މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފޮޓޯގްރަފީ މުބާރާތް

ޢިޢުލާން ނަންބަރު IUL)438-ECAS/1/2015/42)ފ(29 އެޕްރީލް 2015) އަށް ހަވާލާދީ ދަންނަވަމެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި މޯލްޑިވްސް ފޮޓޯގްރާފަރޒް އެސޯސިއޭޝަން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށީގެ ފޮޓޯގްރަފީ މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ މުއްދަތު 14 މޭ 2015 ވަނަ ދުވަހު ހަމަވެފައިވާތީ، ގިނަ ފަރާތްތަކަކަށް ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ފޮޓޯތައް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމިނސްޓްރީގެ ފަރާތުން ތިމާވެށީގެ ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ދިވެހި ރައްޔިތުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓާމެދު ފަރުދުންގެ ޝުޢޫރުތައް ފޮޓޯގެ ޒަރީޢާއިން ފާޅުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "ދެމެހެއްޓެނިވި ތަރައްޤީއަކަށް ދިރޭތަކެތީގެ ނަސްލު" މިއެވެ. މިތީމްގެ ދަށުން ފޮޓޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 4 ކެޓަގަރީއަކަށް ބިނާކޮށެވެ.

ފޮޓޯތައް ހުށަހެޅޭނެ ކެޓަގަރީތައް

  • ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެށި
  • ތިމާވެށްޓަށް ކުރަމުންދާ އަސަރު
  • އާދަކާދައިގެ ތެރެއިން ދިރޭތަކެތި
  • ތިމާވެށްޓާއި އިންސާނާ

ވަނަތަކާއި އިނާމުތައް ކަނޑައެޅިފައިވާ ގޮތް

މުބާރާތުގައި އިންސާފުކުރުމަށް ހުޅުވާލެވިފައިވާ ކޮންމެ ކެޓަގަރީއަކުން 1، 2 އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ކެޓަގަރީއަކުން ވަނަތަކަށް ހޮވިވަޑައިގަންނަވާ ފަރާތްތަކަށް އިނާމުތައް ލިބިލައްވާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ.

1 ވަނަ އަށް -/10،000 ރުފިޔާގެ އަގުހުރި އިނާމެއް
2 ވަނަ އަށް -/8،500 ރުފިޔާގެ އަގުހުރި އިނާމެއް
3 ވަނަ އަށް -/7،000 ރުފިޔާގެ އަގުހުރި އިނާމެއް

މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ތިރީގައިވާ މަޢުލޫމާތު ފުރިހަމަވާން ވާނެއެވެ.

  • ފޮޓޯނެގި ފަރާތުގެ ނަމާއި އެޑްރެސް
  • ޕޮޓޯ ނަގާފައިވާ ތަނާއި ތާރީޚު
  • ފޮޓޯގެ ކެޕްޝަން (އިނގިރޭސިން)
  • ފޮޓޯ ހުށަހެޅުނު ތީމާއި ފޮޓޯއާ ހުރި ގުޅުން ބަޔާންކޮށް ލިޔުންކޮޅެއް (އިނގިރޭސިން 40 ބަހަށްވުރެ ދިގު ނުވާވަރުގެ)
  • ފޮޓޯވަނީ އެޑިޓްކޮށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ އެބަދަލު (މުބާރާތަށް ބަލައިގަނެވޭނެ ބަދަލުތަކަކީ ބަރންކުރުން، ޑޮޖްކުރުން ކަލަރ ކަރެކްޝަން އަދި ހޭންޑް ޓިންޓިންގ އެކަންޏެވެ.)
  • ފޮޓޯ ނަގާފައިވާ ކެމެރާއާއި މޮޑެލް ނަންބަރު

އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތައް:

  • އުފެއްދުން ތެރިކަން
  • ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)
  • ފަންނުވެރިކަން
  • ތީމާ ގުޅުންހުރި މިންވަރު

ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި މިމުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި މިމިނިސްޓީގެ ބޭނުންތަކަށް ބޭނުންކުރުމުގެ އިޚުތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބޭނުންކުރެވޭ ފޮޓޯތަކުގައި އެފޮޓޯގެ ވެރިފަރާތަށް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.

ފޮޓޯ ހުށަހަޅަންވީ ގޮތް

މިމުބާރާތަށް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2015 އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަނަށް ފޮޓޯގެ ސޮފްޓްކޮޕީއާއި (ސީޑީ، ޑީވީޑީ، ޕެންޑްރައިވް،) އެކު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިގޮތަށް މެއިލުން ފޮނުވާއިރު މިމިނިސްޓްރީއަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ވެސް ދަންނަވަމެވެ. މިފޯމު މިމިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓްގެ ލިންކް www.environment.gov.mv/v1/download/897 އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.

މިމުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހު ތާރީޚަކީ 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:30 އެވެ. މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ހިމަނައިގެން 5 - 7 ޖޫން 2015 ގައި ނެޝަނަލް އާރޓް ގެލެރީގައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

މާފަންނު،

މާލެ، ދިވެހިރާއްޖެ

25 ރަޖަބު 1436

14 މޭ 2015
ހޯދާ