ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމު:

އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

CS2/ އިމިގްރޭޝަން އޮފިސަރުން

ބޭނުންވާ އަދަދު:

15

މުސާރަ:

-/6,500 ރުފިޔާ

ސަރވިސް އެލަވަންސް:

  • މާލޭގައިނަމަ ހާޒިރުވާ ކޮންމާ ދުވަހަކަށް -/90 ރުފިޔާ
  • ޕޯޓުތަކުގައިނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ

ސްޕެޝަލް ސަރވިސް އެލަވަންސް

މުސާރައިގެ %35 (ވަޒީފާ ދާއިމީ ވުމުން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަތޮޅުތަކާއި މާލެ ސަރަހައްދުގައި ޤާއިމުކުރެވިފައިވާ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ދައުރު ކުރާގޮތަށް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  • ރާއްޖޭގެ ބަނދަރުތަކުން އެތެރެވެ ބޭރުވާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުން
  • އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ކަނޑުބޯޓްފަހަރުތަކަށް ދިއުން
  • ބިދޭސީން ރާއްޖޭގައި ތިބުމަށް އެކިއެކި ވީޒާ ދޫކުރުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައްކުރުން
  • ދިވެހިރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމަންޓްގެ ޚިދުމަތްދިނުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން
  • އެއަރޕޯޓްތަކުގައި އަދި ހެޑްއޮފީހުގައި ކައުންޓަރ މަސައްކަތްކުރުން އެހެނިހެން އިދާރީ މަސައްކަތްކުރުން.
  • ބިދޭސީން އުޅެމުންދަނީ އެމީހުން ދޫކުރެވިފައިވާ ހުއްދައިގެ ދަށުންކަން ޔަޤީން ކުރުމުގެ ގޮތުން ވާރކް ސައިޓްތައް ޗެކްކުރުން
  • ކޯޓާ ދިނުމުގެ ކުރީން ވާރކް ސައިޓް ބެލުމަށް ދިއުން
  • ގަވައިދާ ޚިލާފަށް އުޅޭ ފަރާތްތައް ހޯދާ ފުރުވާލުން

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު، ސާނަވީ އިމްތިޙާނު 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އުމުރުން 25 އަހަރު ( އިއްލާން މުއްދަތު ހަމަވާއިރު ) ފުރިފައިނުވުން. އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ޞިއްޙީ ޤާބިލުކަން ލިބިފައިވުން. (އިންޓަރވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ).
  • ނޯޓް: މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދިނުމުގައި، އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރަށްވުރެ މަތީގެ ސެޓުފިކެޓު ހުށަހެޅި ކަމުގައިވިޔަސް މާކްސް ދިނުމުގައި ބަލާނީ އަސާސީ ޝަރުޠަށް އެކަންޏެވެ. މި މިމަޤާމަށް މަސައްކަތުގެ ތަޖުރިބާ މިބައި ހިމަނާފައިނުވާނެއެވެ.
  • މިމަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި ދާއިމީ ކުރާއިރު ވަޒީފާ ހަމަޖެއްސި ތާރީޚު ކަމުގައި ބަލާނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސި ތާރީޚަށެވެ. އަދި 6 މަސް ދުވަހުގެ ޓްރޭނިންގ ނިންމުމަށްފަހު ދާއިމީ މަޤާމަށް ބަދަލު ކުރެވޭއިރު މުވައްޒަފުންގެ މަޤާމަށާއި މުސާރައަށް ބަދަލު އަންނާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން
  • އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ކަނޑުބޯޓު ފަހަރަށް އަރައި ފޭބޭ ފަރާތެއްކަމުގައިވުން
  • ޞިއްޙީގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން (އިންޓަރވިއުއިން ފާސްވެ
  • ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކަޕެއް ހަދަން ޖެހޭނެއެވެ)
  • ޔުނީފޯމު އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ ތަން އަދި މުއްދަތު

މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަރވިއު 25 ޖޫން 2015 އިން 10 ޖުލައި 2015 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އަދި އިމްތިޙާނު ކުރުން ކުރިއަށް ގެންދަވާނީ މިޑިޕާޓްމަންޓުން ކަނޑައަޅާ (މަދުވެގެން 3) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ.

