ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު (ޤާނޫން ނަންބަރު 2019/24) ގެ 15 ވަނަ މާއްދާއާއި ބުނެވިދިޔަ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ،ބ) ގައި ރަށުގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ ޒިންމާ ކައުންސިލްތަކަށް މަތިކޮށްފައިވެއެވެ. އަދި ޤަވާއިދު ނަންބަރު R-22/2011 "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާއިދު" ގެ 24 ވަނަ މާއްދާގެ (ހ) ގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ އޮފީހުގައި "ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް" އޮންނަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. މިދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުގެ ޒިންމާއެކެވެ. ވީމާ ކުޅުދުއްފުށި ސިޓީގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި އެފަރާތްތަކުގެ އާއިލާގެ އެއްވެސް މެމްބަރެއް ސިޓީގައި ދިރިއުޅޭނަމަ، ތިރީގައިވާ ލިންކު މެދުވެރިކޮށް އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެސް ނުވަތަ ފޯނު ނަންބަރު މެދުވެރިކޮށް އެމަޢުލޫމާތެއް ސާފުކުރެއްވުން އެދެމެވެ.
ފޯމް ލިންކް: https://forms.gle/xeFM1ahfAsf6dtKn6
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: [email protected], 6527123
ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.