ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2025-2024 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕލކ ("އެސްޓީއޯ" ނުވަތަ "ކުންފުނި") ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެމަތީން، އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 1 (އެކެއް) ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން 6 (ހައެއް) ޑިރެކްޓަރުން އިންތިހާބްކުރެވެއެވެ. މިގޮތުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާ ކަމެކެވެ. ހަމަމިއާއެކު، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުޤުވެރިކަން ފާޅުކުރެއްވުމާއި، އިންތިހާބުގައި ވާދަކުރެއްވުމަކީ ކުންފުނިން ބާރުއަޅާ ކަމެކެވެ. އަދި މިއީ މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުންފުނީން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެންމެ މަދުވެގެން ތިރީގައިވާ ޝަރުތުތައް ހަމަވާ ފަތާތްތަކަކަށް ވާންވާނެއެވެ.


1. ކުންފުނީގެ ހިއްސާދާރަކަށްވުން، ނުވަތަ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން. (މިގޮތުން، ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތެއް ނަމަ، އެ ފަރާތަކީ އެތަނެއްގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަކުން ރުހުން ދީފައިވާ ފަރާތަކަށްވުން).
2. ދިވެހި ރައްޔިތަކު ކަމުގައިވުން.
3. އުމުރުން 30 އަހަރު ވެފައިވުން.
4. ޤާނޫނު ނަންބަރު 7/2023 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންގައި ބޯޑު ޑިރެކްޓަރެއްގެ ހުންނަންވާނެކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށްވުން.
5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 5 (ފަހެއް) އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 (ދިހައެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
6. ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކާބެހޭގޮތުން އަހުލުވެރި ފަރާތަކަށްވުން.
7. މާލީ ރިޕޯޓްތައް އެނަލައިޒްކުރުމުގެ ޤާބިލްކަން ލިބިފައިހުރި ފަރާތަކަށްވުން.
8. ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުން.
9. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 1 (އެކެއް) ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ނުވުން.
10. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ "އިންޑިޕެންޑެންޓް ޑިރެކްޓަރ" ގެ ޝަރުތު ފުރިހަމަވާ ފަރާތަކަށްވުން).
11. ކުންފުނީގައި ނުވަތަ ކުންފުނީގެ ސަބްސިޑަރީ، ޖޮއިންޓް ވެންޗަރ ނުވަތަ އެސޯސިއޭޓް ކުންފުންޏެއްގައި ނުވަތަ ރެގިއުލޭޓަރީ އޮތޯރިޓީއެއްގައި ނުވަތަ ކުންފުނީގެ ވިޔަފާރިއާއި ފުށުއަރާ ވިޔަފާރިއެއް ހިންގާ ކުންފުންޏެއްގައި ނުވަތަ ކޮމްޕެޓިޓަރ ކުންފުންޏެއްގައި، މި ކުންފުނީގެ ޑިރެކްޓަރކަަމަށް ކުރިމަތިލައްވާ ފަރާތުން ނުވަތަ އެފަރާތުގެ އިމީޑިއޭޓް ފެމިލީ މެންބަރަކު (ފިރިމީހާ/އަނބިމީހާ އަދި ދަރިން ހިމެނޭހެން)، މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އަންނަ ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުގެ ތެރޭގައި ވަޒީފާ އަދާކޮށްފައި ނުވުން އަދި މި މުއްދަތުގެ ތެރޭގައި މިިއިން ޤާނޫނީ ޝަޙްސަކަށް ފޯރުކޮށްދީފައިވާ ޚިދުމަތަކުން ނުވަތަ ކޮށްފައިވާ މުޢާމަލާތަކުން ސިގްނިފިކަންޓް ނުވަތަ މެޓީރިއަލް އުޖޫރައެއް ލިބިފައި ނުވުން.
12. ޑިރެކްޓަރުންގެ ނަޒަރުގައި ކުންފުންޏާއި ނުވަތަ ކުންފުނީގެ ވިޔަފާރިއަކާ މަސްލަހަތު ފުށުއަރާ ނުވަތަ އެފަދަ ކުންފުންޏެއްގައި ނުވަތަ ވިޔަފާރިއެއްގައި އެއްވެސް ސިފައެއްގައި ޝާމިލުވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތަކަށް ނުވުން.
13. ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުއީ ކޯޓަކުން މަނާކުރެވިފައިވާ ނުވަތަ ޝަރުތު ފުރިހަމަ ނުވާ ފަރާތެއްކަމުގައި ނުވުން.
14. ފާއިތުވި 10 (ދިހައެއް) އަހަރުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުމާއި، ޖިނާއި ކުށެއްގެ ތުހުމަތެއްގައި ތަހުގީގު ކުރެވެމުންދާ ފަރާތަކަށް ނުވުން.
15. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި ހުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުން.
16. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއްކުރުމުގެ ލައިސަންސް އުވާލާފައިވާ ފަރާތަކަށް ނުވުން.
17. ބަނގުރޫޓްވެފައިވާ، ދަރަނިވެރިވެފައިވާ ނުވަތަ ޤާނޫނާއި ހިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދައުވާއެއް މިހާރު ރައްދުވާ ފަރާތެއް ނުވަތަ އެފަދަ ދައުވާއެއް ރައްދުވާ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް، ހިއްސާދާރަކަށް ނުވަތަ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ / ނުވަތަ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
18. ވައްކަމާއި، މަކަރާއި ހީލަތް، ހިޔާނާތް ނުވަތަ ފައިސާގެ މުއާމަލާތެއްގައި މަކަރުހަދައި އޮޅުވާލުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަމާބެހޭ ރަސްމީ އިދާރާއަކުން އެއްވެސް ބާވަތެއްގެ ތަހުގީގެއް ހިންގާފައިވާ ފަރާތަކަށް ނުވުމާއި، އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
19. ޖިންސީ ފުރައްސާރަ ނުވަތަ ގެވެށި އަނިޔާ ނުވަތަ ކުޑަކުދިންގެ ހައްގުތަކާބެހޭ އެއްވެސް މައްސަލައެއްގައި ތުހުމަތުކުރެވޭ ނުވަތަ އެފަދަ މައްސަލައެއް ތަހުގީގު ކުރެވެމުންދާ ނުވަތަ އެފަދަ މައްސަލައެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.

