ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ ރަޖިސްޓަރީކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ކައުންސިލުން މާލީ އެހީ ފޯރުކޮށްދިނުމުގެ އުސޫލު

ދ.ބަނޑިދޫ ރަޖިސްޓަރީކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ކައުންސިލުން މާލީ އެހީ ފޯރުކޮށްދިނުމުގެ އުސޫލު

ތަޢާރަފް

1.

(ހ) މިއީ، ޤާނޫނު ނަންބަރު 2020/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިޖުތިމާޢީ އަދި އުމުރާނީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުމުގެ ގޮތުން ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫގައި ރަޖިސްޓަރީކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކުން ބަނޑިދޫގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކަށް ކައުންސިލްގެ ބަޖެޓުން މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކައުންސިލުން ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

 

 

(ށ) މި އުޞޫލަށް ކިޔަނީ " ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ކައުންސިލުން އެހީދިނުމުގެ އުސޫލު" އެވެ.

 

ޢަމަލުކުރަން ފަށާ ތާރީޙް

 

 

 

މަޤުޞަދު

2.

 

 

3.

މި އުސޫލަށް އަމަލުކުރަންފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް އާންމުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މި އުޞޫލުގެ ދަށުން ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީ ދިނުމުގެ މައިގަނޑު މަޤްސަދަކީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޙަރަކާތްތެރިކަން އިތުރުކޮށް، ރަށުގެ ތަރައްޤީއާއި ޖަމާޢަތުގެ ފައިދާއަށްޓަކައި އެފަދަ ފަރާތްތަކުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ކައުންސިލުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަމަހަމަ ކަމާއެކު ހަރުދަނާ އުޞޫލަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެހީދެވޭނެ ދާއިރާތައް

4.

މި އުސޫލުގެ ދަށުން އެހީދެވޭނީ ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކުން ރަށުފެންވަރުގައި ހިންގާ އިޖުތިމާޢީ، ތަޢުލީމީ، ސިއްހީ، އުމުރާނީ ތަރައްޤީ އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކަށެވެ.

އެހީ ދޫކުރެވޭނެ ފަރާތްތައް:

       (ހ) މި އުސޫލުގެ ދަށުން އެހީ ދޫކުރެވޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެ، އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކުގައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން އެހީއަށް އެދި ހުށަހެޅުމަށް އިއުލާނު ކުރުމުން އެކަމަށް އެދި ހުށަހަޅާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ހޮވާލެވޭ ޖަމްއިއްޔާ ޖަމާއަތްތަކަށެވެ.

       (ށ) މި އުޞޫލުގެ ދަށުން އެހީ ފޯރުކޮށްދެވޭނީ ކުލަބު ޖަމްއިއްޔާ ޖަމާއަތްތަކުން ހިލޭ ސާބަހަށް ހިންގޭ ތަރައްޤީގެ މަޝްރޫއުތަކާއި ހަރަކާތްތަކަށެވެ.

އެހީދިނުން

4.

(ހ) މި އުސޫލުގެ ދަށުން އެހީދެވޭނީ ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކުގެ ތެރެއިން އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯޒަލްއަށް %50 (ފަންސާސް އިންސައްތަ) އަށްވުރެ މަތިން މާކްސް ލިބޭ ކުލަބް/ ޖަމިއްޔާ/ ޖަމާޢަތްތަކަށެވެ.

(ށ) މި އުސޫލުގެ ދަށުން ކޮންމެ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތަކަށް އެހީ ދެވޭނީ ގިނަވެގެން އަހަރަކު 1(އެކެއް) ފަހަރުއެވެ.

(ނ) މި އުސޫލުގެ ދަށުން އެއް ޕްރޮޖެކްޓަކަށް މާލީ އެހީލިބިފައިވާ ދީފައިވާ މާލީއެހީ ފޯރުކޮށްދީފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް އެއް ޕްރޮޖެކްޓަކަށް 2 ފަހަރު މާލީ އެހީއެއް ނުދެވޭނެއެވެ.

ޕްރޮޕޯޒަލް ދިރާސާކުރާނެ ގޮތް

5.

(ހ) މިކައުންސިލަށް ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތަށް ދިރާސާކުރާނީ އެކަމަށް ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުންނެވެ.

