މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފުނަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރ ގޯތި ދޫކުރުމާއިބެހޭ އުޞޫލު

މިއުޞޫލަކީ، ގާނޫނު ނަމްބަރ 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (އ) އާއި 23 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަމްބަރާއި ހަވާލާދީ އެގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، ގާނޫނު ނަމްބަރ 2002/01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު)  އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދު ނަންބަރު:2019/R-1002ގެދަށުން 01 ނޮވެމްބަރ 2023 ގައި ފާސްކޮށްފައިވާ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގެ ލޭންޑްޔޫސް ޕްލޭންގައިވާ، ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމުގެ ސަރަހަދުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

1

ތަޢާރަފް

މި އުޞޫލަށް ކިޔާނީ "ށ.ފުނަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރ ގޯތި ދޫކުރުމާއިބެހޭ އުޞޫލު" އެވެ.

 

އުޞޫލުގެ ނަން

(ހ) މި އުސޫލުގެ މަޤުޞަދަކީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގެ އިހްތިސާސްގައި ހިމެނޭ ބިމުގެ ސަރަހައްދުގެ ތެރެއިން ދިރިއުޅުމަށްޓަކައި ދޫކުރަން ހަމަޖެހިފައިވާ ގޯތި ދޫކުރުމުގައި ޢަމަލުކުރެވޭނޭ އުސޫލުތަކާއި ގޯއްޗަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ބަޔާންކުރުމެވެ.

(ށ)    މި މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ އާންމު މަޤުސަދުގެ އިތުރުން، މި އުސޫލުގެ މަޤުސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހާސިލުކުރުން ހިމެނެއެވެ.

    1. ގޯތި ދޫކުރުމުގެ މަސައްކަތް ހަމަހަމަކަމާއި އިންސާފުވެރިކަމާއި، އަދި ދެ ފުށް ފެންނަ ގޮތުގައި ކުރިޔަށް ގެންދިޔުން؛
    2. ގޯތި ދޫކުރެވޭ ފަރާތްތަކަކީ ބޯހިޔާވަހިކަމުގެ ޒަރޫރަތެއް އޮތް، އަދި ބިމުގެ ތަނަވަސްކަން ކުޑަ މީހުންކަން ކަށަވަރުކުރުން.
    3. ގޯތި ދޫކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމާއެކު އެ ކޮމިޓީގެ މަސްއޫލިއްޔަތު ބަޔާންކުރުން.

 

2

މަޤްޞަދު

މި އުޞޫލު ހިންގާ ތަންފީޒުކުރާނީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫކައުންސިލްގެ އިދާރާއިންނެވެ.

3

އުޞޫލު ތަންފީޒުކުރާ ފަރާތްތައް

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މި އުޞޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

                               

4

އުޞޫލަށް އަމަލުކުރަންފަށާ ތާރީހް

 

މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މި އުޞޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުޞޫލަށް ޢަމަލުކުރަން ފެށުމަށްފަހު މި އުޞޫލުގައި ލާޒިމްކޮށްފައިވާ އެންމެހާ ކަންކަން މި އުޞޫލުގެ ދަށުން ހިނގާނެއެވެ.

 

5

ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުޞޫލު ހިންގުން

މި އުޞޫލަށް ބަދަލު ގެނައުމަށް ބޭނުންވެއްޖެނަމަ މި އުޞޫލަށް ބަދަލުގެނެވޭނީ މި އުސޫލުގެ ދަށުން ޢަމަލުކުރެވޭ ޤާނޫނާއި ގަވާއިދާއި ފުށު ނަރާގޮތުގެ މަތިން، އަދި ގޯތި ދިނުމަށް މިއުޞޫލުގެ ދަށުން ޢައްޔަނު ކުރެވޭ ވިލަރެސްކުރާ ކޮމެޓީގެ ލަފާގެ މަތިން ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ. މި ގޮތުން އުޞޫލަށް ގެނެވޭ އިސްލާހަށް ޢަމަލުކުރަން ފަށާނީ އެ އިސްލާހެއް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

6

އުޞޫލަށް ބަދަލުގެނައުން

ށ.ފުނަދޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން ގޯތި ދޫކުރުމަށްކުރާ އިޢުލާނާއިއެކު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި އަދި ވަކިވަކި ގޯތިތައް އެނގޭނެގޮތުގެ ޗާޓް އެކުލަވާލައި އާންމުކުރަންވާނެއެވެ.

މިއުޞޫލުގެ ދަށުން ށ،ފުނަދޫ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދުގެ ތެރެއިން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ގޯތީގެ ބޮޑުމިނަކީ 2000 (ދެހާސް) އަކަފޫޓެވެ.

7

ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު

 

މިއުޞޫލުގެ ދަށުން ށ،ފުނަދޫ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދުގެ ތެރެއިން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ގޯތީގެ ބޮޑުމިނަކީ 2000 (ދެހާސް) އަކަފޫޓެވެ.

8

ދޫކުރުމަށް ކަނޑައަޅާ ގޯތީގެ ބޮޑުމިން

 

ވިލަރެސްކުރާ ކޮމެޓީއަކީ ފުނަދޫއިން ގޯތި ދޫކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް ގޯތިދޫކުރުމުގެ އެކިއެކި މަރުހަލާގެ މަސައްކަތަތްކުގައި އަމަލީ ގޮތުން ބައިވެރިވެ ކުރިއަށްގެންދިއުމަށް ކައުންސިލުން އެކުލަވާލާ ވަގުތީ ކޮމެޓީއެކެވެ.

(ހ) މި އުސޫލުގެ ދަށުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި، ކޮމެޓީއެއް އެކުލަވާލަންވާނެއެވެ. އަދި ކޮމެޓީ އެކުލަވައިލާނެ އުޞޫލުތަކާއި ކޮމެޓީގެ މަސައްކަތްތައް ހިންގާނެގޮތުގެ އުޞޫލު ކައުންސިލްގެ ބައްދަލުވުމަކުން  ފާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށާއި ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށްޓަކާ، ރަށު ކައުންސިލް އިދާރާގެ ފަރާތުން 9 (ނުވަ) މެންބަރުންގެ މައްޗަށް ހިމެނޭ ވަގުތީ ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ. ވިލަރެސްކުރާ ކޮމިޓީ އެކުލަވާލަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

03 ކައުންސިލަރުން

01 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު

01 ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފަކު

02  މުވައްސަސާ މެމްބަރުން (ފުނަދޫގެ މުވައްސަސާތަކުން ކަނޑައެޅޭ)

02  އާންމު މެމްބަރުން (އާންމު ރައްޔިތުންގެ ތެރެއިން ކަނޑައެޅޭ)

(ނ)  ވިލަރެސް ކޮމިޓީގައި  މުވައްސަސާތަކުންނަގާ މެމްބަރުން ނަގާނީ އިދާރާތަށް ފޮނުވާ ލިޔުމުން ޖަވާބު ދޭ އިދާރާތަކުންނެވެ. އާއްމުންގެ ފަރާތުން ބައިވެރިވާން އެދޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަންވާނެއެވެ. މިގޮތުން ކޮމިޓީގައި ބައިވެރިވުމަށްއެދި އާއްމުންގެ ފަރާތުން 02 (ދޭއް) ފަރާތަށްވުރެ ގިނަ އަދަދަކަށް ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢްލީމީ ފެންވަރަށާއި، މިފަދަ މަސައްކަތެއް ކުރެވިދާނެ ފަދަ ޤާބިލްކަންހުރި ފަރާތްތަކަށެވެ. ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުގެ ގޮތުގައި ކޮމިޓީގައި ހިމަނާނީ، (ސެކްރެޓަރީ ޖެނަރަލް ނުވަތަ ސެކްރެޓަރީ ޖެނަރަލް ކަނޑައަޅާ މުވައްޒަފެކެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފަރާތެއް ކަނޑައަޅާނީ، ތައުލީމީ ޤާބިލްކަމަށް ބަލައިގެން ކައުންސިލްގެ ބައްދަލުވުމަކުންނެވެ.

