ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
32 ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

32 ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

ޖަލްސާގެ ދަޢުވަތު

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ 32 ވަނަ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ. ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 27 މޭ 2015 ވާާ ބުދަ ދުވަހުގެ ރޭ 9:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

ވީމާ، ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން ރަޖިސްޓްރީ ކުރުމަށް 27 މޭ 2015 ވާ ބުދަ ދުވަހުގެ ރޭ 8:00 އިން 8:50 އަށް އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު/ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ކާޑު ހިއްޕަވައިގެން އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މަތީގައި ބަޔާންކުރެވިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

ޖަލްސާގެ އެޖެންޑާ                                    

  • ކީރިތި ޤުރްއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  • 31 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  • 31 ޑިސެންބަރު 2014 ގައި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން.
  • ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން.
  • ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުން.
  • 2015 ވަނަ އަހަރަށް އައްޔަނުކުރާ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުން.
  • ޑިރެކްޓަރުންގެ އުޖޫރައާއިމެދު ގޮތެއް ކަނޑައަޅައި ފާސްކުރުން.
  • ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުން.
  • ހިއްސާދާރުންގެ ޚިޔާލު ފާޅުކުރުން.
  • ޖަލްސާ ނިންމުން.

މި ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ އައިޓަމްތަކުގެ އިތުރުން އެހެން އެއްވެސް އައިޓަމެއް ފާސްކުރުމަށް ހުށަހެޅިފައި ނުވާވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 20 މޭ 2015 ގެ ނިޔަލަށް މިބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ.

ޕްރޮކްސީ ހުށަހެޅުން

ހިއްސާދާރެއްގެ ބަދަލުގައި މިޖަލްސާއަށް ހާޒިރުވެ ވޯޓް ދިނުމަށް އެހެން ފަރާތެއް ފޮނުއްވަވާނަމަ އެކަމަށް ބޭނުންވާ ޕްރޮކްސީ ފޯމު ފުރުއްވުމަށްފަހު، 48 އަށް ގަޑި އިރުގެ ކުރިން ބޭންކުގެ ހެޑްއޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން މިޖަލްސާއަށް މީހަކު ފޮނުއްވަވާނަމަ އެ ފޮނުއްވާ ފަރާތަކީ މި ޖަލްސާއަށް އެމީހަކު ހާޒިރުވާ ކުންފުނި ތަމްސީލުކުރުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރަކުން ހުއްދަ ދެވިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

މިފޯމު ލިބިވަޑައިގަންނަވާނީ ބޭންކުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓްއިންނާއި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިންނެވެ. މިފޯމާއެކު ހިއްސާދާރުގެ އަދި ޕްރޮކްސީ ހަވާލުކުރެވޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު/ ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސެންސް ކާޑުގެ ސާފު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ޕްރޮކްސީ ބާޠިލުކުރައްވަން ބޭނުންފުޅުވާ ހިއްސާދާރުން ޖަލްސާފެށުމުގެ 60 މިނެޓުކުރިން ސެކްރެޓޭރިއޭޓަށް ނުވަތަ ޖަލްސާގެ ރިޔާސަތަށް މިކަން ލިޔުމަކުން އަންގަވަން ވާނެއެވެ.

2014 ވަނަ އަހަރު ބޭއްވުނު ކުންފުނީގެ 31 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ

29 މޭ 2014 ގައި ބޭއްވުނު ކުންފުނީގެ 31 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު 18 ސެޕްޓެންބަރު 2014 އިން ފެށިގެން 23 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް ހުޅުވާލެވުނެވެ. ނަމަވެސް އެއްވެސް ފަރާތަކުން އިސްލާހެއް ހުށަހަޅާފައި ނުވާވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

2014 ވަނައަހަރުގެ އަހަރީ ރިޕޯޓު

ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު، ކުުންފުނީގެ ހިންގާ ގަވާއިދު، ލިސްޓިންގ ރޫލްސް، ކޯޕަރޭޓް ގަވަރނަންސްް ކޯޑު އަދި ކޮންޓިނިއުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއާރޒް ރެގިއުލޭޝަންސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ބޭންކުގެ 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް އަހަރީ ރިޕޯޓު ވާނީ 30 އެޕްރީލް 2015 ވީ ބުރާސްފަތި ދުވަހު މި ކުންފުނީގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައެވެ. އަދި ބޭންކުގެ މާލީ ހިސާބުތައް ވަނީ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ނޫހުގައި ޝާއިޢު ކުރެވިފައެވެ.

22 މާރިޗު 2015 ގައި ބޭއްވުނު މިކުންފުނީގެ ބޯޑު ޖަލްސާގައި، ބޭންކުގެ 2014 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާގެ ގޮތުގައި ފާސްކޮށްފައިވަނީ ހިއްސާއަކަށް 16.00ރ. (ސޯޅަ ރުފިޔާ) އެވެ. އަދި ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާ އިން ފާސްކުރަމަށްފަހު، ޙިއްސާގެ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ 1 މޭ 2015 ގެ ނިއަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ.

