ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް، ދިވެހިރާއްޖެ.
ނަންބަރު:353/353/2024/108(IUL)
އިޢުލާނު
ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ބެހޭ
މިރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ފެން މީޓަރާއި، ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގޭގެއަށް ގުޅައިދިނުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިގޮތުން ފެނާއި ނަރުދަމާ ސިސްޓަމް ޗެކްކުރުމަށްޓަކައި ޓެސްޓް ރައުންޑެއް 21 ނޮވެމްބަރު 2024 އިން ފެށިގެން 2 މަސްދުވަހުގެ މުއްދަތަށް (21 ޖެނުއަރީ 2025 ގެ ނިޔަލަށް) ފުރަތަމަ ބުރުގައި ފޯމު ހުށަހަޅާފައިވާ ގެތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގޭގެއަށް ދޫކުރާ ފެން ބޭނުން ކުރަންވާނީ ހަމައެކަނި ފެންވެރުންފަދަ ކަންކަމަށެވެ. އެހެންކަމުން މިބުރުގައި ދޫކުރާ ފެން ބުއިމަށާއި ކެއްކުމަށް އަދި ގަހަށް ފެން ދިނުމަށާއި ވެހިކަލް ދޮވުން ފަދަ ފެން އިސްރާފުވެދާނެ ކަންކަމަށް ބޭނުން ނުކުރުމަށް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ އަންގަވާފައެވެ. މިގޮތުން މީހުން ދިރިއުޅޭ ގޭގެއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 5.4 m3(ކިއުބިކް މީޓަރ) އަދި ގެސްޓްހައުސްތަކަށް މަހަކު 4.5 m3(ކިއުބިކް މީޓަރ/ބެޑް) ގެ ފެނެވެ.
ނަރުދަމާ ޖަންކްޝަން ގުޅާއިރު ކޮންމެ ގެއެއްގައި ދާގަނޑުލީ 2x2 ފޫޓުގެ ކުޑަ ޖަންކްޝަނެއް ރާނާފައި ހުންނަންވާނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ކޮތަޅު، ނެޕީ، ފޮތި ފަދަ ތަކެތި ފިލްޓަރުކުރުމެވެ. މިގޮތުން ގޭގޭގައި ހަދާ ދާގަނޑުލީ ކުޑަ ޖަންކްޝަން ހަދައި ގުޅުމަށްފަހު ނަރުދަމާގެ ޚިދުމަތްދޭ ފަރާތުގެ ހުއްދަ ލިބުމަށްފަހުގައި ނޫނީ ފަސްލައި ބަންދުކޮށްގެން ނުވާނެއެވެ. އަދި މީގެއިތުރުން ރަށުގެ ފެން ލޮނުވުމަށް މަގުފަހިވާތީ ނަރުދަމާ ޖަންކްޝަނަށް އެއްވެސް ގެއަކުން ވާރޭފެން ގުޅުމަކީ މަނާކަމެކެވެ.
ނަންބަރު: 8/2020 "ފެނާއި ނަރުދަމާގެ ޤާނޫނު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަރުދަމާގެ ނިޒާމު ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައިވާ ރަށްރަށުގައި، ބިމަށާއި، މޫދަށް ނަޖިހާއި ނަޖިސްފެން ދޫކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އެހެންކަމުން މިހާތަނަށް ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިނުމަށް އެދިހުށަހަޅާފައިނުވާ ގޭގެއިންނާއި ގެސްޓްހައުސްތަކުން މިޚިދުމަތް ހޯދުމަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
21 ނޮވެމްބަރު 2024
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް