މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އީ-ލާރނިންގ ހުއްދަ ނުހޯދާ ޕްރޮގްރާމް ހިންގުމާ ގުޅޭ

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އީ-ލާރނިންގ ހުއްދަ ނުހޯދާ ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމުގެ ޝަކުވާތަކެއް މި އޮތޯރިޓީއަށް އަންނަނީ ލިބެމުންނެވެ.

 

މިކަމާ ގުޅިގެން ދަންނަވަމެވެ. 28 އޭޕްރިލް 2022 ގައި މި އޮތޯރިޓީގެ 218-QAS/CIR/2022/2 ނަންބަރު ސަރކިއުލަރ އިން ވާނީ، ކޮވިޑް-19 ގެ ވަބާ ގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމެދޭ މަރުކަޒުތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ޕްރޮގްރާމްތައް ހިންގުމަށް ދެވުނު ހުއްދަ ބާޠިލްކޮށް ޢާއްމުކޮށް ޢިއުލާން ކުރެވިފައެވެ. 16 މޭ 2022 ގައި 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު' (ގަވާއިދު ނަންބަރު:  (2022/R-77އަދި  24 އޮގަސްޓް 2022 ގައި 'ގައިޑްލައިންސް ފޯ އީ-ލާރނިންގ' (ގަވާއިދު ނަންބަރު: (2022/G-28 ގެޒެޓްގައި ޝާއިއު ކުރެވުމާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އެ ގަވާއިދާ އެއްގޮތަށް، ޕްރޮގްރާމްތައް ހުށަހަޅާ ހުއްދަ ހޯދުމަށް ވާނީ އެންގިފައެވެ. މި ގަވާއިދުތަކާ އެއްގޮތަށް ގިނަ މަރުކަޒުތަކުން ޕްރޮގްރާމް ހުށަހަޅާ ހުއްދަ ހޯދައިގެން ކުރިއަށް ގެންދާކަންވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ.

 

އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން، އެ މަރުކަޒަކުން ހިންގާ ޕްރޮގްރާމަކީ އެމް.ކިއު.އޭ އިން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން އަދި އެ ޕްރޮގްރާމެއްގެ 'ޑެލިވަރީ މޮޑަލިޓީ' މި އޮތޯރިޓީގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރަޖިސްޓްރީއިން ކަށަވަރު ކުރުމަށްފަހުގައި ކިޔެވުން ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކުރަމެވެ. އަދި އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ޙާސިލްކުރާ ސަނަދެއް މި އޮތޯރިޓީން ޤަބޫލު ނުކުރާނެ ކަމާއި އެކަމުގެ ޒިންމާ މި އޮތޯރިޓީން ނުނަގާނެ ކަމުގައި ދަންނަވަމެވެ.

 

މި އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޙިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމަށް ވާނަމަ 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު' ގެ 30 ވަނަ ބާބުގެ (ހ) ގެ ދަށުން އެ މަރުކަޒަކަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މިކަން ޢާންމުން ގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

 

**ނޯޓް: މި އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަދި ކުރިން ހުއްދަ ދެވިފައިވާ ޕްރޮގްރާމްތަކުގެ ލިންކް ތިރީގައި މިވަނީއެވެ.

ކޮލިފިކޭޝަންސް ރަޖިސްޓްރީގެ ލިންކް : https://mqa.gov.mv/en/qualifications-register-introduction

ހުއްދަ ދެވިފައިވާ ޕްރޮގްރާމްތަކުގެ ލިންކް: https://old.mqa.gov.mv/institutes/local

17 ޖުލައި 2024
ހޯދާ