ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެ ފުރާޅުން މަގުމައްޗަށް އެޅޭ ފެން ހިންދުމާއި ބެހޭ

ގޭގެ ފުރާޅުން މަގުމައްޗަށް އެޅޭ ފެން ހިންދުމާއި ބެހޭ:

 ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު" އާއި ޚިލާފަށް ރަށުގެ ވަރަށް ގިނަ އަދަދެއްގެ ގެތަކުގެ ފުރާޅުން އަންނަ ފެންތައް މަގުމައްޗަށް އެޅޭ ގޮތަށް ހުރިކަން ވަނީ ފާހަގަ ކުރެވިގެން އެކަން އިސްލާޙް ކުރުމަށް 1 މަސްދުވަހުގެ ފުރުޞަތެއް، މި އިދާރާގެ ނަންބަރު (IUL)412/412/2023/36 (31 ޑިސެމްބަރ 2023) އިޢުލާނުން ދިން ނަމަވެސް މިއަދާއި ހަމައަށް ބައެއް ގެތަކުން އެކަން އިސްލާޙް ކޮށްފައި ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު"ގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ގޭގޭ އިމުގެ މަގުމައްޗާވީ ފަޅިން ޢިމާރާތްކޮށްފައި ހުންނަ ބިނާތައް މަގުމައްޗަށް ފެންފަހިވާގޮތަށް ހިޔާކޮށްފައިވާ ނަމަ ފުރާޅުގައި ދިޔަދޮވިލައި، ހޮޅިގުޅައި މަގުމައްޗަށް ފުރާޅުން ފެން ނުފައިބާ ގޮތަށް ހެދުމަށާއި، މަގުމައްޗާވީ ފަޅިން ޢިމާރާތްކޮށްފައި ހުންނަ ބިނާތައް މަގުމައްޗަށް ފެންފަހިވާގޮތަށް ހިޔާކޮށްދިޔަ ދޮވި ލާފައިވާ ނަމަ ދިޔަ ދޮވިތަކުން އެޅޭ ފެން މަގުތަކަށް ނުފައިބާ ގޮތަށް ބަދަލު ކުރުމަށް މިއަދުން ފެށިގެން 1 މަސްދުވަހުގެ މުއްދަތެއް ދެމެވެ. އަދި މިމުއްދަތުގައި އިސްވެ ދެންނެވުނު ގޮތުގެ މަތިން އެކަން އިސްލާޙް ނުކޮށްފިނަމަ "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު"ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެ ވެރިފަރާތާއި މެދު ފިޔަވަޅު އެޅޭނެކަން އަންގައި އިޢުލާން ކުރަމެވެ. އަދި މިކަމަކީ ވިއްސާރަ މޫސުންތަކުގައި ރަށުގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ޙައްލުކޮށް، ރަށުގެ މަގުތަކަކީ ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ މަގުތަކަށް ހެދުމަށް، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ލާބަޔާއި، މަންފާއަށް ކުރެވޭ މުޙިއްމު މަސައްކަތަކަށް ވުމުން މި ކަމުގައި ރަށުގެ އެންމެހައި ފަރާތްތަކުގެ އެއްބާރު ލުމާއި އެހީތެރިކަން ދެއްވުން އެދެމެވެ.

 މިއިޢުލާނާއެކު "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު" އެއްއުރަ ކުރެވިފައި ވާނެއެވެ.

20 ނޮވެންބަރު 2024
ހޯދާ