 

މަތީގައި ދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ "ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 8 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކުރައްވާ، [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ "ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، ކުންފުނީގެ ވެބްސައިޓް، sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ލިބިފައިވާ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރކަމަށް ޝަރުތު ހަމަވާ ފަރާތްތައް، ކުންފުނީގެ ބޯޑު ކެނޑިޑަސީ ގައިޑްލައިން އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިން އާއި އެއްގޮތަށް ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިވޭލުއޭޓްކޮށް، އިންޓަވިއުކުރައްވާނެއެވެ. ހަވާލާދެވިފައިވާ ގައިޑްލައިންތަކާއި ކޯޑު، ކުންފުނީގެ ވެބްސައިޓް sto.mv އިން ފެންނަން ހުންނާނެއެވެ.
ކުންފުނީގެ ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެ ފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ވޯޓުދިނުން
ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މައްދާގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދު، ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެންބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސްމާލުގެ ހިއްސާގެ 10% (ދިހައެއް އިންސައްތަ) ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ، ޕޯލްގެ އުސޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ، ކޮންމެ މެންބަރަކަށްވެސް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓު ދެވިދާނެއެވެ.
ހަމަ މި ގަވާއިދުގެ 46 ވަނަ މާއްދާގައި ވާގޮތުން، ޖަލްސާގައި ނެގޭ ވޯޓު އެއްވަރު ވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަނަށް ދެވިދާނެއެވެ. އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމަކަށް ނެގޭ ވޯޓުގެ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

17 މާރިޗު 2024
ހޯދާ