ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާނު

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ހިއުމަން ރައިޓްސް ކޮމިޝަނުގައި މިހާރު ހިމެނޭ 2 މެންބަރެއްގެ މަގާމުގެ މުއްދަތު 2015 ސެޕްޓެންބަރު 13 ގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމަށް ކުރިމަތިލުމުގެ  ފުރުޞަތު، މިއަދުން ފެށިގެން 2015 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައި، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

(ހ)

މުސްލިމަކު ކަމުގައިވުން؛

(ށ)

ދިވެހި ރައްޔިތަކު ކަމުގައިވުން؛

(ނ)

އުމުރުން 25 އަހަރު ވެފައިވުން؛

(ރ)

އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ބ)

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

(ޅ)

ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛

(ކ)

ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(އ)

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

ވީމާ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

1.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

2.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު

3.  ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު

4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 10:15 އިން މެންދުރުފަހު 2:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

27 ރަމަޟާން 1436

14 ޖުލައި 2015
ހޯދާ