(ރ) މިކޮމިޓީގެ ކޯރަމަކީ،5 (ފަހެއް)  މެމްބަރުންނެވެ. ކޮމިޓީގައި މަޝްވަރާ ކުރެވޭ އެންމެހާ ކަންކަން ނިންމަންވާނީ ކޮމިޓީގެ އަޣްލަބިއްޔަތުންނެވެ.

(ބ) ކޮމިޓީގެ ޗެއަރ ގެ ގޮތުގައި މެމްބަރަކު ކަނޑައަޅާނީ ކޮމެޓީގެ ބައްދަލުވުމެއްގައި މަޝްވަރާކޮށް ކޮމެޓީގެ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން އިއްތިފާގުވާ ބޭފުޅެކެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ކައުންސިލަރުންގެ ތެރެއިން ކޮމެޓީގައި ހިމެނޭ މެމްބަރެކެވެ.

(ޅ) ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަން ކޮމެޓީގެ ޗެއަރ ޢުޒުރުވެރިވެއްޖެ ޙާލަތެއްގައި ވަގުތީގޮތުން ކޮމެޓީގެ ޗެއަރގެ މަސްއޫލިއްޔަތު އަދާކުރާނީ ކައުންސިލަރުންގެ ތެރެއިން ކޮމެޓީގައި ހިމެނޭ މެމްބަރެކެވެ.

(ކ)  ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިޓީގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ޙާޟިރުވެ ތިބެގެންނެވެ.

(އ)  ކޮމެޓީގެ ސެކްރެޓަރީގެ ގޮތުގައި ކައުންސިލުގެ އިދާރީ މުވައްޒަފަކު، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ހަމަޖައްސައިދޭންވާނެއެވެ.

9

ވިލަރެސްކުރާ ކޮމެޓީ

ދިވެހިރާއްޖޭގެ ބިމާއިބެހޭ ގާނޫނާއި އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ގަވާއިދާއި މިއުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ހުއްދައާއިއެކު ގޯތިދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމުގެ އިތުރުން ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައިވާ އުޞޫލުން ގޯތި ދިނުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުން

މިއުޞޫލުގެ 11 ވަނަ މާއްދާގެ ދަށުން ގޯތި ދޫކުރުމަށް އިއުލާނުކުރުމުން، 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކަމަށް އެދި ފޯމު ހުށައަޅާ ފަރާތްތައް މިއުސޫލުގެ ޖަދުވަލު 1 ގައިވާގޮތުގެ މަތިން ޕޮއިންޓް ދީ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން.

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު ކޮމެޓީގެ މެންބަރުން ގޯތި ދިނުމަށް ޝަރުތުހަމަވާކަމަށް އިގުރާރުގައި ސޮއިކުރުން.

ގޯއްޗަށް އެދި ހުށައެޅި ފޯމެއް ބާތިލުކުރަންޖެހޭނަމަ އެ ސަބަބު ފޯމުގައި ލިޔެ މެންބަރުން ސޮއިކުރުން.

ގޯތި ލިބޭ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކަށް ލިޔުމުން ސަބަބު އެންގުމާއިއެކު އެފަރާތްތަކުގެ ޝަކުވާތަކަށް ލިޔުމުން ޖަވާބުދާރީވުން.

ނަޒާހަތްތެރިކަމާއިއެކު ދެފުށްފެންނަ ގޮތެއްގެމަތިން ގޯތި ލިބޭ މީހުން ޝޯޓްލިސްޓުކޮށް އާންމުކުރުން.

ކޮމެޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ފަރާތެއް ފޯމު ހުށައަޅާފައިވާނަމަ، އެ ފޯމެއް އިވެލުއޭޓް ކުރުމުގެ މަސައްކަތުން އެ މެންބަރަކު އެކަހެރިވާންވާނެއެވެ.  އަދި މިގޮތަށް އެކަހެރިވާ ވުން، މި މާއްދާގެ 3 ވަނަ ނަމްބަރުގެ ދަށުން ސޮއިކުރާ ފޯމުގައި ބަޔާންކުރަންވާނެއެވެ.

10

ވިލަރެސްކުރާ ކޮމެޓީގެ މަސްއޫލިއްޔަތު

ށ.ފުނަދޫއިން ގޯތި ދޫކުރުމަށްޓަކައި ގޯއްޗަށް އެދި ހުށައެޅުމަށް އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

މި މާއްދާގެ 1 ވަނަ ނަމްބަރުގައިވާ ގޮތުގެމަތިން އިއުލާނުކުރާއިރު ތިރީގައިވާ މައުލޫމާތުތައް އިއުލާނުގައި ހިމަނަންވާނެއެވެ.

    • ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލެވުނުކަން.
    • ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން.
    • ގޯއްޗަށް އެދި ހުށައަޅާ ފަރާތްތަކުގެ ހާލަތު ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ބޭނުންކުރާނެ މިންގަނޑު.
    • ގޯއްޗަށް އެދޭ ފޯމު ލިބޭނެ ތަނާއި ވަގުތު އަދި ފޯމު ހުށައަޅަންޖެހޭނެ ތަނާއި ވަގުތު.
    • ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ޝަރުތުތައް.
    • ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް އެނގޭނެހެން ރަށުގެ ޗާޓް.

 

11

ގޯތި ދޫކުރުމަށް އިއުލާނުކުރުން

ގޯއްޗަށް އެދި ހުށައަޅަންވާނީ އެކަމަށް ހާއްސަކޮށް ކައުންސިލުން ދޫކުރާ ފޯމު ބޭނުންކޮށްގެނެވެ.  ފޯމު ފުރާފައި ހުންނަންވާނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން ދިވެހި ބަހުން، ކިޔަން އެނގޭނެހެން ރީތިކޮށެވެ. ފޯމުގެ އެއްވެސް ތަނެއްގައި ޓިޕެކްސްޖަހާ، ނުވަތަ ރޮނގުދަމައިގެން ތަނެއް ނުވަތަ ބައެއް ކަނޑާލާފައިވާނަމަ އެތަނެއްގައި ނުވަތަ އެބައެއްގައި ފޯމުގެ ވެރިފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ. 

ގޯއްޗަށް އެދި ހުށައަޅާ ފޯމާއިއެކު ހުށައެޅުމަށް ބުނެފައިވާ ހުރިހާ ލިޔެކިޔުމެއް ފޯމާއިއެކު ހުށައަޅަންވާނެއެވެ. ކޮންމެހެން ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުމެއް ހުށަހަޅާފައިނުވާ ނަމަ އެ ލިޔުމަކަށް ލިބެންޖެހޭ ޕޮއިންޓު ނުލިބޭނެއެވެ.

