ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަރުޙަލާތައް ފުރިހަމަ ކުރުމަކާ ނުލައި އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން މި އެޖެންސީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެ މައްސަލަ ވަނީ ބަލާފައެވެ.
އެގޮތުން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މި އެޖެންސީން ތަންފީޒުކުރަމުންގެންދާ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާކަން މި މައްސަލައާ ގުޅިގެން ދެފަރާތް މެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުންނާއި މި އެޖެންސީން ބެލިބެލުންތަކުންވެސް ސާބިތުވެއެވެ.
ވީމާ، ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް 20،000ރ (ވިހިހާސް ރުފިޔާ) އިން ޖޫރިމަނާކުރެވިފައިވާކަން 11 ޑިސެމްބަރ 2024 ގައި ދަންނަވާފައި ވީހިނދު، އެފަރާތުންވަނީ ޖޫރިމަނާއަށްވާ ފައިސާ 18 ޑިސެމްބަރ 2024 ގައި މި އެޖެންސީއަށް ދައްކައި ޚަލާސްކޮށްފައެވެ.
އަދި ހަމައެހެންމެ، އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުރިޔަށް ގެންދާ އެންމެހާ މަޝްރޫޢުތަކުގެ މަސައްކަތްތައް ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) އާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދެވުމަށް ނަސޭޙަތްތެރިވެފައިވާނެއެވެ.
23 ޖުމާދަލް އާޚިރާ 1446
24 ޑިސެމްބަރ 2024