 

 

(ށ) ޕްރޮޕޯޒަލް ދިރާސާކުރާ ކޮމިޓީގައި ހިމެނޭނީ އަންނަނިވި ފަރާތްތަކުންނެވެ.

ރަށު ކައުންސިލުން ކަނޑައަޅާފައިވާ މިނިވަން މުސްތަހިއްލު 7 މެމްބަރުންގެ މަށްޗަށް އެކުލެވޭ ކޮމެޓީއަކުންނެވެ.

ޕްރޮޕޯޒަލްއަށް މާކްސް ދިނުމުގައި ބަލާނެ ކަންކަން

6.

(ހ) މިކައުންސިލަށް ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްއަށް މާކްސް ދިނުމުގައި ބަލާނެ ކަންތައް

  • ޕްރޮޕޯޒަލް ހުށަހެޅި ކުލަބް/ ޖަމިއްޔާ/ ޖަމާޢަތްތަކުން ހުށަހަޅާފައިވާ ކަމަކަށް ކުރާ ހޭދައަށް (ކުރާ ކޮންމެ -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާ އަކަށް 01 ޕޮއިންޓް. މިބަޔަށް ގިނަވެގެން ލިބޭނީ 40 ޕޮއިންޓް) 40%
  • ޕްރޮޕޯޒަލް ހުށަހެޅި ކުލަބް/ ޖަމިއްޔާ/ ޖަމާޢަތްތަކުން ހުށަހަޅާފައިވާ ކަމެއްގައި ސީދާކޮށް މަންފާކުރާނެ ފަރާތްތަކުގެ ޢަދަދު (ސީދާކޮށް މަންފާ ކުރާ ކޮންމެ 10 މީހަކަށް 01 ޕޮއިންޓް - މިބަޔަށް ގިނަވެގެން ލިބޭނީ 20 ޕޮއިންޓް) %20

 

  • ޕްރޮޕޯޒަލް ހުށަހެޅި ކުލަބް/ ޖަމިއްޔާ/ ޖަމާޢަތުން، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތަށް މީލާދީ 5 އަހަރު ހަމަވެފައިނުވާ، ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ހިންގާފައިވާ ޙަރަކާތްތައް (ކޮންމެ ޙަރަކާތަކަށް 02 ޕޮއިންޓް - މިބަޔަށް ގިނަވެގެން ލިބޭނީ 10 ޕޮއިންޓް) މިބަޔަށް ޕޮއިންޓް ލިބޭނީ ކިތާބީ ހެކި ހުށަހަޅާފައިވާނަމައެވެ.

 

  • ޕްރޮޕޯޒަލް ހުށަހެޅި ކުލަބު/ ޖަމިއްޔާ/ ޖަމާޢަތުން ފާއިތުވީ އަހަރު ކައުންސިލުން ހިންގާފައިވާ ހަރާކާތްތަކާއި ބާއްވާފައިވާ ޖަލްސާތަކުގައި ބައިވެރިވެފައިވާ މިންވަރު (ކޮންމެ ޙަރަކާތަކަށް 05 ޕޮއިންޓު – މިބަޔަށް އެންމެ ގިނަވެގެން ދެވޭނީ 10 ޕޮއިންޓު)

 

  • ޕްރޮޕޯޒަލް ހުށަހެޅި ކުލަބު/ ޖަމިއްޔާ/ ޖަމާޢަތުން އެއްވެސް ފީ އެއް ނުނަގައި މުޖުތަމައުގެ މަންފާއަށް ހިނގާފައިވާ ހަރަކާތަކަށް (ކޮންމެ ޙަރަކާތަކަށް 05 ޕޮއިންޓް - މިބަޔަށް ގިނަވެގެން ލިބޭނީ 20 ޕޮއިންޓް) %20 މިބަޔަށް ޕޮއިންޓް ލިބޭނީ ކިތާބީ ހެކި ހުށަހަޅާފައިވާނަމައެވެ.

އެހީގެ މިންވަރު

7.

(ހ) އެހީ ދިނުމުގައި ޝަރުތު ކަމުގައި ބަލާނީ ޕްރޮޕޯޒަލްއަށް މަދުވެގެން %50 އިންސައްތަ ލިބިފައިވާނަމައެވެ. އަދި އެހީގެ މިންވަރު ކަނޑައަޅާނީ ޕްރޮޕޯޒަލްއަށް މާކްސް ލިބޭ މިންވަރުންނެވެ.

