ދިވެހިރާއްޖެ
ކްލިކް ކޮލެޖަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން އެއްވެސް ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ މި އޮތޯރިޓީން ދީފައިނުވެއެވެ. އެހެން ނަމަވެސް، ކޮވިޑް-19 ގެ ވަބާ އާ ގުޅިގެން، ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި، އެ މަރުކަޒުތަކުން އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމްތައް ހިންގުމުގެ އާއްމު ހުއްދައެއް މި އޮތޯރިޓީގެ ނަންބަރު (IUL)218-CS/1/2020/9، 15 މާރޗް 2020 ގެ އިޢުލާނުން ވަނީ ދީފައެވެ. މި ހުއްދަ މުރާޖައާ ކުރުމަށް ފަހު، 18 ޖެނުއަރީ 2021 ގައި އާއްމުކޮށްފައިވާ މި އޮތޯރިޓީގެ ނަންބަރު 218-QAS/CIR/2021/1 ސަރކިއުލަރއިން ވާނީ ކުއްލި ޙާލަތު ނިމި އާއްމު ޙާލަތަކަށް ދިއުމުން އަމަލުކުރަންވީ ގޮތް އާއްމުކޮށް އިޢުލާންކޮށްފައެވެ. ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އިޢުލާންކުރައްވާފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު 14 މާރޗް 2022 ގައި އުވާލައްވާފައިވާ އިރު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެޅުއްވި އެކިއެކި ހިފެހެއްޓުމުގެ ފިޔަވަޅުތައްވެސް އުވާލައްވާފައި ވުމާއެކު، ޢާއްމު ޙާލަތަކަށް ގޮސްފައިވާ ކަމަށް ޤަބޫލުކުރެވޭތީ، މި އޮތޯރިޓީގެ ނަމްބަރު (IUL)218-CS/1/2020/9، އިޢުލާނުން ދީފައިވާ ހުއްދަ 28 އެޕްރީލް 2022 ގައި ވާނީ ބާޠިލުކުރިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރުމަށް ފަހު މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ވެސް އަންގާފައެވެ. މި އިޢުލާނާއެކު ކޮވިޑް-19 ގެ ހާލަތުގައި ދިން ހުއްދަ ބާޠިލުވުމާއެކު ކްލިކް ކޮލެޖުން ކޮވިޑް-19 ގެ ކުރިން އީ-ލަރނިންގ ޑެލިވަރީ މޮޑެލިޓީގެ ދަށުން އެއްވެސް ޕްރޮގްރާމަކަށް ހުއްދަ ނާގާފައިނުވުމާއެކު އިތުރަށް އީ-ލަރނިންގ މޮޑަލިޓީގެ ދަށުން ޕްރޮގްރާމްތަކަށް އިތުރު އިންޓޭކެއް ނަގައިގެން ކުރިއަށް ނުގެންދެވޭނެއެވެ. ނަމަވެސް، 28 އެޕްރީލް 2022 ގެ ކުރިއަށް ފަށާފައިވާ ޕްރޮގްރާމްތަކަށް ކޮވިޑް-19 ގެ ދަށުން ދީފައިވާ ހުއްދައާ އެކު އެ ޕްރޮގްރާމްތައް އީ-ލަރނިންގ މޮޑަލިޓީގައި ކުރިއަށް ގެންދެވޭނެއެވެ.
ކްލިކް ކޮލެޖުން ހިންގަމުން އަންނަ 'ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް' ޕްރޮގްރާމަކީ މި އޮތޯރިޓީން 2019 ވަނަ އަހަރު 'ފޭސް-ޓު-ފޭސް' ކޮށް ހިންގަން ހުއްދަ ދީފައިވާ އަދި 10 ޖުލައި 2024 ގައި 'ފޭސް-ޓު-ފޭސް' ކޮށް ހިންގުމަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމެކެވެ. ނަމަވެސް، މިހާތަނަށް މި ޕްރޮގްރާމް ކްލިކް ކޮލެޖުން އިސްތިހާރުކޮށް ހިންގަމުން އަންނަނީ އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީންކަން މި އޮތޯރިޓީއަށް ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކުން ފާހަގަކުރެވެއެވެ. އަދި މީގެ އިތުރުން
ފޭސް-ޓު-ފޭސް ކޮށް ހިންގުމަށް އެޕްރޫވަލް ދީފައިވާ އިތުރު ޕްރޮގްރާމްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން ހިންގުމަށް އިސްތިހާރުކޮށްފައިވާކަން ކްލިކް ކޮލެޖްގެ އިންސްޓަގްރާމް ޕޭޖުންނާއި ކްލިކް ކޮލެޖްގެ ވެބްސައިޓުން މި އޮތޯރިޓީއަށް ވަނީ އެނގިފައެވެ. އަދި 18 ޖުލައި 2024 ވަނަ ދުވަހު ކޮލެޖުގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި މިކަންކަން ވަނީ މި އޮތޯރިޓީން ކަށަވަރުކޮށްފައެވެ.
މަތީގައި ފާހަގަކުރެވިފައިވާ ކަންތައްތަކަކީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ޚިލާފް ކަންތައްތަކެއްކަމަށް ވުމާއެކު، މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގައި 24 ޖުލައި 2024 ގައި މަޝްވަރާކުރެވި އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު، ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިންގެ 7 ވަނަ މާއްދާ ގެ (h) އަށް ޙަވާލާދީ ޕްރޮގްރާމް އެކްރެޑިޓޭޝަން ޤަވާއިދުގެ 30 ވަނަ މާއްދާ ގެ (ހ) ގެ ދަށުން ކްލިކް ކޮލެޖަށް ތިރީގައިވާ ފިޔަވަޅުތައް އަޅާފީމެވެ.
(1) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ ޚިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުން؛
(2) އެކްރެޑިޓްނުކޮށް މަތީ ތަޢުލީމުގެ ޕްރޮގްރާމް ހިންގާ މަރުކަޒެއް -/10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
(3) ޕްރޮގްރާމް ހުއްޓުމަށް އެންގުން؛
(4) ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުން؛
(5) އެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫންކަމާއި، ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ޚިލާފަށްކަން އާންމުކޮށް އިޢުލާނުކުރުން؛
މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެކްރެޑިޓޭޝަން ހުއްދައާ ނުލާ ހިންގާފައިވާ ކޮންމެ ޕްރޮގްރާމަކަށް އެޅޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި ފިޔަވަޅުތަކާ ގުޅިގެން، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު ގެ 29 ވަނަ މާއްދާގެ ދަށުން، އެކްރެޑިޓޭޝަން ހުއްދަ އާއި ނުލާ ހިންގާފައިވާ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންވާނީ ކްލިކް ކޮލެޖުންނެވެ.
ވީމާ މިކަމަކީ، ދަރިވަރުންނާއި އާއްމުންނަށް އެނގުން މުހިއްމު ކަމެއްކަމަށް ވާތީ މިކަން އާއްމުކޮށް އިޢުލާން ކުރީމެވެ.