12

ގޯއްޗަށް އެދި ހުށައެޅުން

 

ގޯއްޗަށް އެދި ހުށައަޅާ ފޯމުތައް ބަލައިގަންނަންވާނީ ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލާ ކުރި އިއުލާނުގައިވާ ދުވަސްތަކާއި ވަގުތުތަކުގައި ކައުންސިލު އިދާރާގެ ކައުންޓަރުންނެވެ.

ފޯމު ބަލައިގަތުމަށްފަހު ފޯމާއިއެކު ހުށައެޅި ލިޔުންތަކުގެ ތަފްސީލު ހިމެނޭ ޗެކްލިސްޓް ކައުންސިލު އިދާރާއިން ފޯމު ހުށައެޅި ފަރާތުން ސޮއިކޮށް ފޯމާއި އެކު އެޓޭޗްކުރަންވާނެއެވެ. އަދި ޗެކްލިސްޓުގެ ކޮޕީއެއް ފޯމު ހުށައެޅި ފަރާތާއި ހަވާލުކުރަންވާނެއެވެ.

-  ފޯމު ހުށައަޅާ އިރު ފޯމުގައިވާ ހުރިހާ ބައެއް ފުރިހަމަކުރުމަކީ ފޯމު ހުށައަޅާ ފަރާތުގެ ޒިއްމާއެކެވެ.  

-  ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުން، ކިޔަން އެނގޭނެހެން ރީތިކޮށެވެ.

ކައުންސިލަށް ފޯމު ބަލައިގަނެ، ބަލައިގަތްކަމުގެ ލިޔުން ފޯމު ހުށައެޅި ފަރާތަށް ދޫކުރުމަށްފަހު، އިތުރު އެއްވެސް ލިޔުމެއް އަދި ލިޔުމެއްގެ ކޮޕީއެއްވެސް އޭގެ ފަހުން ވަކިން ބަލައިގަނެގެން ނުވާނެއެވެ.

ނަމަވެސް، ކުރިން ލީ ފޯމް އިސްލާހުކުރަން ބޭނުންވާނަމަ ގޯއްޗަށް އެދޭފޯމް ހުށައެޅުމުގެ މުއްދަތު ހަމަނުވާނަމަ އަލުން އައު ފޯމެއް ލެވިދާނެއެވެ. މިފޯމް ވެސް ބަލައިގަތުމުގައި އަމަލުކުރާނީ 13ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި އެފަރާތުން ކުރިން ހުށައެޅި ފޯމް ބާޠިލްވި ނަމަވެސް، އަނބުރާ އެފަރާތައް ކުރިން ހުށައެޅި ފޯމް ރައްދުކޮށްގެންނުވާނެއެވެ. އަދި ފޮއިންޓް ދޭނީ އެންމެ ފަހުން ހުށަހަޅާ ފޯމަށެވެ.

13

ފޯމު ބަލައިގަތުން

 

(ހ) ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޤަވާޢިދުގެ ބޭނުމަށް އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ބައެއް، ބިމެއް ލިބިގަތުމުގެ ބޭނުމުގައި ދޫކޮށްލާނީ، އެ ބިމަކުން ވާރުތަވާން ނުވަތަ ދެންތިބި ވާރުތަވެރިންނަށެވެ.އަދި ވާރުތަވެރިން ނެތް ޙާލަތުގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއަށެވެ.

(ށ) ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ގޯތި ލިބޭފަރާތާއި ގޯތި ޙަވާލުކުރާއިރު އެފަރާތަކަށް ބަންޑާރަ ގޯއްޗަކުން ލިބިފައިވާބައި ދޫކޮށްލުމަށް ޝަރުތުކޮށް މި އުސޫލުގެ ޖަދުވަލު ނަންބަރު 1 ގައިވާ އިޤްރާރެއްގައި ސޮއިކުރަންވާނެއެވެ.  އަދި މިފަދައިން ތަރިކައިން  ލިބިފައިވާބައި ދޫކޮށްލުމުން ދެން އެބައެއް ލިބެންވާނީ ދޫކޮށްލާ ބިމަކުން ވާރުތަވާން ނުވަތަ ދެންތިބި ވާރުތަވެރިންނަށެވެ. އަދި ވާރުތަވެރިން ނެތް ޙާލަތުގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއަށެވެ.

(ނ) ގޯތި ނުވަތަ ފުލެޓް  ދޫކޮށްލަން އިޤުރާރުވި ފަރާތްތަކުގެ، ގޯތި ނުވަތަ ފުލެޓް ވަގުތީލިސްޓް އާންމުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެތެރޭގައި ކޯޓަށް ހުށަހަޅާ، އެލިޔުން  ހުށައެޅިކަމުގެ ޗިޓް ކައުންސިލަށް ހުށަނާޅާނަމަ، ލިސްޓް ތަރުތީބުން ދެން އެންމެ މަތީ ޕޮއިންޓް ލިބިފައިވާ ފަރާތައް އެފުރުޞަތު ދެވޭނެއެވެ.

14

ގޯތިނުވަތަފުލެޓްދޫކޮށްލުން

 

ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ތިރީގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ)  ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ)  ގޯތި ދޫކުރުމަށް ފޯމް ހުށަހަޅާ އެންމެފަހުގެ ތާރީޚް އާ ހަމަޔަށް މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

 (ނ)  ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން . (ލިބިފައި ނެތުންކަމަށް މާނަ ކުރަނީ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއްގެ ވަގުތީ ރަޖިސްޓްރީ ނުވަތަ ގޯތި ދިނުމުގެ ދާއިމީ ލިސްޓަކުން އެމީހަކަށް ގޯއްޗެއް ލިބިފައިވާކަން އަދި ޝަރުޢީ ކޯޓަކުން އެފަރާތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ނުވަތަ ގަނެވިއްކުމުގެ މުޢާމަލާތަކުން ގޯއްޗެއް މިލްކުވެފައި ނުވުމަށެވެ. (ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން.)

(ރ)  އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައި ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް މިއުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.

(ބ)  ސަރުކާރުން ހަދާފައިވާ ޢިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. އަދި މިފަދަތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.

(ޅ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ ސަރުކާރުން ރާވާ އިންތިޒާމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެއްގެ ދަށުން ދޫކުރާ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 02 ((ދޭއް) އަހަރަށްވުރެ ގިނަދުވަސް ވެފައިވުން. އަދި ސަރުކާރު ޙިއްސާވާ ނުވަތަ ބައިވެރިވާ ކުންފުންޏަކުން ނުވަތަ އަމިއްލަ ކުންފުންޏަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެއްގެ ދަށުން ހަދަމުން ގެންދާ ފުލެޓެއް ނުވަތަ ދިރިއުޅުމަށް ދޫކުރާ ތަނަކަށް ފައިސާ ދައްކަމުންދާ ފަރާތަކަށްނުވުން.

(ކ)  ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިތިބި އުފަންދަރިންނާއި އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ނުވަތަ އޮވެ އެގޯއްޗަކާއިމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މިއުޞޫލުގެ 07 ވަނަ މާއްދާގައިބުނާ ކޮމެޓީއަށް ފެނުން.

