މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާ ގުޅޭ

މި އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން، ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ހިންގާ އަދި ސަނަދު ދީފައިވާކަމުގެ މަޢުލޫމާތު ރާއްޖެއިން ބޭރުގެ ކަމާބެހޭ ބައެއް އިދާރާތަކުން ވަނީ މި އޮތޯރިޓީއާ ޙިއްސާ ކޮށްފައެވެ. އަދި އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައިވަނީ މި އޮތޯރިޓީން ޤަބޫލުނުކުރާ ރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައިކަން ފާހަގަކުރެވިފައިވެއެވެ.

 

މި އޮތޯރިޓީން މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ޕްރޮގްރާމް އެކްރެޑިޓޭޝަން ހުއްދަ ދީފައިވާނީ ރާއްޖޭގައި ހިންގުމަށެވެ. ވުމާއެކު، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް މި އޮތޯރިޓީގެ ހުއްދައާ ނުލައި ރާއްޖެއިން ބޭރުގައި ހިންގާ، ދަރިވަރުންނަށް ދެވޭ ސަނަދު މި އޮތޯރިޓީން ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ. މި ނޫންގޮތަކަށް ސަނަދު ދެވުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އަދި މި ގެއްލުމުގެ ޒިންމާ އެމް.ކިއު.އޭ އިން ނުނެގޭނެ ވާހަކަ ދެންނެވީމެވެ. ވުމާއެކު، ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގަމުން ގެންދިއުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

 

އަދި ދަންނަވަމެވެ. މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ ރާއްޖޭގެ މަތީ ތަޢުލީމަށް ލިބޭ ކުރިއެރުމެއް ކަމަށް މި އޮތޯރިޓީން ދެކޭ ހިނދު މިކަމާ ގުޅުންހުރި އުޞޫލެއް އެކުލަވާލާ އާއްމުކުރުމުގެ މަސައްކަތް މިއޮތޯރިޓީން ކުރަމުން ގެންދާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ވުމާއެކު، މިކަމަކީ ދަރިވަރުންނާއި އާންމުންނަށް މުހިއްމު މަޢުލޫމާތެއް ކަމުގައިވާތީ މިކަން އާއްމުކޮށް އިޢުލާންކުރީމެވެ.

18 ފެބުރުވަރީ 2025
ހޯދާ