މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

 

ސައުތުއަރި މެރިންޕާކަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 5  ޖޫން 2009 ގައި، އިޢުލާނު ނަންބަރު  138-EE/2009/19 އާ ހަވާލާދީ ޙިމާޔަތްކޮށްފައިވާ 'އަރި އަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު'ގެ ސަރަހައްދެކެވެ. ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަ ކޮށްލެވޭ ސަރަހައްދެކެވެ. އަދި މިސަރަހައްދަކީ 'ސައުތުއަރި މެރިންޕާކް ސަރަހައްދު' ކަމުގައި ހަމަޖައްސައި ޢާންމުކޮށް އަންގާ އިޢުލާން ކޮށްފައިވަނީ އިޢުލާނު ނަންބަރު438-ENV/438/2019  އާ ހަވާލާދީ 11 ޖުލައި 2019 އިން ފެށިގެންނެވެ.

 

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް އެޑްވައިސަރީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ގޮތުގައި ތިރީގައިވާ  ދާއިރާތަކުގެ ތެރެއިން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމް:

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

އެކެއް (01)

  1. ރިސޯޓްތަކުގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)

އަސާސީ ޝަރުތުތައް:

1)    ރިސޯޓް ތަމްސީލުކުރާ ފަރާތްތަކުން، ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  • ތަމްސީލްކުރާ ވިޔަފާރި އަކީ މިނިސްޓްރީ އޮފް އިކްނޮމިކް ޑިވަލޮޕްމަންޓް ގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްކަމުގައިވުން
  • ތަމްސީލްކުރާ ވިޔަފާރި އަކީ އަރިއަތޮޅު ދެކުނުބުރީގައި ހަރަކާތްތެރިވާ ވިޔަފާރިއެއްކަމުގައިވުން
  • ކުރިމަތިލާ މެންބަރަކީ ތަމްސީލް ކުރާ ދާއިރާގެ އެންމެހާ ފަރާތްތައް ތަމްސީލު ކުރާގޮތަށް، އެފަރާތްތަކާއިއެކު މަޝްވަރާކޮށްގެން ކޮމިޓީއަށް ޚިޔާލު ހުށަހަޅާ ފަރާތެއްކަމުގައިވުން
  • ކުރިމަތިލާ މެންބަރަކީ ދިވެހި ރައްޔިތެއް ކަމުގައިވުން

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

(1)           ހިމާޔަތްކޮށްފައިވާ ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުން

(2)           ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުން

(3)           ސައުތުއަރި މެރިންޕާކު ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުން

(4)           ސައުތުއަރި މެރިންޕާކު ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން

އުޖޫރަ:

މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ސައުތުއަރި މެރިންޕާކު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ؛
  2. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛
  4. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތައުލީމީ ސެޓްފިކެޓް؛
  5. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތަޖުރިބާގެ ލިއެކިޔުން؛
  6. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތް/ ވިޔަފާރީގެ ރަޖިސްޓަރީ؛
  7. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތް/ވިޔަފާރީގެ ޕޯޓްފޯލިއޯ؛
  8. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުން/ ވިޔަފާރީން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލު.

މެންބަރުން ހޮވުމުގެ އިވެލުއޭޝަން ކްރައިޓީރިއާ

އެކަކަށް ވުރެގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތްކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.

  1. ތަޢުލީމީ ފެންވަރު: އޯލެވެލް އަށް 10 މާކްސް، އޭލެވެލް/ޑިޕްލޯމާ 20 މާކްސް އަދި ޑިގްރީ  30 މާކްސް. (މާކުސް ދެވޭނީ އެންމެ މަތީ ތައުލީމީ ފެންވަރަށެވެ)
  2. ތަޖުރިބާ: ކުރިމަތިލާ ފަރާތުން، ކުރިމަތިލާ ދާއިރާއާއި ގުޅޭ ގޮތުން އަމިއްލައަށް މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް 1 މާކުސް، ގިނަވެގެން 20 މާކުސް.
  3. ހުށައަޅާ ޖަމިއްޔާއިން/ ވިޔަފާރީން ހިންގާފައިވާ ދާއިރާއާއި ގުޅުން ހުރި ކޮންމެ ޕްރޮޖެކްޓަކަށް 10 މާކުސް، ގިނަވެގެން 20 މާކުސް.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  07 ޖަނަވަރީ  2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ޖަމިއްޔާ ނުވަތަ ތަމްސީލްކުރާ ވިޔަފާރިއެވެ. އަދި ހޮވޭ މެންބަރު މި ކޮމިޓީއިން ވަކިވެއްޖެނަމަ ނުވަތަ އެ މެންބަރު ތަމްސީލުކުރާ ޖަމިއްޔާއިން ނުވަތަ ވިޔަފާރިން ވަކިވެއްޖެނަމަ، އެ ދާއިރާއިން އެހެން މެންބަރެއް ހޮވުމަށް އަލުން އިއުލާންކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

30 ޑިސެންބަރު 2024
ހޯދާ