރީނިން ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛

(ރ) ޞިއްޙީ ހާލަތްތަކާއި ބަލިތަކާ ގުޅިގެން އިތުރަށް ދިމާވެދާނެ ޞިއްޙީ މައްސަލަތައް ދުރާލާ ދެނެގަނެ، އެ މައްސަލަތައް މޮނިޓަރކުރުމަށް ހިންގޭ ސްކްރީނިންގ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛

(ބ) ބަލިބައްޔަށާއި ނުކުޅެދުންތެރިކަމަށް ހުށަހެޅުމަށް ހުރި ހިރާސްތަކާ ގުޅޭގޮތުންނާއި ބަލިތަކާ ބެހޭގޮތުން ކުރެވޭ އެނޫންވެސް ސަރވޭލަންސްއާއި، ބަލިތައް ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛

(ޅ) ރޯގާތަކާއި ކާރިސާތަކާ ގުޅިގެން ކުރިމަތިވެދާނެ ޞިއްޙީ ހާލާތްތަކަށް ތައްޔާރުވުމުގެ ގޮތުންނާއި، އެފަދަ ރޯގާތަކާއި ކާރިސާތަކާ ގުޅިގެން ކުރިމަތިވާ ޞިއްޙީ ހާލަތްތަކުގައި ހިންގޭ ޕްރޮގްރާމްތަކާއި ހަރަކާތްތައް؛

(ކ) ޖިސްމާނީ އަދި އިޖްތިމާއީ ގޮތުން މުޖުތަމައުގައި ބައިވެރިވުމަށް ބޭނުންވާ ރިހެބިލިޓޭޝަންގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް؛

(އ) ދިވެހިރާއްޖޭގައި ކޮންޓްރޯލްކުރެވިފައިވާ ބަލިތަކާއި ނައްތާލެވިފައިވާ ބަލިތަކުގެ ހާލަތު ދެމެހެއްޓުމަށް ޓަކައި ދެވޭ ޞިއްޙީ ޚިދުމަތްތައް؛

(ވ) ޕްރިވެންޓިވް ކެއަރގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އެނޫންވެސް ޕްރޮގްރާމްތަކާއި ހަރަކާތްތައް.

 

މި ތަންތަން ރަޖިސްޓްރީ ކުރުމާއި ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމުގައި ރިއާޔަތް ކުރެވިގެންދާނީ ގަވާއިދު ނަންބަރު: 2021/R-28 (ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު) އަދި އައުޓްރީޗު ޚިދުމަތް ދިނުމަށް އެކަށައެޅިފައިވާ އަސޫލުތަކަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މި ތަންތަން ރަޖިސްޓްރީކޮށް ޚިދުމަތް ދިނުމަށް އެދި "ހެލްތު ފެސިލިޓީ ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަ ކުރައްވާ ވަރޗުއަލް ކައުންޓަރ މެދުވެރިކޮށް މި ވުޒާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރޭޝަން ފޯމު މި ވުޒާރާގެ ވެބުސައިޓު www.health.gov.mv   އިން ލިބި ވަޑައިގަންނަވާނެއެވެ.

04 މާރިޗު 2025
ހޯދާ