ދިވެހިރާއްޖެ
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ރޯދަމަހަށް ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، މިގޮތުން އުފެދޭ ކުނި ރަށްރަށާއި، ސިޓީތަކުގެ މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން މިއެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުންވެސް މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން މިއެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަޙައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ. އަދި، ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުގައި ނަމަ އެރަށެއްގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަކާއި އަދި ސިޓީތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅުއްވައިގެން ހަމަޖެއްސެވުމަށް ދަންނަވަމެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ޙަރަކާތެއް ހިންގުމަކީ ޤާނޫނު ނަންބަރު: 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ ދަށުން މަނާކަމެކެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުންވެސް ކުނި މެނޭޖުކުރުމާއިބެހޭ ޤާނޫނާއި އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި އަދި މަގުތަކާއި، އާންމު ސަރަޙައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށް ދަންނަވަމެވެ.