އެހީ ދިނުން

8.

(ހ) މިއުސޫލުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅާ އެއްވެސް ކްލަބު/ ޖަމިއްޔާ/ ޖަމާޢަތަކަށް އެހީދޭނީ އެހީ ދިނުމާ ބޭނުން ކުރުމާ ގުޅޭ ގޮތުން، މި ކައުންސިލާއި އެހީލިބޭ ކުލަބު/ ޖަމިއްޔާ/ ޖަމަޢަތާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުއެވެ.

(ށ) މި އުސޫލުގެ  ދަށުން ކޮންމެ ކުލަބު ޖަމިއްޔާ  ޖަމާއަތަކަށް މީލާދީ އަހަރަކު ހުށަހެޅުއްވޭނީ 2  ޕްރޮޕޯސަލްއެވެ. މިގޮތުން ރަށުފެންވަރުގައި ހިންގާ އިޖުތިމާޢީ އުމުރާނީ ތަރައްޤީގެ މަޝްރޫއުތަކަށް 1 ޕްރޮޕޯސަލް އަދި އެކިއެކި އިޖްތިމާޢީ ހަރަކާތްތަކަށް 1 ޕްރޮޕޯސަލްއެވެ.

އެއްބަސްވުން ނިމުމަކަށް ގެނައުން

9.

(ހ) ފައިސާގެ އެހީ ދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ލިބުނު ފަރާތުން ކަނޑައަޅާފައިވާ ޙަރަކާތް ނުނިމިއްޖެނަމަ، އެއްބަސްވުން ނިމުމަކަށް ގެނެވޭނެއެވެ. މިގޮތަށް އެއްބަސްވުން ނިމުމަކަށް ގެނެވޭ ހާލަތުގައި، ހަރަކާތްތަށް ހިނގާދިޔަ ގޮތާއި ޚަރަދުގެ ތަފްސީލީ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

(ށ) އެއްބަސްވުން ނިމުމަކަށް ގެނެވޭއިރު ޚަރަދުނުކޮށް އެއްވެސް ފައިސާއެއްވާނަމަ، ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކައުންސިލަށް އެ ފައިސާ އަނބުރާ ރައްދުކުރަންވާނެއެވެ.

 

(ނ) މިމާއްދާގައި ބަޔާންކުރާ އެއްވެސް އިޖުރާޢެއް ފުރިހަމަ ނުވެއްޖެނަމަ، 2 (ދޭއް) އަހަރުގެ މުއްދަތަކަށް މިއުސޫލުގެ ދަށުން އެހީ ދިނުމުން ސަސްޕެންޑް ކުރެވޭނެއެވެ.

 

(ރ) ކައުންސިލާއި ކުލަބު ޖަމިއްޔާއަކާއި ދެމެދު އެކުލަވާލެވޭ އެއްބަސް ވުމުގެ ދަށުން އެނހީދެވޭ ކުލަބު ޖަމިއްޔާއެއްގެ ސަބަބުން އެއްބަސްވުން އުވާލަން ޖެހިއްޖެނަމަ ޖޫރިމަނާގެ ގޮތުގައި، ކައުންސިލުން ފޯރުކޮށްދޭ އެނހީގެ %2 އަށްވާފައިސާ އެ ކުލަބު ޖަމިއްޔާކުން ކައުންސިލަށް ދައްކަންވާނެއެވެ.

 

(ބ) ކައުންސިލާއި ކުލަބު ޖަމިއްޔާއަކާއި ދެމެދު ހެދޭ އެއްބަސް ވުމުގެ ދަށުން ކައުންސިލްގެ ސަބަބުން ޕްރޮޖެކްޓް ނުފެށި ލަސްވާނަމަ ގެއްލިގެންދާ ދުވަސްތަށް ޕްރޮޖެކްޓްގެ މުއްދަތަށް އިތުރު ކޮށްދެން ވާނެއެވެ.

ރިޕޯޓު ހުށަހެޅުން

10.

އެހީގެ ފައިސާއިން ހިންގުނު ޙަރަކާތް ހިނގައިދިޔަގޮތުގެ ތަފްޞީލީ ރިޕޯޓެއް ޙަރަކާތް ނިމޭތާ 1 މަސްދުވަސް ތެރޭގައި މިކައުންސިލަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ޕްރޮޖެކްޓް ހިނގާދިޔަގޮތް އަދި ފައިސާ ޚަރަދުކުރި ގޮތުގެ ތަފްޞީލް ހިމަނަންވާނެއެވެ.