15

ގޯއްޗައް އެދިހުށަހަޅާމީހުންގެހުންނަންޖެހޭޝަރުޠުތައް

 

ގޯއްޗަށް އެދި ހުށައަޅާ ފޯމާއިއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ. (ފޯމައިއެކު ހުށަނާޅާ ލިޔުމެއްގެ މައުލޫމާތަށް ބިނާކޮށް އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)

(ހ) ގޯއްޗަށް އެދޭ މީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދެފުށުގެ  ފޮޓޯ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ފޮޓޯ ކޮޕީ

(ށ)  ގޯއްޗަށް އެދޭ މީހާގެ އަނބި/ފިރިމީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ފޮޓޯ ކޮޕީ

(ނ)  ގޯއްޗަށް އެދޭ މީހަކީ ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ ކައިވެނީގެ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ. (ހުރިހާ ސަފުހާއެއް ހިމެނޭ ގޮތަށް)

(ރ)  ގޯއްޗަށް އެދޭ މީހަކީ ވަރިކޮށްފައިވާ މީހެއްނަމަ ވަރީގެ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ. (ހުރިހާ ސަފުހާއެއް ހިމެނޭ ގޮތަށް)

(ބ)  ގޯއްޗަށް އެދޭ މީހާގެ އުފަން ދަރިން ދުނިޔޭގައި ތިބިނަމަ، އެކުދިންގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ  ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ފޮޓޯ ކޮޕީ، 6 މަސްނުވާ ކުއްޖެއްނަމަ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީ ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ  ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ފޮޓޯ ކޮޕީ

(ޅ)  ގޯއްޗަށް އެދޭ މީހާގެ އުފަން ދަރިން ނޫން ކުދިން ޝަރުއީގޮތުން ބަލަމުން ގެންދާނަމަ،  އެކުދިންގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ  ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ފޮޓޯ ކޮޕީ، 6 މަސްނުވާ ކުއްޖެއްނަމަ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީ ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ  ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ފޮޓޯ ކޮޕީއަދި ޝަރުއީގޮތުން އެކުދިން ބަލަންޖެހިފައިވާ ކަމަށް ކަމާއިގުޅޭ އިދާރާއަކުން ދީފައިވާ ލިޔުމުގެ ކޮޕީ.

(ކ) ގޯއްޗަށް އެދި ހުށައަޅާ ފޯމާއިގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ އެންމެހާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ފޮޓޯ ކޮޕީ.

16

ގޯއްޗަށްއެދޭ ފޯމާއި އެކު ހުށައަޅަންޖެހޭ ލިޔެކިޔުން

 

ގޯއްޗަށް އެދި ހުށައެޅުމަށް ކުރާ އިއުލާނުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ 120 ދުވަހުގެ ތެރޭގައި ގޯއްޗަށް އެދި ހުށައެޅި ފަރާތެއް ޝަރުތު ހަމަނުވާނަމަ ސަބަބު ބަޔާންކޮށް ލިޔުމުން އެފަރާތަކަށް އަންގަންވާނެއެވެ.

ޝަރުތު ހަމަނުވާ ފަރާތްތައް ކަނޑައަޅާނީ ފޯމާއިއެކު ހުށައަޅާ ލިޔުންތަކާއި ސަރުކާރުގެ އިދާރާތަކުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބަލައި މިއުޞޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް ބަލައިގެންނެވެ.

ހުށައަޅާފައިވާ ލިޔުންތަކުން ފޯމު ހުށައަޅާފައިވާ ފަރާތަކީ ޝަރުތުހަމަވާ ފަރާތެއްކަމަށް ކަނޑައަޅައިފައި ވަނިކޮށް ފޯމު ހުށައެޅި ފަރާތުން ހުށައަޅާފައިވަނީ ދޮގު މައުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ ސަރުކާރުގެ އިދާރާއަކުން ލިބޭ މައުލޫމާތުތަކަށް ރިއާޔަތްކުރާއިރު އެފަރާތުގެ ޝަރުތުހަމަނުވާ ކަމުގައިވަނީނަމަ ގޯތިދޫކުރުމުގެ މަސައްކަތް އެވަގުތަކު އޮތް މަރުހަލާއަކާއި ހިސާބުން އެފަރާތެއް ވަގުތުން ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅައި މިމާއްދާގެ (17.1) ގައިވާ ލިޔުން ފޮނުވަންވާނެއެވެ.

މިމާއްދާގެ (17.3) އާއި އެއްގޮތަށް އެއްވެސް މަރުހަލާއެއްގައި ގޯއްޗަށް އެދި ހުށައެޅުމުގެ ޝަރުތުހަމަނުވާ ކަމުގައި ކަނޑައެޅިއްޖެނަމަ މިއުޞޫލުގެ 15 ވަނަ މާއްދާއާއި އެއްގޮތަށް ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުން އުނިކޮށް ލިސްޓް ތަރުތީބުކުރަންވާނެއެވެ. 

މިމާއްދާގެ (17.1) ގައި ބަޔާންކުރާ މުއްދަތުގައި ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާއަކުން، މިނިސްޓްރީއަކުން ނުވަތަ ޝަރުއީ ކޯޓަކުން ފަސްކުރާ ފަސްކުރުމެއް ނުވަތަ އެފަދަ ފަރާތަކުން ކުރާ އަމުރަކާއި ގުޅިގެން ލަސްވާ ލަސްވުން އިސްތިސްނާވާނެއެވެ. އަދި ގުދުރަތީ ކާރިސާއަކާއި ގުޅިގެން ލަސްވާ ލަސްވުންވެސް އިސްތިސްނާ ވާނެއެވެ.

17

ޝަރުތުހަމަނުވާ ފަރާތްތައް ކަނޑައެޅުން

 

ހ) ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭނީ މިއުޞޫލުގެ ދަށުން އަމަލުކުރުމަށް ތައްޔާރުކޮށްފައިވާ ޕޮއިންޓް ލިބޭ މިންގަނޑުތަކަށް ޕޮއިންޓް ދިނުމުން ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. މިއުސޫލުގެ ދަށުން ދޫކުރާނެ ގޯތީގެ އަދަދު ކަނޑައަޅާނީ ފުނަދޫ ކައުންސިލުންނެވެ. 

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގޯތިލިބޭ ފަރާތްތައް ހޮވުމުގައި އެންމެ ފަހު ގޯތި ނުވަތަ ގޯތިތަކަށް ވާދަކުރަން އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާނަމަ އެންމެ ފަހު ގޯތި ނުވަތަ ގޯތިތައް ލިބޭ ފަރާތް ނުވަތަ ފަރާތްތައް ކަމުގައި ނިންމާނީ މިއުޞޫލުގެ 19 ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތުލައިގެންނެވެ. 

(ނ) ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނިފައިވާނަމަ ގޯތި ދޫކުރެވޭނީ އެ ދެފަރާތުންކުރެ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށެވެ.  ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނި، ދެމަފިރިންނަށް އެއްވަރަށް ޕޮއިންޓް ލިބިފައިވާ ނަމަ ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ ދެފަރާތުން މަޝްވަރާކުރުމަށް 05 ދުވަހުގެ މުހުލަތެއްދީ، މި މުއްދަތުގެ ތެރޭގައި އެއްފަރާތުން ގޯތި ދޫކޮށްލާކަން ބަޔާންކޮށް ކައުންސިލް އިދާރާއަށް ލިޔުމަކުން ހުށައެޅުމުންނެވެ. މި މުއްދަތުގެ ތެރޭގައި ގޯތި ދޫކޮށްލާ ފަރާތުން ގޯތި ދޫކޮށްލާކަން ބަޔާންކޮށް ލިޔުމުން ހުށަނާޅައިފިނަމަ ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ މިއުޞޫލުގެ 19 މާއްދާއާއި އެއްގޮތަށް ގުރުއަތުލައިގެންނެވެ.

