އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޓަގު އޭއެމް އެޑްވޭ ކ. ދިޔަނެރު ފަރަށް އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން

ޓަގު އޭއެމް އެޑްވޭ (އައި އެމް އޯ: 9563081) އާއި އެ ޓަގާއެކު އައި ރާއްޖެ އައި ބާޖު އެރޮން ވަނީ 23 ސެޕްޓެމްބަރު 2023 ގައި ކ. ދިޔަނެރު ފަރަށް އަރާފައެވެ. އަދި، މި އުޅަނދުތައް 24 ސެޕްޓެމްބަރު 2023 ގައި ވަނީ އެ ފަރު މަތިން ނަގާފައެވެ. އަދި، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 28 ސެޕްޓެމްބަރު 2023 ގައި އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު ޖޮއިންޓް ސަރވޭއެއް ވަނީ ކުރެވިފައެވެ.

މި އުޅަނދުތައް ފަރަށް އެރި ސަރަޙައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަޙައްދަށް 804 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، ބާޖު އެރި ސަރަޙައްދަށް ގެއްލުމެއް ލިބިފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިހެންކަމުން، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޢަދަދަކީ 20,246,600/- (ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ) ދިވެހިރުފިޔާ ކަމުގައިވާތީ، އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ވަނީ  20,246,600/- (ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ) ދިވެހިރުފިޔާއިން 3 ޖޫން 2024 ގައި ޖޫރިމަނާކުރެވިފައެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް ވަނީ އެންގިފައެވެ.

05 ޖޫން 2024
ހޯދާ