ނެތްކަމެއް ދިމާވުން

11.

މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ، މިކަމާ ގުޅޭގޮތުން ހަދާފައިވާ ކޮމެޓީން އެކަމާކާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، ނިންމާ ގޮތެއްގެ މަތިން ޢަމަލުކުރަންވީގޮތް ކައުންސިލުން އެފަރާތަށް އަންގަންވާނެއެވެ.

މޮނިޓަރ ކުރުމާއި ރިޕޯޓުކުރުން:

12.

މި އުސޫލުގެ ދަށުން އެހީދެވޭ މަޝްރޫޢުތައް ކުރިއަށް ގެންދޭތޯ ބަލާ މޮނިޓަރ ކުރާނީ ކައުންސިލުންނެވެ. މަޝްރޫޢުތަކުގެ ޕްރޮގްރެސް ރިޕޯޓާއި ލިޔެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. މަޝްރޫޢު ނިމުމުން މަޝްރޫޢު ނިންމިގޮތް ބަޔާންކޮށް ކަމާބެހޭ ތަފްސީލީ ރިޕޯޓެއް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

ދެފަރާތުގެ ދެމެދުގައި އެއްބަސްވުން އެކުލަވާލުން:

13.

މި އުސޫލުގެ  ދަށުން އެހީ ދޫކުރެވޭ ފަރާތާއި ކައުންސިލާއި ދެމެދު، އެހީ ދިނުމާއި ބެހޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރަން ވާނެއެވެ. އެގޮތުން އަންނަނިވި ކަންކަން އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

13.1 ފައިސާގެ އެހީ އިން ހިންގާ މަޝްރޫޢު / މަޝްރޫޢުގެ ނަން

13.2 މަޝްރޫޢުގެ މުއްދަތު

13.3 ފައިސާގެ އެހީ ދޭ އަދަދު

13.4 ފައިސާގެ އެހީ ދެވޭގޮތް

13.5 އެހީ ލިބޭ ފަރާތުގެ ޒިންމާތައް

13.6 އެހީ ދޭ ފަރާތުގެ ޒިންމާތައް

13.7 އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ނުވަތަ އުވާލެވޭނެ ޙާލަތްތައް

13.8 އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެގޮތް

ފައިސާ ދޫކުރުން:

14.

(ހ) މި އުސޫލުގެ ދަށުން ޖަމްޢިއްޔާ/ޖަމާޢަތްތަކަށް ދޭ  ފައިސާ ޖަމާކޮށްދޭނީ އެ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ.

(ށ) މާލީ އެހީ ދެވޭނީ ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 (ނ) އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ ހުށަހަޅާ ޕްރޮޕޯސަލަށް ބަލައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ވޯރކް ޕްލޭނަށް ބަލައި ހަރަކާތް ނުވަތަ ޕްރޮޖެކްޓް ފެށުމަށް ކައުންސިލުން ކަނޑައަޅުއްވާފައިވާ މާލީއެހީގެ މިންވަރުގެ %50 އަށްވާފައިސާއެވެ. އަދި ބާކީ %50 ފައިސާގެ ތެރެއިން %25 ދޫކުރެވޭނީ ޕްރޮޖެކްޓްގެ ދެބައިކުޅައެއްބައި ނިންމައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ކައުންސިލަށް ހުށަހެޅުމުންނެވެ. އަދި ބާކީ %25 ފައިސާ ދޫކުރެވޭނީ މުޅި ޕްރޮޖެކްޓް ނިންމައި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ކައުންސިލަށް ހުށަހެޅުމުންނެވެ.

(ރ) މި މާއްދާގެ (ނ) އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް ކުލަބު ޖަމިއްޔާ ޖަމާއަތްތަކުން ކުރިއަށްގެންދާ އުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ފިޔަވައި ކުލަބު ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ އެހެނިހެން ހަރަކާތްތަކަށް، ޕްރޮޕޯސަލްއަށްބަލައި 0 ފައިސާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކެރެވިދާނެއެވެ.

 

މާނަކުރުން

15.

'ކައުންސިލް' ކަމަށް ބުނެފައިއެވަނީ ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލަށެވެ.

 

 

28 ނޮވެންބަރު 2024
ހޯދާ