ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގައި ޤަވާއިދާއި ޚިލާފަށް އެހެލާފައިވާ ލޯންޗްތަކާއި ، ޑިންގީތަކާއި ދޯނިތައް ނެގުމާގުޅޭ
ތިނަދޫ ސިޓީގެ އޮޑި ވަޅުގެ ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް ކަނޑައަޅާފައިވާ އިމުން ބޭރުގައި ގިނަ ދުވަސްތަކެއްވަންދެން އުޅަނދު ފަހަރުތައް އެހެލާފައިވާކަން މި ކައުންސިލަށް ފާހަގަ ކުރެވެއެވެ. އޮޑިވަޅު ސަރަޙައްދު ކަމުގައި މި ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދަކީ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ފެށިގެން ތެޔޮ ބާޖު ހެދުމަށް މި ކައުންސިލުން ދީފައިވާ ބިމާއި ހަމައަށެވެ. ނަމަވެސް މި ދެންނެވި އިމުން ބޭރުން ވެސް ގިނަ އުޅަނދުފަހަރުތައް އެހެލާފައި ހުރިކަން ފާހަގަ ކުރެވެއެވެ.
ވުމާއެކު ، މި ދެންނެވި އިމުން ބޭރަށް އެހެލާފައިވާ އުޅަނދުތައް މިއަދު 28 މެއި 2024 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ސަރަޙައްދުން ނަގައި އޮޑިވަޅު އިމުގެ އެތެރެއަށް ވާ ގޮތަށް ބަދަލު ކުރުމަށް އަންގަމެވެ.
މި ދެންނެވި މުއްދަތުގައި މި އުޅަނދުތައް މި ތަނުން ނުނަގައިފި ނަމަ ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓް ކޮށްފައިވާ ޤަވާޢިދު 2014/R-199 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް އުޅަނދު ތަކުގެ ވެރިފަރާތްތައް ޖޫރިމަނާކޮށް އުޅަނދުތައް ނެގުމުގެ މަސައްކަތް މި އިދާރާއިން ކުރައްވާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތް ކުރުމުގައި އުޅަނދުތަކަށް ލިބޭ ގެއްލުމަށް މި ކައުންސިލުން ޒިއްމާ ނުނަގާނެ ވާހަކަ ދެންނެވީމެވެ.