(ރ) ގޯތި ދޫކުރުމަށް އިއުލާނުކުރާ ތާރީހުގެ ފަހުން ކައިވެނި ރޫޅުނު ދެމަފިރިން ކަމުގައިވިޔަސް އަމަލުކުރާނީ މި އުޞޫލުގެ ހ، ށ އަދި ނ ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ބ) ވަރިވެފައިވަނީ ދެ ފަރާތުން ފޯމު ހުށައެޅުމަށްކަމަށްވެފައި، އިއުލާނުކޮށް، ޕްރޮސެސް ނިމި، ހަވާލުކުރާ ހިސާބަށްދާއިރު ދެމީހުން އިނދެގެން އުޅޭނަމަ، އަމަލުކުރާނީ މި އުޞޫލުގެ 18ގެ ހ، ށ އަދި ނ ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

18

ގޯތިލިބޭ ފަރާތްތައް ކަނޑައެޅުން

 

މިއުޞޫލުގެ 18 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ ގުރުއަތުލުން ކުރިއަށް ގެންދަންވާނީ މިއުޞޫލުގެ 09 ވަނަ މާއްދާގައި ބަޔާންކުރާ ކޮމެޓީގެ ބައްދަލުވުމަކުންނެވެ.

މި ބައްދަލުވުން ބާއްވަންވާނީ އާންމުކޮށް ހުޅުވާލައިގެން ފުނަދޫ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.

ގުރުއަތުނެގުމަށް ބޭއްވޭ ބައްދަލުވުން ފެށުމުގެ 72 (ހަތްދިހަ ދޭއް) ގަޑިއިރު ކުރިން ގުރުއަތު ނެގުން ބޭއްވޭ ފަރާތްތަކަށް، ގުރުއަތު ނެގުމުގެ ބައްދަލުވުމުގެ ދައުވަތު ފޮނުވަންވާނެއެވެ.

ދެފަރާތުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމުގައި، ގުރުއަތުނަގާނީ ފޯމު ހުށައެޅި ފަރާތުން ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެކެވެ. ބުނެވުނު ފަދަ ފަރާތެއް ހަޒިރުވެ ނެތްނަމަ ބަދަލުގައި ގުރުއަތުނަގާނީ ކޮމެޓީއިން ކަނޑައަޅާ މެންބަރެކެވެ.

19

ގުރުއަތުލުން

 

މިއުޞޫލާއި އެއްގޮތަށް ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ގޯތި ބާތިލުކުރަންޖެހިއްގެނަމަ އެފަރާތެއްގެ ނަން ލިސްޓުން އުނިކުރުމަށްފަހު އަލުން ލިސްޓް މި އުޞޫލުގެ 18 ވަނަ މާއްދާއާއި އެއްގޮތަށް ތަރުތީބުކުރަންވާނެއެވެ.

20

ގޯތިލިބޭ ފަރާތެއް ގޯތިލިބޭ ލިސްޓުން އުނިކުރުން

 

މިއުޞޫލުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް، ފޯމުހުށަހެޅުމުގެ މުއްދަތު ހަމަވަތާ ރަސްމީ 150 ދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމުގައި މިއުޞޫލުގެ 21 ވަނަ މާއްދާގައިވާ އުނިއިތުރު ގެނެވޭ ކޮންމެ ފަހަރަކު އެ އުނިއިތުރަކާއިއެކު ލިސްޓް އާންމުކުރަންވާނެއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށް ކުރާ އިއުލާނުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގޯއްޗަށް އެދި ފޯމު ހުށައެޅި ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް.

(ށ) ގޯއްޗަށް އެދި ހުށައެޅި ފޯމުގެ ރިފަރެންސް ނަމްބަރ.

(ނ) ގޯއްޗަށް އެދި ފޯމު ހުށައެޅި ފަރާތަށް ލިބުނު ޖުމްލަ ޕޮއިންޓް.

މިއުޞޫލުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށްފަހު ޝަކުވާ ހުށައެޅުމަށް ރަސްމީ 10 ދުވަހަށްވުރެ ކުޑަ ނޫން މުއްދަތެއް ދޭންވާނެއެވެ.

21

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުން

 

ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާ ކުރާ އިއުލާނުގައި ޝަކުވާ ހުށައެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލާއި މުއްދަތު ހިމަނަންވާނެއެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދެވުނު މުއްދަތު ހަމަވުމުން، ހުށައެޅިފައިވާ ޝަކުވާތައް ވަކިވަކިން ކޮމެޓީއިން ބަލާ ދިރާސާކޮށް، ކޮންމެ ޝަކުވާއަކަށް ވަކިން ލިޔުމުން ޖަވާބުދާރީވާން ވާނެއެވެ.

22

ވަގުތި ލިސްޓަށް ޝަކުވާހުށައެޅުން

 

ގޯއްޗަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތެއް، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުމުގެ ކުރިން ނިޔާވެއްޖެނަމަ، އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކޮށް މި އުޞޫލުގެ 21 ވަނަ މާއްދާއާއި އެއްގޮތަށް ލިސްޓް ތަރުތީބުކޮށް އާންމުކުރަންވާނެއެވެ.

23

ގޯއްޗަށް އެދިފައިވާ މީހާ މަރުވުން

 

ވަގުތީ ލިސްޓަށް ހުށައެޅުނު ޝަކުވާތައް ބަލާ ދިރާސާކޮށް ޖަވާބުދާރީވުމަށްފަހު، ލިސްޓަށް އުނިއިތުރެއް ގެންނަންޖެހޭ ނަމަ އެ އުނިއިތުރެއް ގެނައުމަށްފަހު ރަސްމީ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދާއިމީ ލިސްޓް އާންމު  ކުރަންވާނެއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުމަށް ކުރާ އިއުލާނުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގޯއްޗަށް އެދި ފޯމު ހުށައެޅި ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް.

(ށ) ގޯއްޗަށް އެދި ހުށައެޅި ފޯމުގެ ރިފަރެންސް ނަމްބަރ.

(ނ) ގޯއްޗަށް އެދި ފޯމު ހުށައެޅި ފަރާތަށް ލިބުނު ޖުމްލަ ޕޮއިންޓް.

ގޯތި ލިބޭ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ލިބޭ ގޯތި ށ.ފުނަދޫ ޗާޓުގައި ފާހަގަކޮށްފައިވާ ގޯތިތަކުން ކަނޑައަޅާނީ ދާއިމީ ލިސްޓް އާންމުކުރުމަށް ފަހުގައެވެ.

24

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކުރުން

 

ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ ފަރާތްތަކުގެ ދައިމީ ލިސްޓްގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. އެފަދަ ފަރާތެއް ހާޒިރުވެ ނެތްނަމަ ގުރުއަތު ނަގާނީ ކޮމެޓީ މެންބަރެކެވެ.

ގުރުއަތުނެގުން ކުރިއަށް ގެންދަންވާނީ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ޗާޓުގައި ފާހަގަކޮށްފައިވާ ހިސާބު ނަމްބަރު ބޭނުންކޮށްގެންނެވެ.

ގުރުއަތުނަގާނީ ގޯތިލިބޭ މީހުންގެ ދާއިމީ ލިސްޓުގައިވާ ތަރުތީބުންނެވެ.

25

ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުން

 

ގޯތި ލިބޭ ފަރާތްތަކަށް ގޯތި ހަވާލުކުރުމަށްފަހު އެއް ގޯތި އަނެއް ގޯއްޗާއި ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް 07 (ހަތެއް) ދުވަހުގެ މުއްދަތެއް އާންމުކޮށް އިއުލާނުކުރުމަށްފަހު ހުޅުވާލަންވާނެއެވެ. މިގޮތުން ދެވޭ 07 (ހަތެއް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ގޯތި ބަދަލުކޮށްނުދެވޭނެއެވެ.

