ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ފަޅު ގޯތިތައް ސާފުކުރުން
އައްޑޫ ސިޓީގެ އަވަށްތަކުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން 05 އަހަރު ދުވަސްވީއިރުވެސް ގޯތީގައި ދިރިއުޅެން ފަށާފައި ނުވާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގިނަ ޢަދަދެއްގެ ގޯތިތައް ހުރުމާއި އެކު މިކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އަންނަނީ ލިބެމުންނެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅެން ފަށާފައިނުވުމުގެ ސަބަބުން އެކިއެކި ނޭދެވޭ ޢަމަލުތައް އެތަންތާގައި ހިންގައި އޭގެ ސަބަބުން އިޖުތިމާޢީ އެތަކެއް މައްސަލަތަކެއް ކުރިމަތިވެ އެފަދަ ތަންތާގައި މަދިރި އާއި މީދާ ފަދަ ސޫފާސޫފި އާލާވެ އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫވެ ޢާންމު ސިއްޙަތައް ނުރައްކާވާކަމުގެ ޝަކުވާތައް މިއިދާރާއަށް ތަކުރާރުކޮށް ލިބެމުންދާކަން ފާހަގަކުރެވިފައިވެއެވެ. އަދި މީގެއިތުރުން ގޯތި ޙަވާލުކުރެވުނު ފަހުން ބައެއް ފަރާތްތަކުން ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައި ނުވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
ޤާނޫނު ނަމްބަރު 1/2002 " ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު"ގެ ދަށުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރ އިން އެކުލަވާލާފައިވާ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދުގެ 25 ވަނަ މާއްދާގައި ބަންޑާރަ ގޯއްޗެއް ދޫކުރާ މުއްދަތުން ފެށިގެން 05 އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއް ގައި ދިރިއުޅެން ފަށާފައިނުވާ ނަމަ އެ ގޯއްޗެއް އެމީހެއްގެ ކިބައިން ވަކިވާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.
ޤަވާއިދު ނަންބަރު 2016/R-88 ގޯތި ރަޖިސްޓަރީކުރުމާބެހޭ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ)ގައި ގޯތި ހަވާލުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ގޯތީގެ ދާއިމީ ރަޖިސްޓަރީ ހެއްދުމަށް ގޯތީގެ ވެރިފަރާތުން ހުށަހަޅަންވާނެކަމުގައި ބަޔާންކުރެވިފައިވެއެވެ. އަދި މި މުއްދަތުގައި ރަޖިސްޓަރީ ކުރުމަށް ހުށައަޅާފައިނުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެކަމަށާއި މި ގޮތުގެމަތިން ޢަމަލު ނުކުރާ ފަރާތްތަކަށް ދޫކުރެވިފައިވާ ވަގުތީ ރަޖިސްޓަރީ އަދި ގޯތި ހަވާލުކުރެވުނު ކަމުގެ ލިޔުން ބާތިލުކޮށް އެފަރާތުގެ ކިބައިން ގޯތި ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެއެވެ.
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ފަޅު ގޯތިތަކުގެ އަދަދު:
- ހިތަދޫ: 802 ގޯތި
- މަރަދޫ: 106 ގޯތި
- މަރަދޫފޭދޫ: 23 ގޯތި
- ފޭދޫ: 160 ގޯތި
- ހުޅުދޫ: 512 ގޯތި
- މީދޫ: 109 ގޯތި
ވީމާ، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ދިރިއުޅެން ނުފަށާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގޯތިތަކާއި ގުޅޭގޮތުން ތިރީގައިވާގޮތަށް އަމަލުކުރުމަށް އެ ގޯތިތަކުގެ ވެރިފަރާތަށް އަންގަމެވެ.
- މިއަދުން ފެށިގެން 30 ދުވަސްތެރޭގައި ރަޖިސްޓަރީ ނުކޮށް ހުރި ގޯތިތައް ރަޖިސްޓްރީ ކުރުމަށް ހުށަހެޅުން.
- މިއަދުން ފެށިގެން 30 ދުވަސްތެރޭ ގޯއްޗާއި ގޯތި ވަށައިގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުން.
- މިއަދުން ފެށިގެން 6 މަސް ދުވަސް ތެރޭގައި ގޯތީގައި އިންފާރު ރޭނުން.
- މިއަދުން ފެށިގެން 1 އަހަރުތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުން.
މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
30 ރަބީޢުލްއައްވަލު 1446
03 އޮކްޓޯބަރ 2024