އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބުގައި މާލޭގެ ރަށްވެހިންނަށް އެމީހަކު ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓު ފޮށި ބަދަލުކުރުމަށް ދެވޭ ޚާއްޞަ ފުރުޞަތު

2013 ސެޕްޓެމްބަރ 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ހުރެގެން ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލެވޭ މުއްދަތުގައި، މާލޭގެ ރަށްވެހިންގެ ތެރެއިން މިދަންނަވާ ފަރާތްތަކަށް (ކަނޑުހުރަސްކޮށް ވޯޓުލުމަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށާއި މާލޭގެ ދަފުތަރުގައި ޖައްސާފައިވާ ފަރާތްތަކަށް) އެމީހަކު ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓުފޮށި ބަދަލުކުރުމަށް އެދޭ ފަރާތްތަކަށް، އެ ފުރުޞަތު މިދަންނަވާގޮތަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

  1. ވިލިމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް، ވިލިމާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވިލިމާފަންނު-4 ނަންބަރު (T.11.1.4) ވޯޓުފޮށްޓަށް ވޯޓުލުމުގެ ފުރުޞަތު ދިނުން.
  2. ހުޅުމާލޭގައި ދިރިއުޅޭ މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް، ހުޅުމާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ހުޅުހެންވޭރު-1 ނަންބަރު (T.01.1.1) ވޯޓުފޮށްޓަށް ވޯޓުލުމުގެ ފުރުޞަތު ދިނުން.
  3. މާލޭގައި ދިރިއުޅޭ ވިލިމާލެއާއި ހުޅުމާލޭގެ ރައްޔިތުނަށް،  އެމީހަކު މިހާރު މާލޭގައި ދިރިއުޅޭ ގެއެއް ހިމެނޭ ސަރަޙައްދުގެ ވޯޓުފޮށްޓަށް ވޯޓުލުމުގެ ފުރުޞަތު ދިނުން.
  4. މާލޭގެ ދަފުތަރުގައި ޖައްސާފައިވާ މީހުންގެ ތެރެއިން، އެމީހަކު މިހާރު މާލޭގައި ދިރިއުޅޭ އެޑްރެސް އިލެކްޝަންސް ކޮމިޝަނަށް އަންގަވާފައި ނުވާ ފަރާތްތަކަށް، އެމީހަކު މިހާރު މާލޭގައި ދިރިއުޅޭ ގެއެއް ހިމެނޭ ސަރަޙައްދުގެ ވޯޓުފޮށްޓަށް ވޯޓުލުމުގެ ފުރުޞަތު ދިނުން.

މަތީގައި ދަންނަވާފައިވާ ފަރާތްތަކަށް އެ ފުރުޞަތު ލިބޭނީ، ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ހުރެގެން ވޯޓުލުމަށްޓަކައި ހުޅުވާލެވޭ މުއްދަތުގައި އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމުންނެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            18 ޝަޢުބާން 1434

27 ޖޫން 2013
ހޯދާ