26

ގޯތި ބަދަލުކުރުމުގެ ފުރުސަތު ދިނުން

 

ގޯތި ލިބިފައިވާ ފަރާތުން ގޯތީގެ އިމުގެތެރޭގައިވާ އެންމެހާ ރުއްގަހަށް، ގޯތި ލިބޭތާ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ބަދަލުދީ ނިންމާ އެކަން ލިޔުމަކުން ކައުންސިލް އިދާރާއަށް އަންގަންވާނެއެވެ.

27

ރުއްގަހަށް ބަދަލު ދިނުން

 

ގޯތި ލިބިފައިވާ ފަރާތުން ގޯތީގެ އިމުގެތެރޭގައިވާ އެންމެހާ ރުއްގަހަށް، ގޯތި ލިބޭތާ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ބަދަލުދީ ނިންމާ އެކަން ލިޔުމަކުން ކައުންސިލް އިދާރާއަށް އަންގަންވާނެއެވެ.

ގޯތި ލިބޭ ފަރާތުން ގޯތި ލިބޭތާ 01 މަސްދުވަހުގެ ތެރޭގައި ލިބުނު ގޯތީގައި ކަންމުޑި ޖަހަންވާނެއެވެ. ބިމުން މައްޗަށް 06 އިންޗިން ފެންނަން ހުންނަ 18 އިންޗީގެ ކަންމުޑިއަކަށް ވާންވާނެއެވެ.

ގޯތި ހަވާލުކުރެވޭތާ މީލާދީ 01 އަހަރު ދުވަހުގެ ތެރޭގައި އިންފާރު ރާނަންވާނެއެވެ.

ގޯތި ހަވާލުކުރެވޭތާ މީލާދީ 05 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި އިމާރާތްކޮށް ދިރިއުޅެން ފަށަންވާނެއެވެ.

28

ގޯތިލިބޭ ފަރާތުން ކުރަންޖެހޭ ކަންކަން

 

ގޯތި ހަވާލުކުރެވޭތާ 02 މަސްދުވަސް ތެރޭގައި ނަމެއް ކިޔާ ގޯތި ރަޖިސްޓްރީ ކުރަން ވާނެއެވެ. ލިބިފައިވާ ގޯއްޗެއް ނުވަތަ ފުލެޓް/ރޯހައުސް/ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް މިއުސޫލާއި އެއްގޮތަށް ދޫކޮށްލުމަށް ޝަރުއީ ކޯޓުން ނިންމަންޖެހޭ މައްސަލަ ނިންމުމުގެ މަސައްކަތް ކުރިއަށް ދާނަމަ (މައްސަލަ ކުރިއަށްދާކަން ބަޔާންކޮށް ޝަރުއީ ކޯޓަކުން ދޫކޮށްފައިވާ ލިޔުން ހުށަހަލާފައިވާނަމަ) މައްސަލަ ނިމެންދެން މުހުލަތު ދޭންވާނެއެވެ.

މިއުޞޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދެއްގައި، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިއެވަނީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) ގޯތި ދޫކުރުން ކަމުގައި ބުނެފައިއެވަނީ މިއުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ މާނައިގައެވެ.

(ށ) ގޯތި ލިބޭ ފަރާތް ކަމުގައި ބުނެފައިއެވަނީ މިއުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ލިބޭ މިންވަރަށް ޕޮއިންޓް ލިބިގެން ގޯތިލިބޭނެކަމަށް ކަނޑައެޅޭ ފަރާތްތަކަށެވެ.

(ނ) ކޮމެޓީ ކަމުގައި ބުނެފައިއެވަނީ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓަން ށ.ފުނަދޫ ކައުންސިލުން އެކުލަވާލާ ކޮމެޓީއަށެވެ.

(ރ) ގޯއްޗަށް އެދޭ ފަރާތްކަމުގައި ބުނެފައިއެވަނީ ގޯތި ދޫކުރުމަށް ހުޅުވާލާ ކުރެވޭ އިއުލާނުގެ މުއްދަތުގައި ގޯއްޗަށް އެދި ހުށައަޅަންޖެހޭ ފޯމު ހުށައަޅާފައިވާ ފަރާތްތަކެވެ.

(ބ) ކައުންސިލު ނުވަތަ ފުނަދޫ ކައުންސިލު ކަމުގައި ބުނެފައި އެވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލަށެވެ.

(ޅ) ކައުންސިލު އިދާރާ ކަމުގައި ބުނެފައި އެވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލުގެ އިދާރާއަށެވެ.

29

މާނަކުރުން

 

 

ޖަދުވަލް 1

ށ.ފުނަދޫއިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑު

  1. ކައިވެނީގެ ބައި

ހ

މީހަކާއި އިނދެގެން އުޅޭނަމަ 20 ޕޮއިންޓް އަދި ކައިވެންޏަށް ވެފައިވާ ކޮންމެ އަހަރަކަށް 01 ޕޮއިންޓް (ކައިވެންޏަށް ވެފައިވާ އަހަރަށް ގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ.)

30 ޕޮއިންޓް

ށ

ފިރި/އަނބި ނިޔާވެ ހުވަފަތްވެފައި، 01 ނުވަތަ އެއަށްވުރެ ގިނަ އުފަން ދަރިން ބަލަމުން ގެންދާނަމަ (އުފަން ދަރިއަކު ބަލަމުން ނުދާނަމަ މިބަޔަށް ޕޮއިންޓް ނުލިބޭނެއެވެ. އަދި މިބައިގާ ކުދިންގެ ގޮތުގައި ޕޮއިންޓް ދޭނީ އިޢުލާންކުރާ ދުވަހަށް 18 އަހަރު ނުފުރޭ ކުދިންނަށެވެ.)

16 ޕޮއިންޓް

ނ

ކުރިން މީހަކާއި އިނދެ ކައިވެނި ރޫޅިފައިވީނަމަވެސް، 01 ނުވަތަ އެއަށްވުރެ ގިނަ އުފަން ދަރިން ބަލަމުން ގެންދާނަމަ (އުފަން ދަރިއަކު ބަލަމުން ނުދާނަމަ މިބަޔަށް ޕޮއިންޓް ނުލިބޭނެއެވެ. އަދި މިބައިގާ ކުދިންގެ ގޮތުގައި ޕޮއިންޓް ދޭނީ އިޢުލާންކުރާ ދުވަހަށް 18 އަހަރު ނުފުރޭ ކުދިންނަށެވެ.)