2015 ވަނަ އަހަރު ކުންފުނީގެ އޮޑިޓް ހެދުމަށް ކުރިމަތިލައްވާފައިވާ އޮޑިޓަރުންގެ މަޢުލޫމާތު

2015 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި 3 ފަރާތަކުން ޝައުޤުވެރިކަންވަނީ ފާޅުކުރައްވާފައެވެ. މި ފަރާތްތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

ހުށަހެޅުއްވި ފަރާތް

ހުށަހެޅި އަދަދު (ޔޫއެސް ޑޮލަރު)

ކޭޕީއެމްޖީ

85,860

އަރންސްޓް އެންޑް ޔަންގް (2014 ވަނަ އަހަރު ބޭންކު އޯޑިޓް ކޮށްފައިވާ ފަރާތް)

68,900

ޕްރައިސްވޯޓަރހައުސްކޫޕާސް

71,338

ޑިިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުން

ބޭންކުގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދައިން އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ 14 (ސާދަ) ދުވަސްކުރިން ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އަދި އާންމު ހިއްސާދާރުންގެ ފަރާތުން ކުރިމަތި ލައްވަވާފައިވާ ފަރާތްތަކުގެެ މަޢުލޫމާތު އިޢުލާނުކުރެވޭނެއެވެ.

ހިއްސާދާރުންނަށް ލިބިގެންވާ ވޯޓުދިނުމުގެ ޙައްޤުތައް ބޭނުންކުރާނެގޮތުގެ ތަފުސީލީ މަޢުލޫމާތު

މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ހިއްސާދާރުންނަށާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށްފަހު ވޯޓުދިނުމުގެ ޙައްޤު ލިބިގެންވެއެވެ. މި ވޯޓުލުމުގެ ޙައްޤު ބޭނުންކުރާނޭގޮތް ތިރީގައި މިވަނީއެވެ.

ބޭންކުގެ ހިންގާ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދަކު ޖަލްސާގައި ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. ޖަލްސާގައި ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންގެ ޕްރޮކްސީއަކަށް ދެވޭނީ އެއްވޯޓެވެ. ނަމަވެސް ސަރުކާރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަންކުރައްވާ ޑިރެކްޓަރުންނަށް ވޯޓުލާނީ ޕޯލްގެ (ހިއްސާދާރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން) އުސޫލުންނެވެ. ސަރުކާރުން އައްޔަންކުރައްވާ ޑިރެކްޓަރުންނަށް ވޯޓުލުމުގެ ޙައްޤު އާންމު ހިއްސާދާރުންނަށް ލިބިގެންވެއެވެ. ނަމަވެސް އާންމު ހިއްސާދާރުން ޢައްޔަންކުރައްވާ ޑިރެކްޓަރުންނަށް ވޯޓުލުމުގެ ޙައްޤު ސަރުކާރަށް ލިބިގެނެއްނުވެއެވެ. 

ބޭންކުގެ ހިންގާ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތީން، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހިއްސާދާރުންނަށް ލެވޭ ޖުމްލަ ވޯޓުގެ އަށްވުރެ މަދުނޫން އަދަދެއްގެ ވޯޓު ތަމްސީލުކުރާ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންނަށް ޕޯލްއެއް ނެގުމަށް އެދެވިދާނެއެވެ. އަދި ޕޯލްއަކުން ވޯޓުދެއްވާނަމަ، ހާޒިރުވާ ކޮންމެ ހިއްސާދާރަކަށް ނުވަތަ ޕްރޮކްސީއަކަށް އެޖެންޑާ އައިޓަމަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާނަމަ، ކޮންމެ ހިއްސާއަކަށް އެއްވޯޓު ދެވޭނެއެވެ.

ބޭންކުގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ޖަލްސާގައި ވޯޓަށް ހުށަހަޅާ ހިއްސާދާރުންގެ އާންމު ޤަރާރެއް ފާސްވާނީ އަޣްލަބިއްޔަތު (%51) ވޯޓު، އަތްއުފުލައިގެން ލިބިއްޖެނަމައެވެ. އެއީ، އަތް އުފުލައިގެން ދޭ ވޯޓުގެ ނަތީޖާ އިޢުލާނުކުރުމުގެ ކުރިން ނުވަތަ އިޢުލާނުކުރުމުން ޕޯލްއެއް ނެގުމަށް ގަވާއިދު ނޭދިއްޖެނަމައެވެ. އަދި މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ޖަލްސާގައި ދެވޭ ވޯޓެއްގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ހަމައެކަނި ފަރާތަކީ އެޖަލްސާއެއްގެ ޗެއަރމަންއެވެ. އަދި ނެގޭ ވޯޓުގެ ނަތީޖާގައި ވޯޓުދޭ ފަރާތުގެ މަސްލަޙަތެއް ހިމެނިފައިވުމަކުން އެފަރާތެއް ވޯޓުލުމުން މަޙުރޫމު ނުކުރެވޭނެއެވެ.

ހިއްސާދާރުންނަށް ލިބިގެންވާ ވޯޓުދިނުމުގެ ޙައްޤުތައް ބޭނުންކުރާނެގޮތުގެ އިތުރު މަޢުލޫމާތު ބޭންކުގެ ހިންގާ ގަވާއިދުގެ 38 ވަނަ މާއްދާ އަދި 43 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މިކަން ބޭންކުގެ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.         

17 ރަޖަބު 1436

06 މޭ 2015
ހޯދާ