ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ޤާނޫނު ނަމްބަރ: 93/4) ގެ ދަށުން ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި މިކިޅިތައް ވަށައިގެންވާ ޗަސްބިން ސަރަހައްދުތަކަކީ ޙިމާޔަތްކޮށްފައިވާ ތަންތަނެވެ. އަދި އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ހަދާފައިވާ ފުވައްމުލަކު ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަމްބަރ: 2018/R-106) އާއި ޚިލާފަށް މިދަންނަވާ ކަންކަން ދަނޑުވެރިން ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
- ހުއްދަ ނުހޯދާ ބައެއް ފަރާތްތަކުން އައު ދަނޑުތައް ހެދުން
- ބައެއް ދަނޑުވެރިން ހުއްދަ ނުހޯދާ ދަނޑުތައް ބޮޑުކުރުން
- ބައެއް ދަނޑުވެރިން ގަވާއިދާއި ޚިލާފަށް ދަނޑުތަކުގައި އަލިފާން ރޯކުރުން
- ބައެއް ދަނޑުވެރިން ހުއްދަ ނުހޯދާ ވިނަ އާއި ބޮޑެތި ގަސްގަހާގެހި، ކޮށައި/ކަނޑައި/އަންދާ ނުވަތަ އެހެންވެސް ގޮތްގޮތަށް، މެރުން
- ހުއްދަ ހޯދުމަކާއި ނުލައި ގިނަ އަދަދަކަށް ކުނިއަޅައިގެން ޗަސްބިން ސަރަހައްދު ބެރުން
- އަލަ އޮޅު ބަރައިގެން ރުއް، ދޮންކެޔޮ ފަދަ އެހެނިހެން ގަސްތައް އިންދުން
މީގެ ކުރިންވެސްވާނީ މި އިދާރާގެ ނަންބަރ (IUL)468-ES/468/2021/190 (06 ސެޕްޓެމްބަރ 2021) އަދި (IUL)468-ES/468/2022/310 (27 އޮކްޓޯބަރ 2022) އިއުލާނުންވެސް ޗަސްބިމުގައި ޤަވާއިދާއި ޚިލާފަށް ދަނޑުވެރިކަން ނުކުރުމަށް އަންގާފައެވެ.
ނަމަވެސް މިފަހަކަށް އައިސް ޗަސްބިން ސަރަހައްދު ތަކުގައި ޤަވާއިދާއި ޚިލާފަށް އަލަ އޮޅުތައް ބެރުމާއި ގަސްގަހާގެހި ކޮށައި/ކަނޑައި/އަންދާ އަދި ދަނޑު ބޮޑުކުރާކަން މި އިދާރާއަށް ފާހަގަ ވެފައި ވާތީވެ، މިކަންތައްތައް ގާތުން ބަލައި ފިޔަވަޅު އަޅަމުން ދާނެކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި މިކިޅިތައް ވަށައިގެންވާ ޗަސްބިން ސަރަހައްދުގައި މިބާވަތުގެ އެއްވެސްކަމެއް ހިނގަމުން ދާކަން ފާހަގަ ކުރެވޭނަމަ، ފުވައްމުލަކު ނޭޗަރ ޕާރކު އޮފީހުގެ ފޯން 7590059 އަށް ރަސްމީ ގަޑީގައި ގުޅައިގެން ރިޕޯރޓު ކުރެއްވުމަށް ދަންނަވަމެވެ.