16 ޕޮއިންޓް

  • ކައިވެނި ރޫޅިފައިވާކަމަށް އަދި ކައިވެނިކޮށްގެން އުޅޭ ކަމުގައި ބަލާނީ ގޯތި ދޫކުރުމަށް ހުޅުވާލައި ގެޒެޓް ކުރާ ތާރީޚާއި ހަމައަށެވެ.
  • އަދި އަނބި/ފިރި މަރުވެ ހުވަފަތްވުމުގެ ހާލަތުވެސް ބަލާނީ ގޯތި ދޫކުރުމަށް ހުޅުވާލައި ގެޒެޓް ކުރާ ތާރީޚާއި ހަމައަށެވެ.
  • ކައިވެނީގެ ބަޔަށް ޕޮއިންޓް ދެވޭނީ ހުށައަޅާފައިވާ ވަރި/ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. ކައިވެނީގެ މުއްދަތު ގުނާނީ މެދުކެނޑުމެއް ނުވާނަމައެވެ.
  • އަދި ގޯތި ދޫކުރުމަށް އިއުލާނުކުރާ ތާރީހުގައި އެމީހަކު އެ ކައިވެނީގެ މަތީގައި ދެމިހުރި ކައިވެނީގެ މުއްދަތަށެވެ.
  • ނަމަވެސް ކައިވެނި ރުޖޫއަކުރެވިފައިވާނަމަ ކައިވެނީގެ މުއްދަތު ގުނާނީ އެދެމަފިރިން ކައިވެނި ރުޖޫއަކުރުމުގެ ކުރިން ކައިވެނީގައި ވޭތުވެފައިވާ މުއްދަތު ހިމަނައިގެންނެވެ.
  • މިގޮތުން ޕޮއިންޓްދިނުމުގައި އަހަރު ގުނާނީ ފުރިހަމަވެފައިވާ ކޮންމެ މީލާދީ 12 (ބާރަ) މަސްދުވަހަކީ އަހަރެއްގެ ގޮތުގައި ބަލައިގެންނެވެ.

2. އުމުރުގެ ބައި

ހ

އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދު

10 ޕޮއިންޓް

ށ

އުމުރުން 30 އަހަރުން މަތި

15 ޕޮއިންޓް

  • އުމުރުގެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ، ގޯތި ދޫކުރުމަށް ހުޅުވާލާ އިއުލާނުކުރާ ތާރީހާއި ހަމައަށެވެ.

3. ދަރިން ނުވަތަ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ ބައި

ހ

01 އުފަން ދަރިއަކު ބަލަމުން ގެންދާނަމަ ނުވަތަ އެޑޮޕްޓްކޮށްގެން ނުވަތަ ޝަރުއީ ބެލެނިވެރިކަމުގެ ދަށުން 01 ކުއްޖަކު ބަލަމުން ގެންދާނަމަ 16 ޕޮއިންޓް އަދި 02 ނުވަތަ އެއަށްވުރެ ގިނަ އުފަން ދަރިން ބަލަމުން ގެންދާނަމަ ނުވަތަ އެޑޮޕްޓްކޮށްގެން ނުވަތަ ޝަރުއީ ބެލެނިވެރިކަމުގެ ދަށުން 02 ނުވަތަ އެއަށްވުރެ ގިނަ ކުދިން ބަލަމުން ގެންދާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 02 ޕޮއިންޓް (އަދި މިބައިގާ ކުދިންގެ ގޮތުގައި ޕޮއިންޓް ދޭނީ އިޢުލާންކުރާ ދުވަހަށް 18 އަހަރު ނުފުރޭ ކުދިންނަށެވެ.)

22 ޕޮއިންޓް

ށ

ހާއްސަ އެހީއަށް ބޭނުންވާ 1 އުފަން ދަރިއަކު ބަލަމުން ގެންދާނަމަ 02 ޕޮއިންޓް. ހާއްސަ އެހީއަށް ބޭނުންވާ 2  ނުވަތަ އެއަށްވުރެ ގިނަ އުފަން ދަރިން ބަލަމުން ގެންދާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 01 ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 06 ޕޮއިންޓެވެ.)

ނޯޓް: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޕޮއިންޓް ދެވޭނީ އެކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތެއްގެ ގޮތުގައި ސަރުކާރުގެ ކަމާއިބެހޭ އިދާރާގެ ދަފްތަރުގައި ހިމެނިފައިވާ ކުއްޖަކުކަމުގައިވާ ނަމައެވެ. އަދި އެކަން އަންގައިދޭ ލިޔެކިޔުން ހުށައަޅާފައިވާނަމައެވެ. ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކަމުގައި ބަލާނީ ގޯތި ދޫކުރުމަށް އިއުލާނުކުރި ތާރީހާއި ހަމައަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާނަމައެވެ. (އެފަރާތައް 18 އަހަރުވެފައިވީނަމަވެސް މިބަޔަށް ޕޮއިންޓް ދެވޭނެއެވެ. އަދި ކުއްޖާގެ ނަމުގައި ބިމެއް ރަޖިސްޓްރީކޮށްފައިވާނަމަ މިބަޔަށް ޕޮއިންޓް ނުދެވޭނެއެވެ)

06 ޕޮއިންޓް

ނ

ކައިވެނިކޮށްގެން އުޅޭތާ 2 އަހަރުވެފައިވާ، ނަމަވެސް ސިއްހީ މައްސަލައެއްގެ ސަބަބުން ދަރިން ލިބުމުން މަހުރޫމުވެފައިވުން (އުފަން ދަރިއަކު ލިބިފައިނުވުން) އަދި މިފަދަ ކަމަކަށް ބޭސްކުރަމުންދާތާ 1 އަހަރަށްވުރެ ގިނަދުވަސް ވެފައިވާނަމަ (މިކަން ސާބިތުކުރުމަށް މިކަން ބަޔާންކޮށް ސިއްހީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާނަމަ)

ނޯޓް: އުފަންދަރިއަކު ކުރިން ލިބި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހާއި ހަމައަށް ދުނިޔޭގައި ހުރިނަމަ ނުވަތަ އެޑޮޕްޓްކޮށްގެން ކުއްޖަކު ބަލަމުން ގެންދާނަމަ މިބަޔަށް ( ނ ) ޕޮއިންޓް ނުލިބޭނެއެވެ.

16 ޕޮއިންޓް

  • ކައިވެނި ރޫޅިފައިވާ ހާލަތުގައި މަންމަ ދަރި ބަލަމުންދާނަމަ (އެކަނިވެރި މައިން)، މިބަޔަށް ޕޮއިންޓް ދެވޭނީ ދަރިން ބަލަމުން ގެންދަނީ މަންމަގެ

ފުރިހަމަ ޒިއްމާގެ ދަށުން މަންމައާއި އެއް ގޭބިސީއެއްގައި ކަމުގައިވާނަމައެވެ. އަދި މިކަން ބަޔާންކޮށް 2 ހެކިވެރިން ސޮއިކޮށްފައިވާ ލިޔުމެއް ނުވަތަ އެކަން ބަޔާންކޮށްދޭ

ޝަރުއީ ކޯޓެއްގެ ލިޔުމެއް ހުށައަޅަންވާނެއެވެ. މި ލިޔުމުގެ މުއްދަތު ގުނާނީ ގޯތި ދޫކުރުމަށް އިއުލާނުކުރާ ތާރީހާއި ހަމައަށެވެ.

  • ކައިވެނި ރޫޅިފައިވާ ހާލަތުގައި ބައްޕަ ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި ބަފައިން)، މިބަޔަށް ޕޮއިންޓް ދެވޭނީ ބައްޕަ ދަރިން ބަލަމުން ގެންދާކަމުގެ

ޝަރުއީ ކޯޓެއްގެ ލިޔުމެއް ނުވަތަ މިކަން ބަޔާންކޮށް 2 ހެކިވެރިން ސޮއިކޮށް ލިޔުމުން ހުށަހެޅުމުންނެވެ. މި ލިޔުމުގެ މުއްދަތު ގުނާނީ ގޯތި ދޫކުރުމަށް އިއުލާނުކުރާ ތާރީހާއި ހަމައަށެވެ.