ސުންގަޑި

  • 04 ޖޫން 2015 (ބުރާސްފަތި) އިން 17 ޖޫން 2015 (ބުދަ) އަށް
  • އެޕްލިކޭޝަން 17 ޖޫން 2015 ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް (ހ.ވެލާނާގެ/ 1ވަނަ ފަންގިފިލާ) ހުށަހެޅުމަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  • އިމިގްރޭޝަން އޮފިސަރ ޓްރޭނީ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މިއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުން www.immigration.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  • އިމިގްރޭޝަން އޮފިސަރ ޓްރޭނީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ އަދި އިންޓަވިއުއަށް ޚާޒިރުވާއިރު ސެޓުފިކެޓުތަކުގެ އަސްލު ހިފައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.  
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

ސްކްރީނިންގ

  • އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތައް މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
  • އިޢުލާން މުއްދަތު ހަމަވާ ތާރީޚަށް އުމުރުން 25 އަހަރު ވެފައި ނުވުން.
  • މަޤާމުގެ އަސާސީ ޝަރުޠައްވާ ތަޢުލީމީ ފެންވަރު ހަމަވުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަން ފޯމު، ވަނަވަރު، އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

ޝޯޓްލިސްޓްކުރުން

ޝޯޓްލިސްޓް ކުރުން ގެންދާނީ 3 މަރުހަލާއަކަށް ބަހާލެވިގެންނެވެ.

ފުރަތަމަ މަރުހަލާ: އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުތަކަށް މާކްސް ދިނުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 100 އަށްވުރެ ގިނަނަމަ، އިންޓަރވިއު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 100 ފަރާތާއެވެ. އަދި 100 ވުރެ މަދުނަމަ އަސާސީ ޝަރުޠު ހަމަވާ ހުރިހާ ފަރާތާ އިންޓަރވިއު ކުރެވޭނެއެވެ.

ދެވަނަ މަރުހަލާ: ޕްރިލިމިނަރީ އިންޓަރވިއު

ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.

ތިންވަނަ މަރުހަލާ: ޕްރިލިމިނަރީ އިމްތިޙާނު

މި އިމްތިޙާނަކީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަސައްކަތްތަކާ ގުޅޭ ޢާންމު މަޢުލޫމާތު އަދި އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކަށް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ދެވޭ އިމްތިޙާނެކެވެ. (މިޑިޕާޓްމަންޓުގެ މަސައްކަތްތަކާއި އަދި އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.immigration.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ފައިނަލް އިންޓަރވިއު އަދި ޓެސްޓް

  • ތަޢުލީމު: ލޯއެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުން ހުރި ދާއިރާތަކުން ހޯދާފައިވާ އެކްރެޑިޓެޑް ސެޓުފިކެޓު.
  • ތަމްރީން: ލޯ އެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުން ހުރި ދާއިރާތަކުން ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ތަމްރީނުތައް.
  • ހުނަރު: ފައިނަލް އިންޓަރވިއު އަދި ސައިކޯމެޓްރިކް ޓެސްޓް.
  • ފައިނަލް ސެލެކްޝަނަށް ހޮވޭނީ ޕްރިލިމިނަރީ އިންޓަރވިއު އިން އެންމެ މަތިން މާކްސް ލިބޭ، އިޢުލާން ކުރި އަދަދުގެ ތިންގުނަ އަދަދަށެވެ.
  • ވަޒީފާއަށް ހޮވޭނީ ސެލެކްޝަން ޕްރޮސެސް އިން މަދުވެގެން ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތަ ލިބޭ ފަރާތްތަކެވެ.

އިތުރު މަޢުލޫމާތު:

މިއޮފީހުގެ 3330410 އަދި 3330411 ނަންބަރު ފޯނުން މައުލޫމާތު ސާފުވާނެއެވެ.

15 ޝަޢުބާން 1436

02 ޖޫން 2015
ހޯދާ