އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މޮނިޓަރުން ހަމަޖެއްސުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މޮނިޓަރުން ހަމަޖެއްސުމުގެ ފުރުޞަތު ހުޅުވާލުން

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 ޖޫން 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތައް)  2015 މޭ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މޭ 25 ވާ ހޯމަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި އިންތިޚާބު މޮނިޓަރކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠު ފުރިހަމަވާ ފަރާތްތަކަށެވެ. 

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަންގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ
  4. ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ
  5. ބައިނަލް އަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
  6. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި ހުށަހަޅަންޖެހޭ ގޮތް މި ދަންނަވަނީއެވެ.

  1. ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި، ނޫސް އޭޖެންސީތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި، އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އިއުލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށެވެ. އަދި ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ނޫސް މަޖައްލާއެއް ނުވަތަ އޭޖެންސީއެއްގެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
  2. ރަށުގައި ނުވަތަ އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާ ނުވަތަ އޮންލައިން ނޫހެއް ނަމަ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އިއުލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާނީ މާލެއިންނަމަ، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށެވެ. އަދި ދިއްގަރު ކައުންސިލް އިދާރާއިންނާއި، ރަތްމަންދޫ ކައުންސިލް އިދާރާއިންނާއި، ވޭވަށް ކައުންސިލް އިދާރާއިންނާއި، މުލި ކައުންސިލް އިދާރާއިންނާއި އަދި މަޑުއްވަރީ ކައުންސިލް އިދާރާއިންވެސް އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި، ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިން ސައްތަ އިތުރުނުވާ ގޮތަށެވެ.

މި އިންތިޚާބު މޮނިޓަރ ކުރުމަށްއެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި، އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި މ. ދިއްގަރު ދާއިރާއަށް ނިސްބަތްވާ ރަށްރަށުގެ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މޭ 25 ވާ ހޯމަ ދުވަހުގެ ހަވީރު 3:00 އަށެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ރަޖަބު 1435

07 މޭ 2015
ހޯދާ