  • ކައިވެނި ރޫޅިފައިވާ ހާލަތުގައި މަންމަ ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި މައިން)، އަދި ބައްޕަ ދަރިންނަށް ހަރަދުކުރަމުން ގެންދާނަމަ،

ބައްޕަ ދަރިންނަށް ހަރަދުކުރާކަން ސާބިތުކޮށްދޭ ޝަރުއީ ކޯޓެއްގެ ލިޔުން ނުވަތަ ދަރިންގެ މަންމަ ފަރާތުން ބައްޕަ ދަރިންނަށް ހަރަދު ދޭކަމުގެ ލިޔުން

ހުށައެޅުމުން އެ ދެފަރާތަށްވެސް ކަނޑައެޅިފައިވާ ޕޮއިންޓް ލިބޭނެއެވެ. މި ލިޔުމުގެ މުއްދަތު ގުނާނީ ގޯތި ދޫކުރުމަށް އިއުލާނުކުރާ ތާރީހާއި ހަމައަށެވެ.

  • ކުދިންނަށް ހަރަދުކޮށް ކުދިން ބަލަމުން ގެންދަނީ މަންމަ/ބައްޕަ ނުވަތަ އެދެމީހުންގެ ފަރާތުން ޝަރުއީ ގޮތުން ކުދިން ބަލަހައްޓަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއްނަމަ،

މިބައިން އެއިން އެއްވެސް ފަރާތަކަށް (މަންމަ/ބައްޕަ) ޕޮއިންޓް ނުލިބޭނެއެވެ.

4.ރަށްވެހިކަމުގެ ބައި

ހ

އުފަންވީއްސުރެ ށ.ފުނަދޫގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މިރަށަށް ބަދަލުކޮށްފައިވާ ފަރާތެއްނަމަ

24 ޕޮއިންޓް

ށ

ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ށ.ފުނަދޫއަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތެއްނަމަ ކޮންމެ އަހަރަކަށް 2 ޕޮއިންޓް (އެންމެ ގިނަވެގެން ދެވޭނީ ޖުމްލަ 24 ޕޮއިންޓް) ޕޮއިންޓް ދެވޭނީ ގޯތި ދޫކުރުމަށް އިއުލާނުކުރާ ތާރީހާއި ހަމައަށް ރަށްވެހިވެހިކަން ބަދަލުކުރިފަހުން ފާއިތުވި އަހަރަކަށް 2 ޕޮއިންޓް

24 ޕޮއިންޓް

ނ

ށ.ފުނަދޫގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ފުނަދޫއިން ކުއްޔަށް ތަނެއް ހިފައިގެން އެތަނުގައި ދިރިއުޅެމުންދާތާ:

- 02 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ނަމަ (02 ޕޮއިންޓް)

-ފޯމް ހުށައެޅިފަރާތް އަދި އަނބި/ފިރިމީހާގެ އެއްބަނޑު އެއްބަފާ، އެއްބަނޑު، އެއްބަފާ، މަންމަ ނުވަތަ ބައްޕަގެ ގޭގައި އުޅެމުންދާކަމުގައި ވީނަމަވެސް އަދި ކުލިދައްކާފައި ވީނަމަވެސް  މި ބަޔަށް ޕޮއިންޓް ނުދެވޭނެއެވެ.)

މި ބަޔަށް ޕޮއިންޓް ދެވޭނީ 2 އަހަރު ދުވަހުގެ ކުލި ދައްކާފައިވާ ބެންކް ސްލިޕް، ބޭންކް ސްޓޭޓްމަންޓް  އަދި ކުއްޔަށް އުޅޭކަމުގެ އެގްރިމެންޓް. (މި 3 ޑޮކިއުމަންޓް ހުށަނާޅާނަމަ މިބަޔަށް ޕޮއިންޓް ނުދެވޭނެއެވެ.)

މުއްދަތު ގުނާނީ ގޯތި ދޫކުރުމަށް ހުޅުވާލައި ގެޒެޓް ކުރާ ތާރީޚާއި ހަމައަށެވެ.

02 ޕޮއިންޓް

 

ނޯޓް: ރަށްވެހިކަމުގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށައަޅާ ފަރާތުން ހުށައަޅާ އައިޑީ ކާޑުގައިވާ މައުލޫމާތު އަދި ރަށްވެހިންގެ ރަޖިސްޓްރީއަށް ބަލައިގެންނެވެ.

ރަށްވެހިންގެ ރަޖިސްޓްރީގެ މުއްދަތު ގުނާނެ އެންމެ ފަހު ތަރީހަކީ އުސޫލުގެ ދަށުން ގޯތި ދޫކުރުމަށް އިޢުލާނުކުރާދުވަހާއި ހަމައަށެވެ. އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން

ސަރުކާރުން މިރަށަށް ބަދަލުކޮށްފައިވާ ފަރާތްތަކަށް ލިބޭނީ ރަށްވެހިކަމުގެ ބައިގެ (ހ) ގައިވާ ޕޮއިންޓެވެ. (ށ) ގައިވާ ޕޮއިންޓް ނުލިބޭނެއެވެ.

                                                                                                       

5. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް

ހ

ގޯއްޗަށް އެދިފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ނަމަ

05 ޕޮއިންޓް

 

6. އުނިކުރުން

ހ

ގޯއްޗަށް އެދޭމީހާގެ )އަނބިމީހާ/ފިރިމީހާ) ނަމުގައި ރާއްޖޭގެ އެއްވެސް ރަށަކުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ލިބި މިލްކުވެފައިވާ/މިލްކުވާ ފުލެޓު/ރޯހައުސް/ހައުސިންގ ޔުނިޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން 1000 (އެއްހާސް) އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ވީނަމަވެސް މި އުސޫލުގެ 14 ވަނަ މާއްދާއާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ކަމުގެ އިގުރާރު ހުށަހަޅާފައި ނުވާ ނަމަ.

40 ޕޮއިންޓް

ށ

ގޯއްޗަށް އެދޭމީހާގެ )އަނބިމީހާ/ފިރިމީހާ) ނަމުގައި ރާއްޖޭގެ އެއްވެސް ރަށަކުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ލިބި މިލްކުވެފައިވާ/މިލްކުވާ ފުލެޓު/ރޯހައުސް/ހައުސިންގ ޔުނިޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން 600 (ހަސަތޭކަ) އަކަފޫޓާއި 1000 (އެއްހާސް) އަކަފޫޓާއި ދެމެދުގެ ބައެއް ލިބިފައި ވީނަމަވެސް މި އުސޫލުގެ 14 ވަނަ މާއްދާއާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ކަމުގެ އިގުރާރު ހުށަހަޅާފައި ނުވާ ނަމަ.

30 ޕޮއިންޓް

ނ

ގޯއްޗަށް އެދޭމީހާގެ )އަނބިމީހާ/ފިރިމީހާ) ނަމުގައި ރާއްޖޭގެ އެއްވެސް ރަށަކުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ލިބި މިލްކުވެފައިވާ/މިލްކުވާ ފުލެޓު/ރޯހައުސް/ހައުސިންގ ޔުނިޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިގެން ދޫކޮށްލާފައި ނުވަތަ ވިއްކާލާފައިވާތާ 15 (ފަނަރަ) އަހަރު ނުވާނަމަ. މި މުއްދަތުގެ ތެރޭގައި ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ ބައި ދެން ތިބި ވާރުތަވެރިންނަށް ދޫކޮށްލާފައިވާ ދޫކޮށްލުން އިސްތިސްނާ ވާނެއެވެ.

50 ޕޮއިންޓް

 

 

 

 

 

17 އޮކްޓޫބަރު 2024
ހޯދާ