ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"އައި.ވީ.އެފް" ގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، ގަވާއިދު ނަންބަރު 2015/R-19 (ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކުލަވާލައި އާންމުކުރެވިފައިވާ "'އައި.ޔޫ.އައި" އަދި "އއި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިގޮތުން އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކުން، ""އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް، 15 މާރިޗު 2024 އިން ފެށިގެން 15 މެއި 2024 ގެ 14:00 ގެ ނިޔަލަށް ހުށަހެޅޭނެއެވެ. އަދި ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން 2024 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމުގައި ދަންނަވަމަވެ. އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

ފޯމު ހުށަހެޅުން

  1. ""އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މި އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv)) ،(aasandha.mv) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
  2. ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރުތަކަށް ކަމުގައި ދަންނަވަމެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 އަށް ކަމުގައި ދަންނަވަމެވެ.
  3. އާސަންދަ ޑިޖިޓަލް ޕޯޓަލް  (my.aasandha.mv) މެދުވެރިކޮށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް މި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ކުރިއަށްއޮތް ހަފްތާގައި ހުޅުވާލެވިގެން ދާނެ ކަމުގައިވެސް ދަންނަވަމެވެ.

 

ފޯމު ބަލައިގަތުމާއި، ގޮތް ނިންމުން

  1. އެޖެންސީއަށް ފޯމު ލިބޭތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމު ފުރިހަމަކަން، ނުވަތަ އިތުރު މަޢުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެކަން، އެސް.އެމް.އެސް ނުވަތަ އީމެއިލްގެ ޛަރީޢާއިން ފޯމު ހުށަހެޅި ފަރާތަށް އަންގާނެއެވެ.

  2. އަދި ފޯމު ފުރިހަމަކުރުމަށްފަހު، އެޖެންސީއަށް ފޯމު ބަލައިގަންނަތާ ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އިސްވެދެންނެވުނު އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، ފޯމު ހުށަހެޅި ފަރާތަށް އަންގާނެއެވެ.

  3. ފޯމު ހުށަހެޅުމަށް ހުޅުވާލެވޭ މުއްދަތު ހަމަވާ ތާރީޚު (15 މެއި 2024) އިން ފެށިގެން ރަސްމީ 30 (ތިރީސް) ދުވަހުގެ ތެރޭގައި، "އައި.ވީ.އެފް" ގެ އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު ފަރާތްތަކަށް މިކަން އެސް.އެމް.އެސް ނުވަތަ އީމެއިލްގެ ޛަރީޢާއިން އަންގާނެއެވެ. އަދި އެފަރާތްތަކުގެ ޒާތީ މަޢުލޫމާތު ހާމަނުވާނެފަދަ ގޮތަކަށް، މި ލިސްޓު އާއްމުކޮށް ޝާއިޢު ކުރެވޭނެއެވެ.

  4. މިއަހަރު އެހީ ހަމަނުޖެހޭ ފަރާތްތަކަށް، ފޯމު ހުށަހެޅުމަށް 2025 ވަނަ އަހަރު ހުޅުވާލުމުން އެހީއަށް އެދުމުގެ ފުރުސަތު އަލުން އޮންނާނެއެވެ.

 

"'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" މި އެޖެންސީގެ ވެބްސައިޓް (https://www.nspa.gov.mv/dh/wp-content/uploads/2024/02/IVF-and-IUI-usool.pdf) ގައި ވަނީ ޝާއިޢުކުރެވިފައެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

05 ރަމަޟާން 1445

15 މާރިޗު 2024
ހޯދާ