އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މޮނިޓަރުން ހަމަޖެއްސުމުގެ ފުރުޞަތު ހުޅުވާލުން

މޮނިޓަރުން ހަމަޖެއްސުމުގެ ފުރުޞަތު ހުޅުވާލުން

ހދ.ނާވައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 އޮގަސްޓް 01 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި، ނޫސް އޭޖެންސީތަކަށް 2015 ޖުލައި 02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 14:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި އިންތިޚާބު މޮނިޓަރކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠު ފުރިހަމަވާ ފަރާތްތަކަށެވެ. 

  1. އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރާ ޚަބަރު ފަތުރާ ވަސީލަތެއްގައި މަސައްކަތްކުރާ މީހަކު ކަމުގައިވުން.
  4. މި އިންތިޚާބުގެ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި ސީދާ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަން ވާނެއެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، އެ ނޫސް، މަޖައްލާއެއް ނުވަތަ އޭޖެންސީއެއްގެ ފަރާތުން ހުށަހަޅާ ފޯމުގެ އަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ސިޓީއެއް ހުށަހަޅަން ވާނެއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހަ އިން ސައްތަ އިތުރުނުވާ ގޮތެއްގެ މަތީންނެވެ.

ހދ.ނާވައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން މޮނިޓަރ ކުރުމަށްއެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި، އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި ހދ.ނާވައިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv)  ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 ޖުލައި 02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 14:00 އަށެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ރަމަޟާން 1436

01 ޖުލައި 2015
ހޯދާ