ދިވެހިރާއްޖެ
ނޫސްބަޔާން
ޓަގު "ANADI" (IMO No: 9080871) އަދި ބާޖު "AM MANUMIT" (Official No: 400923) ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އުރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުމާ ގުޅޭ
ޓަގު "ANADI" އަދި ބާޖު "AM MANUMIT" ހުޅުމާލޭގެ އުތުރުފަރާތު ފަރަށް 21 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ އަރާފައެވެ. އަދި، މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ 23 އޭޕްރީލް 2024 ގައެވެ. މިހެންކަމުން، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މި އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސަރވެޔަރުންނާއެކު ޖޮއިންޓް ސަރވޭއެއް ވަނީ ކުރިޔަށް ގެންދެވިފައެވެ. އެގޮތުން އުޅަނދުތައް ފަރަށް އުރުމުގެ ސަބަބުން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށްޓަކައި ކުރިޔަށް ގެންދެވުނު ސަރވޭއިން ދައްކާގޮތުގައި އެ ސަރަޙައްދުގެ 1159 އަކަ މީޓަރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
މިހެންކަމުން، ހުޅުމާލޭގެ އުތުރުފަރާތު ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން ކަނޑައެޅުނު ޖޫރިމަނާގެ ޢަދަދަކީ 29,201,946/- (ނަވާވީސް މިލިއަން ދެލައްކަ އެއްހާސް ނުވަސަތޭކަ ސާޅީސް ހައެއް) ދިވެހިރުފިޔާ ކަމުގައިވާތީ، މި ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އެ އުޅަނދުތަކުގެ އޮޕަރޭޓަރ ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް ވަނީ 01 އޮކްޓޫބަރު 2024 ގައި އަންގާފައެވެ.