ދިވެހިރާއްޖެ
އިޢުލާން
ރަޖިސްޓަރީ ނުކޮށް ޞިއްޙީ ޚިދުމަތް ދިނުމާގުޅޭ
ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ ޞިއްޙީ ޚިދުމަތެއް ދޭންވާނީ، ޤާނޫނު ނަންބަރު:29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ 11، 12 އަދި 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަދި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު: 2021/R-28 (ޞިއްޙީ ޚިދުމަތްދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޞިއްޙީ ޚިދުމަތް ދޭ ތަން ރަޖިސްޓަރީކޮށް، އޮޕަރޭޓިންގ ލައިސަންސް ހޯދުމަށްފަހުގައެވެ. އެހެންކަމުން އެއްވެސް ބާވަތެއްގެ ޞިއްޙީ ޚިދުމަތެއް ރާއްޖޭގައި ދޭންވާނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދުމަށް ފަހުގައެވެ.
އަދި ދަންނަވަމެވެ. މި ޤާނޫނާއި ޚިލާފަށް މިހާރަކަށް އައިސް އޯލްޓަނޭޓިވް ބޭސްފަރުވާގެ ޚިދުމަތް (ޚާއްޞަކޮށް ދިވެހި ބޭހުގެ ޚިދުމަތާއި ހިޖާމާގެ ޚިދުމަތް) ދެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ވީމާ، ޤާނޫނު ނަންބަރު:29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގައި ވާގޮތުގެމަތިން ރަޖިސްޓަރީނުކޮށް، އަދި ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ޞިއްޙީ ޚިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެއް ކަމުގައިވާތީ، މިފަދަ ފަރާތްތަކާ ދޭތެރޭ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.