ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މާރިޗު މަހުގެ ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލުން އާންމު މަހަކަށްވުރެ އިތުރުވާ އަދަދު "ރަމަޟާން ޑިސްކައުންޓް" ގެ ގޮތުގައި ދިނުން

      ރަމަޟާން މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރައްވަންޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލު ހުންނާނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ކަރަންޓާއި ފެން ބިލުން އާންމު މަހަކަށްވުރެ އިތުރުވާ އަދަދު "ރަމަޟާން ޑިސްކައުންޓް"ގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަން ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިންނެވެ.

1. "އާންމު މަސް" ކަނޑައެޅުމުގައި ރަމަޟާން މަސް ފަދަ ޑިމާންޑް މަތީ މަސްތައް އުނިކުރުމަށްފަހު އެވަރެޖް ހިސާބުހެދުން. އަދި މިގޮތުން، އެވަރެޖު ހެދުމުގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ މަސްތައްކަމުގައިވާ ފެބްރުވަރީ، މާރިޗް އަދި އެޕްރީލް މަސް އުނިކޮށް، 2024 ވަނަ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވަރެޖަކީ އެކަސްޓަމަރެއްގެ "އާންމު މަސް" ކަމުގައި ބެލުން.

2. ޑޮމެސްޓިކް މީޓަރުތަކަށް މާރިޗު މަހުގެ ބިލު ކުރުމުގައި، މާރިޗު މަހާއި "ޢާންމު މަސް" ކަމަށް ކަނޑައަޅާފައިވާ ޢަދަދުގެ ފަރަގު ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ބިލުކުރުން. އަދި މި ދެންނެވުނު ފަރަގަކީ 10 ޕަސެންޓަށްވުރެ ދަށް އަދަދެއް ކަމުގައި ވާނަމަ މާރިޗު މަހުގެ ބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓް ދިނުން.

3. މާރިޗު މަހާއި "ޢާންމު މަސް" ކަމަށް ކަނޑައަޅާފައިވާ ޢަދަދުގެ ފަރަގު އަޅާކިޔާ އިރު، މާރިޗު 2025 ގެ ބިލު ޢާންމު މަހަކަށް ވުރެ ދަށްވެފައިވާ ކަސްޓަމަރުންނަށްވެސް 10 ޕަސެންޓް ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.

4. މާރިޗު މަހުގައި އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓަރކުރެވިފައިވީ ނަމަވެސް، މިހާތަނަށް ދަށް ޔޫސޭޖެއް ހުރުމުން ނުވަތަ އެވަރެޖެއް ހިސާބުކުރެވޭ މިންވަރަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް (އެއީ 2024 ގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅުގައި އަލަށް ރެޖިސްޓަރ ކޮށްފައިވާ މީޓަރުތަކަށް) 10 ޕަސެންޓްގެ ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން.

    އިސްވެ ދެންނެވުނު ގޮތުގެ މަތިން  ޑޮމެސްޓިކް ކަސްޓަމަރުންނަށް މި އަހަރުގެ މާރިޗް މަހުގެ ބިލް ތައްޔާރުކުރެއްވުމަށް ހުރިހާ އާންމު ޚިދުމަތްތައް ފޯރިކޮށްދޭ ކުންފުނިތަކަށް މިއޮތޯރިޓީންވާނީ އަންގާފައެވެ. އަދި ކުންފުނިތަކުން މިގޮތަށް ތަންފީޒުކުރެއްވިކަން ކަށަވަރުކުރުމަށްޓަކައި މިއޮތޯރިޓީން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަމެވެ.

27 ޝައުބާން 1446

26 ފެބުރުވަރީ 2025
ހޯދާ