އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް އޮބްޒާވްކުރުމަށް

2013 ޖޫން 23 ވީ އާދީއްތަ ދުވަހު ކުރެވިފައިވާ ކޮމިޝަނުގެ ނަންބަރު (A)EC-2013/255 ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް އޮބްޒާވްކުރުމަށް ފުރުސަތު ހުޅުވާލައި ކުރެވިފައިވާ އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހު، އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 13:00 އަށް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިންނާއި، ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓެވެ. އަދި ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން އެޕްލިކޭޝަން ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މި ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  4. ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެ ތަކެތި ހުށަހަޅަންޖެހޭނީ އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި، ފާސްދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ތިރީގައިވާ ގޮތަށެވެ.

  1. ސިޔާސީ ޕާޓީތަކުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އިއުލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށެވެ. ސިޔާސީ ޕާޓީތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ޕާޓީގެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
  2. އެ ރަށެއްގައި ރަޖިސްޓަރީ ކޮށްފައިވާ މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އެރަށެއްގައި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އިޢުލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާނީ އެރަށެއްގެ އިލެކްޝަންސް ފޯކަލް ޕޮއިންޓަށެވެ. އަދި މާލެއިންނަމަ، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސް ދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިން ސައްތަ އިތުރުނުވާ ގޮތަށެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވިދާނެއެވެ. އަދި އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި، ފާސްދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަންޖެހޭ ތަކެތި އުސޫލުގައި ބަޔާންކުރެވިފައި ވާނެއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށްއެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު އަދި އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި، ފާސްދޫކުރުމަށް  ހަމަޖެހިފައިވާ އުސޫލު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ޝަޢުބާން 1434

26 ޖޫން 2013
ހޯދާ