މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން މިރަށު އެކި ސަރަހައްދުތަކުގައި ހުރި ތަކެތި ނެގުމާގުޅޭ

               29 ސެޕްޓެމްބަރު 2019 އިން 28 ސެޕްޓެމްބަރ 2021 އަށް ނިންމުމަށް ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް ކުރިއަށްގެންދެވުނު ށ.ނަރުދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ގެ ކުރީކޮޅުގައެވެ. މަސައްކަތުގެ ބޮޑު ބައެއް ނިންމާފައި ވީނަމަވެސް މުއްދަތަށް ނިމިފައި ނުވާތީ 28 ސެޕްޓެމްބަރު 2022 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދެވުނެވެ. ނަމަވެސް މި މުއްދަތުގައިވެސް މަސައްކަތް ކުރިއަށްގެންދެވިފައި ނުވެއެވެ. މި މަސައްކަތް ހުއްޓި ގިނަ ދުވަސް ވެފައިވާތީ، މަސައްކަތް ކުރުމަށް ގެނެސްފައިހުރި ކޮންސްޓްރަކްޝަން މެޓީރިއަލްސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ތަކެތި ވީރާނާވެ އެތަކެތި ވަނީ ބޭނުން ނުކުރެވޭ ހާލަތަށް ގޮހެވެ. އޭގެ ސަބަބުން ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަނީ ވަރަށް ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވަމުންނެވެ. މި މަޢުލޫމާތު އެތައް ގޮތަކަށް އެތައް ފަހަރެއްގެމަތިން ވާނީ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާއި، ސަރުކާރުގެ ކަމާއިގުޅުންހުރި އިދާރާތަކަށް އެންގިފައެވެ. އާ ސަރުކާރު ޙަވާލުވި ފަހުން 1 (އެކެއް) އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު، އިތުރު ފަރާތަކާއި މަސައްކަތް ޙަވާލުކުރިކަމުގެ އެއްވެސް މަޢުލޫމާތެއް ރަސްމީ އެއްވެސް ގޮތަކުން މި އިދާރާއަށް އެނގިފައިނުވެއެވެ.
               މަސައްކަތް ހުއްޓާލާފައި އޮތުމުގެ ސަބަބުން، މަސައްކަތްކުރުމަށް ގެނެސްފައިވާ ތަކެތި ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ވީރާނާވަމުން ދިޔުމަކީ ރައްޔިތުން ނިހާޔަތަށް ކަންބޮޑުވެ އަދި އިސްރާފުވަމުންދާ މުދާތަކެކެވެ. މަގުތަކުގައި ވަޅުލާފައިވާ އައި.ސީތަކުގައި މަދިރިފަނި އަޅައި، ކުނިބުނި އެޅި އެކަމުގެ ސަބަބުން ދަނީ ޞިއްޙީ މައްސަލަތަކާއި ކުރިމަތިވަމުންނެވެ. އަދި މަގު ބޭނުން ކުރާ ފަރާތްތަކަށާއި، ޚާއްޞަކޮށް ބަލި މީހުންނާއި، ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި އަންހެނުންނާއި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދަނީ އެތަކެއް ދަތި ތަކާއި ގެއްލުންތައް މެދުވެރިވަމުންދެއެވެ.  މިކަންކަމުގެ މަޢުލޫމާތު ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކަށް ހިއްސާކުރެވިފައިވާއިރު، މިހާތަނަށްވެސް ހައްލެއް ލިބިފައިނެތުމީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.
                އެހެންކަމުން މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށް ރިޢާޔަތްކޮށް މިރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން މިރަށުގެ މަގުތަކާއި ޢާންމު އިޖުތިމާޢީ ސަރަހައްދުތަކުގައި ހުރި ތަކެތި މިއަދުން ފެށިގެން 3 ދުވަސް ފަހުން ނަގަން ފެށޭނެ ކަމުގައި ދަންނަވަމެވެ. އަދި މިތަކެތި ނެގުމުގައި ތަކެއްޗަށްވާ ގެއްލުމަށް މި ކައުންސިލުން ޒިންމާ ނުވާނެ ކަމުގައިވެސް ދަންނަވަމެވެ.           
                ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.   
03 ފެބުރުވަރީ 2025
ހޯދާ