ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދިނުމާ ގުޅޭ

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000/- (ތިންހާސް) ރުފިޔާ ދޭންވާނެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ޢިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވެއެވެ.

ވަޒީފާއަދާ ކުރަމުންދާ ދިވެހި މުވައްޒަފުންނަށް، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަމަޟާން މަހުގެ ޢިނާޔަތް ލިބިފައިފައިނުވާތީ، ފާއިތުވި އަހަރު ގިނަ މައްސަލަތަކެއް ވަނީ މި އޮތޯރިޓީއަށް ހުށަހަޅާފައެވެ.

ރަމަޟާން މަހުގެ ޢިނާޔަތް ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންވާނެއެވެ. ވަޒީފާގައި ތިބި ވަގުތީ މުވައްޒަފުން، ވަގުތީ މުއްދަތު (ޕްރޮބޭޝަން) ގައި ތިބޭ މުވައްޒަފުން އަދި ޤާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް ޢިނާޔަތް ޙައްޤުވާނެއެވެ.

ވީމާ، ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުންވެސް، ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަށް ހަނދާންކޮށްދެމެވެ. އަދި ރަމަޟާން މަސް ފެށޭއިރު ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ޢިނާޔަތް ލިބިފައިނުވާނަމަ، އެކަމުގެ ޝަކުވާ މި އޮތޯރިޓީއަށް ހުށަހެޅޭނެއެވެ.

18 ފެބުރުވަރީ 2025
ހޯދާ