ދިވެހިރާއްޖެ
ނޫސްބަޔާން
އެމްޓީޑީސީއިން ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު ސަރުކާރުން ދޫކުރައްވާފައިވާ ރަށްތަކުގެތެރެއިން ގއ.ވޮޑަމުލާ އަދި ގދ.ކޮނޑޭމަތީލާބަދޫގެ ހެޑްލީސް އެގްރީމަންޓް އެދެ ރަށް ނެހެދުމުގެ ސަބަބުން ސަރުކާރުން ވަނީ ބާޠިލުކުރައްވާފައެވެ. މިގޮތުން ހެޑްލީސް އެގްރީމަންޓް ބާޠިލުކުރުމުން އެގްރީމެންޓްގެ ދަށުން އެދެރަށުގެ ކުލީގެ ގޮތުގައި 5.9 މިލިޔަން ޑޮލަރު ސަރުކާރަށް ދައްކަން ވަނީ ޖެހިފައެވެ. މިކަމާ ގުޅިގެން އެފައިސާ މީރާއަށް ދެއްކުމަށް މީރާއިން އެމްޓީޑީސީއަށް އެންގުމާ ގުޅިގެން އެ ފައިސާ ދެއްކުމަށް މި ކުންފުނިން ދިޔައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ޑޮލަރު ލިބުމުގައި ތާށިކަމެއް ހުރުމުގެ ސަބަބުން އެފައިސާދައްކަންޖެހޭ މުއްދަތުހަމަވިއިރު ވަނީ ނުދެއްކިފައެވެ. މިގޮތުން ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބަބުން މިކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރެވުނު މަޢުލޫމާތު ލިބުމާއެކު ސަރުކާރާ ވާހަކަދައްކައި، އެ މައްސަލަ ހައްލުކުރުމަށްފަހު މީރާއާއި އެމްޓީސީއާ ދެމެދު އެއްބަސް ވެވުނުގޮތަށް އެ ފައިސާ އެމްޓީޑިސީގެ އެކައުންޓްސްތަކުން އުނިކުރުމަށްފަހު އެކައުންޓްތައް ފްރީޒްކުރެވެނު ދުވަހު ހުރިހާ ބޭންކިންގ މުޢާމަލާތުކުރެވޭގޮތަށް އެކައުންޓްތައް ރިލީޒްކުރެވިފައިވާ ވާހަކަ މިކުންފުނީގެ އެންމެހައި ހިއްސާދާރުންނަށާއި އަދި ކުންފުންޏާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިފައިސާ މީރާއަށް ދެއްކުމުގައި ދިވެހިސަރުކާރާއި އަދި މިކަމާ ގުޅުންހުރި ހުރިހާ އިދާރާއެއްގެ ފުރިހަމަ އެއްބާރުލުން މި ކުންފުންޏަށް ލިބިފައިވެއެވެ.
ވީމާ، މިކަން ހިނގައިދިޔަ ގޮތާ ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުންދާތީ މިކަން ހިނގައިދިޔަގޮތް އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
28 ރަޖަބު 1436