ދިވެހިރާއްޖެ
ސަރކިއުލަރ
މައުޟޫޢު: އިންޕުޓް ޓެކްސް ސްޓޭޓްމަންޓާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް އިޞްލާޙުކުރުން
5 ފެބުރުވަރީ 2015 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2015/G23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް) އާއި، 29 އެޕްރީލް 2015 ގައި ނެރެފައިވާ ސަރކިއުލަރ ނަންބަރު 220-TP/CIR/2015/5 (އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް) އާ ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ ޓެކްސް ރޫލިންގގެ 5 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ އިންޕުޓް ޓެކްސް ސްޓޭޓްމަންޓާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގެ ފޯމެޓް މި ސަރކިއުލަރގެ އެނެކްސް 1 އާއި އެނެކްސް 2 ގައިވާ ފޯމެޓަށް ބަދަލުކޮށްފީމެވެ. މި ފޯމެޓްތައް މީރާގެ ވެބްސައިޓް www.mira.gov.mv އިން ވެސް ލިބެން ހުންނާނެއެވެ.
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން 1 އެޕްރީލް 2015 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅަންޖެހޭނީ އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގެ ވަރޝަން 15.1 އެވެ. މީގެ އިތުރުން، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ހަވާލާދީފައިވާ ޓެކްސް ރޫލިންގގެ 15 ވަނަ ޕެރެގްރާފާ އެއްގޮތްވާ ގޮތުގެ މަތިން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ ފަރާތްތަކުން ހުށަހަޅަންވާނީ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގެ ވަރޝަން 15.3 އެވެ.
އިޞްލާޙުކޮށްފައިވާ އިންޕުޓް ޓެކްސް ސްޓޭޓްމަންޓް އާ ގުޅޭގޮތުން އަންނަނިވި ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.
- ޓެކްސް ދައްކާ ފަރާތުގެ ކޮންމެ ޓެކްސް ނެގޭ ހަރަކާތަކަށް ވަކި އިންޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހެޅުމުގެ ބަދަލުގައި މިހާރު ހުށަހަޅަންޖެހޭނީ އެ "ޓިން" ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ޓެކްސް ނެގޭ ހަރަކާތަކަށް އެއް އިންޕުޓް ޓެކްސް ސްޓޭޓްމަންޓެވެ.
- އިންޕުޓް ޓެކްސް އިންވޮއިސް ނިސްބަތްވާ ޓެކްސް ނެގޭ ހަރަކާތުގެ ނަންބަރު، އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގެ "ތިޔަ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތުގެ ނަންބަރު" ކޮލަމްގައި ބަޔާންކުރަންވާނެއެވެ. އެއް ޓެކްސް ނެގޭ ހަރަކާތަށްވުރެ ގިނަ ހަރަކާތަށް އިންޕުޓް ޓެކްސް އިންވޮއިސެއް ނިސްބަތްވާނަމަ، އެ ޓެކްސް ނެގޭ ހަރަކާތްތަކުގެ މެދުގައި އެކަށީގެންވާ އުސޫލަކުން އެ ޓެކްސް އިންވޮއިސް ބަހާލުމަށްފަހު އެއިން ކޮންމެ އަދަދެއް، އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގެ ވަކި ރޯއެއްގައި ލިޔަންވާނެއެވެ. ޓެކްސް ނެގޭ ހަރަކާތަކަށް ދީފައިވާ ޓެކްސް ނެގޭ ހަރަކާތުގެ ނަންބަރު، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓުން ފެންނަން ހުންނާނެއެވެ.
- އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގައިވާ ހުރިހާ އަދަދުތައް ހުންނަންވާނީ ޖީ.އެސް.ޓީ ބަޔާން ތައްޔާރުކޮށްފައިވާ ފައިސާއަކުންނެވެ. އިންޕުޓް ޓެކްސް އިންވޮއިސް ތައްޔާރުކޮށްފައިވަނީ ޖީ.އެސް.ޓީ ބަޔާން ތައްޔާރުކޮށްފައިވާ ފައިސާއާ ތަފާތު ފައިސާއަކުންނަމަ، އެ އިންވޮއިސްގެ ތާރީޚުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ އެކްސްޗޭންޖް ރޭޓުގެ %2± އަށް ވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެން، ޖީ.އެސް.ޓީ ބަޔާން ތައްޔާރުކޮށްފައިވާ ފައިސާއަށް އެ އިންވޮއިސްގެ އަދަދުތައް ބަދަލުކުރަންވާނެއެވެ.
މީގެ އިތުރުން، އިޞްލާޙުކޮށްފައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓާ ގުޅޭގޮތުން އަންނަނިވި ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.
- ޓެކްސް ދައްކާ ފަރާތުގެ ކޮންމެ ޓެކްސް ނެގޭ ހަރަކާތަކަށް ވަކި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހެޅުމުގެ ބަދަލުގައި މިހާރު ހުށަހަޅަންޖެހޭނީ އެ "ޓިން" ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ޓެކްސް ނެގޭ ހަރަކާތަކަށް އެއް އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެވެ.
- އައުޓްޕުޓް ޓެކްސް އިންވޮއިސް ނިސްބަތްވާ ޓެކްސް ނެގޭ ހަރަކާތުގެ ނަންބަރު، އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގެ "ތިޔަ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތުގެ ނަންބަރު" ކޮލަމްގައި ބަޔާންކުރަންވާނެއެވެ. ޓެކްސް ނެގޭ ހަރަކާތަކަށް ދީފައިވާ ޓެކްސް ނެގޭ ހަރަކާތުގެ ނަންބަރު، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުން ފެންނަން ހުންނާނެއެވެ.
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޓެކްސް ނެގޭ މުއްދަތުގެ ތެރޭގައި ދޫކޮށްފައިވާ ހުރިހާ ޓެކްސް އިންވޮއިސްތަކެއް، އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގައި ހިމަނަންވާނެއެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް ދޫކޮށްފައިވާ އިންވޮއިސްތައް އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގައި ހިމަނައިގެން ނުވާނެއެވެ.
- އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގައިވާ ހުރިހާ އަދަދުތައް ހުންނަންވާނީ ޖީ.އެސް.ޓީ ބަޔާން ތައްޔާރުކޮށްފައިވާ ފައިސާއަކުންނެވެ. އައުޓްޕުޓް ޓެކްސް އިންވޮއިސް ތައްޔާރުކޮށްފައިވަނީ ޖީ.އެސް.ޓީ ބަޔާން ތައްޔާރުކޮށްފައިވާ ފައިސާއާ ތަފާތު ފައިސާއަކުންނަމަ، އެ އިންވޮއިސްގެ "ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު" ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ އެކްސްޗޭންޖް ރޭޓުގެ %2± އަށް ވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެން، ޖީ.އެސް.ޓީ ބަޔާން ތައްޔާރުކޮށްފައިވާ ފައިސާއަށް އެ އިންވޮއިސްގެ އަދަދުތައް ބަދަލުކުރަންވާނެއެވެ.
- އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގެ "ޖީ.އެސް.ޓީ" ކޮލަމްގެ ޖުމުލަ އަދަދާއި ޖީ.އެސް.ޓީ ބަޔާނުގެ އައިޓަމް 6 (އައުޓްޕުޓް ޓެކްސް) ގައިވާ އަދަދު ތަފާތުނަމަ، މި ދެ އަދަދުގެ ފަރަގުގެ ރިކޮންސިލިއޭޝަނެއް ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
25 ރަޖަބު 1436