ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫގައި ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 15 ވަނަ މާއްދާ އާއި ޚިލާފަށް ވާކް ވިސާނެތި އުޅޭ ބިދޭސީންގެ ޚިދުމަތް، ބައެއް ފަރާތްތަކުން ހޯދަމުންދާކަން މިކައުންސިލުގެ ސަމާލުކަމަށްވަނީ އައިސްފައެވެ.
ބިދޭސީން އަމިއްލަޔަށް ރަށުތެރެއިން ނަގައިގެން މަސައްކަތް ކުރުމާއި އަދި ދިވެއްސަކުނެތި މަސައްކަތް ކުރުވުމަކީ އިމިގްރޭޝަން ޤާނޫނާއި އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާއިން މަނާކަމަކަށް ވީހިނދު، ބިދޭސީންނާ ހަވާލުވެ ތިއްބެވި ފަރާތްތަކުން މިދެންނެވި އުސޫލުގެމަތިން މަސައްކަތް ކުރުވުން ހުއްޓުވުމަށާއި، އަދި މިފަދަ ގޮތަކަށް ބިދޭސީމީހާއާއި ޙަވާލުވެހުރި ދިވެއްސަކު މެދުވެރިނުކޮށް، ސީދާ ބިދޭސީންނާ މަސައްކަތް ހަވާލު ކުރުމަކީ ވަޒީފާއާއިބެހޭ ގާނޫނާއި، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުން (2023/R-111) މަނާ ކަމެއް ކަމާއި، މިފަދަ ގޮތަކަށް އަމަލުކުރާ ފަރާތްތަކާއި އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބައިތިއްބާ، އަދި ޚިދުމަތް ހޯދާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ ފަރާތްތަކާމެދުވެސް މޯލްޑިވްސް އިމިގްރޭޝަންއަށް ހުށަހަޅައި ފިޔަވަޅު އަޅާނެކަމުގައިވެސް ދަންނަވަމެވެ. އެހެންކަމުން އެއްވެސް ދިވެއްސެއްގެ ބެލުމުގެ ދަށުގައިނޫން ގޮތަކަށް ރަށުގައި ބިދޭސީ މަސައްކަތްތެރިއަކު އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މި ކައުންސިލާއި ޙިއްސާކޮށްދެއްވުން އެދެމެވެ.
މީގެއިތުރުން އޮޕަރޭޝަން ކުރަނގީގެ ދަށުން، ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް 28 ފެބްރުވަރީ 2025 ގެ ކުރިން ނިންމުމަށް ކައުންސިލްތަކާއި ވަނީ ޙަވާލުކުރެވިފައެވެ.
އެހެންކަމުން، މިރަށުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން މިހާރު ބަޔޯމެޓްރިކް ޑޭޓާ ނުނެގި ހުރި އެންމެހާ ފަރާތްތަކުން 28 ފެބްރުވަރީ 2025 ގެ ކުރިން ކައުންސިލަށް ހާޒިރުވެ ބަޔޯމެޓްރިކް ޑާޓާ ހިއްސާކުރުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ. މިތާރީހުގެ ފަހުން ބަޔޯމެޓްރިކް ޑޭޓާ ނެގިފައިނުވާ ބިދޭސީ ފަރާތްތަކާއިމެދު ސަރުކާރުން ނިންމަވާ ގޮތެއްގެ ދަށުން ފިޔަވަޅު އެޅުމަށް ހުށައަޅާނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 ރަޖަބް 1446
16 ޖެނުއަރީ 2025