ދިވެހިރާއްޖެ
ގދ. ވާދޫ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަދާފައިވާ އިންކުއަރީއަކީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މިނިސްޓަރ ހުއްދަދެއްވައިގެން ހަދާފައިވާ އިންކުއަރީއެކެވެ.
މި އިންކުއަރީ ކުރިޔަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ގދ. ވާދޫ ކައުންސިލުގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތު ދީފައިވާނެއެވެ. އޭގެ އިތުރުން، މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ގދ. ވާދޫ ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައިވާނެއެވެ. އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ގދ. ވާދޫ ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެއެވެ.
މީގެ އިތުރުން ގދ. ވާދޫ އިންކުއަރީން ފާހަގަ ކުރެވުނު ކަންކަމުގެ ބަޔާނާ މެދު ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތެއް ގދ. ވާދޫ ކައުންސިލުގެ މެންބަރުންނަށް ދީފައިވާނެއެވެ. ޖަވާބުދާރީވުމަށް ދިން ފުރުޞަތުގައި، ގދ. ވާދޫ ކައުންސިލުން އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީ ވެފައިވެއެވެ.
ގދ. ވާދޫ ކައުންސިލުގެ އިންކުއަރީން ބަލާފައިވާ މައްސަލަތައް
- ގދ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
- ލާމަރުކަޒީ ޤާނޫނާއި އިޖުރާއީ ގަވާއިދާއި އެއްގޮތަށް ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައިނުވުން.
- ކައުންސިލުގެ ބަޖެޓުން އިންކައިންޑް އަދި ފައިސާގެ ގޮތުގައި މާލިއްޔަތުގަ ގަވާއިދާ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޚަރަދު ކުރުން
- J-GOM ފަންޑުގެ ތެރެއިން ބޮޑު އަދަދެއް އަނެއް އަހަރުގެ J-GOM ފަންޑުގެ ތެރެއަށް ކެރީ ފޯވަރޑްކޮށްފައިވާކަން.
- މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
- ސިވިލް ސަރވިސްގެ ގަވާއިދުއާ އެއްގޮތަށް ކައުންސިލު އިދަރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައިނެތުން
- އިޖުރާއީ ގަވާއިދާ އެއްގޮތައް ކައުންސިލުއިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައި ނެތުން.
- ކައުންސިލުގެ އިދާރާގައި އާންމުން ވަނުންމަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން.
- ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިނުވުމާއި ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރުން
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން
- ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުއާ އެއްގޮތަށް ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި، ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް.
- ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ
- ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ
- ކައުންސިލު އިދާރާގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރަސްމީ ޗެނަލުން ބޭރުން، ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކްކުރާ މައްސަލަ
- ކައުންސިލުގެ ރައީސް، ކައުންސިލުގެ މުވައްޒަފުންނަކީ ދަށް ފަންތީގެ ބެއެއްކަމަށްބުނެ މުވައްޒަފުންގެ އަގުވެއްޓޭގޮތަށް މުވައްޒަފުންނާ ގުޅޭގޮތުން ދޮގު ވާހަކަތަކާއި ބޭއަދަބީ މެސެޖުތައް ކައުންސިލު ރަސްމީ ވައިބާ ގްރޫޕަށް ފޮނުވައި ސޯޝަލް މީޑިއާގައި އަދި ހޮޓާ ކެފޭތަކުގައި އެފަދަ ވާހަކަތައް ދައްކަމުންދާ މައްސަލަ
- ކައުންސިލު މުވައްޒަފުންނަށް އަޑުލައި ކަންކަމަށް މަޖުބޫރު ކުރުމާ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ
- ކައުންސިލު ބައްދަލުވުމުން ކަންކަން ނިންމުމުން އެކަންކަން ތަންފީޒުނުވާނެކަމަށް ބުނުމާއި، ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ
- ކައުންސިލުން ޤާނޫނު ނަންބަރު: 2010/7 (ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ.
- ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމާ، އެކި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ކުދި ކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ.
- ކައުންސިލު އިދާރާގެ ތެރޭގައި ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ
- ކައުންސިލަރުން ރަސްމީ ވަގުތާއި، ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ.
- ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ.
- ކައުންސިރުންގެ ފަރާތުން އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލަ.
- ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް ޢަމަލުތައް ބެހެއްޓުން.
- ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި، މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްނެތުން.
- ކައުންސިލުގެ ރައިސް ހިންހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން.
- ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ
މައްސަލައާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ނިންމެވި ގޮތް
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން، ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚީލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި، އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތަތީ، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ގދ. ވާދޫ ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނާތީ,
ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ ރައީސް ކަމަށްވާތީ، ކައުންސިލުގެ ރައިސް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުﷲ ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި،
ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކަކީ ކައުންސިލުގެ މެންބަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު މުޙައްމަދު ޝިފާޤް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލުގެ މެންބަރު މުޙައްމަދު ޝިފާޤް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި،
ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދެވަނައަށް އެންމެ އިސް ފަރާތްތަކަކީ ކައުންސިލުގެ ނައިބްރައީސް ކަމަށްވާތީ، ކައުންސިލުގެ ނައިބްރައީސް ޙާޝިރު މުޙައްމަދު، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލުގެ ނައިބްރައީސް ޙާޝިރު މުޙައްމަދު، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 2 (ދެއެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި،
ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކަކީ ކައުންސިލުގެ މެންބަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ސާރާ މުޙައްމަދު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލުގެ މެންބަރު ސާރާ މުޙައްމަދު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 2 (ދެއެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި،
ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކަކީ ކައުންސިލުގެ މެންބަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު މާރިޔަތު އިބްރާހީމް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލުގެ މެންބަރު މާރިޔަތު އިބްރާހީމް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި،
އަދި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން މި ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، 2024 ފެބްރުއަރީ 22 ވަނަ ދުވަހު ބޭއްވި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 62 ވަނަ މާއްދާގެ (ޅ)ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރީމެވެ.
19 ޝައުބާން 1445