މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 'ފެހިފަތް' އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ފެހިފަތް" އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ފެހިފަތް އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިޢުލާން IUL)438-ECAS/1/2015/8)ފ(19 ފެބުރުވަރީ 2015) އަށް ހަވާލާދީ ދަންނަވަމެވެ.

ފެހިފަތް އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރުމަށް ގިނަ ފަރާތްތަކަކުން އެދިފައިވުމާއެކު، އެފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ފަހިކޮށްދިނުމަށްޓަކައި ފެހިފަތް އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލް 2015 އާ ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިއިނާމަކީ ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެކެވެ. ފެހިފަތް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އެކިގޮތްގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެކިމަސައްކަތްކޮށްފައިވާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ހިތްވަރު ދިނުމެވެ. އަދި މިހާރު ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރަށާއި އަތޮޅު، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅައި، މިހާރު ތިމާވެށްޓަށް އެކިގޮތްގޮތުން ޚިދުމަތް ކުރާ ފަރާތްތައް އެގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމެވެ. މީގެ އިތުރުން ތިމާވެށީގެ ދާއިރާއިން މަސައްކަތް ކުރާ ފަރާތްތައް އިތުރުކޮށް، އަލަށް ނުކުންނަ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމެވެ. ފެހިފަތް ދިނުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ތިމާވެށި ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެއްގެ ގޮތުގައެވެ.

މިއިނާމަށް ކުރިމަތިލެވޭނެ ފަރާތްތައް

  1. އަމިއްލަ ފަރާތްތައް/ ވަކި ވަކި ފަރުދުން
  2. ޖަމްޢިއްޔާ ޖަމާޢަތްތައް
  3. ވިޔަފާރިތައް
  4. ސަރުކާރުގެ މުއައްސަސާތައް
  5. ސްކޫލްތައް/ ކޮލެޖްތައް/ ޔުނިވަރސިޓީތައް

މިއިނާމަށް ކުރިމަތިލުމުގެ ގޮތުން އަމިއްލަ ނަން ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅިދާނެއެވެ.

ކުރިމަތިލެވޭ ދާއިރާތައް

  1. ވޭސްޓް މެނޭޖްމަންޓް
  2. ވޯޓަރ ކޮންޒަރވޭޝަން އެންޑް މެނޭޖްމަންޓް
  3. ހޭޅިފަށް ގޮނޑުދޮށް ހިމާޔަތް ކުރުން
  4. ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުން
  5. އިޢާދަކުރުވަނިވި ހަކަތަ ބޭނުންކުރުން
  6. މުޖުތަމަޢަށް ފައިދާ ކުރުވަނިވި މިންވަރަކަށް ގަސް އިންދައި ފޯރުކޮށްދިނުން
  7. ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން
  8. ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރި ކުރުން
  9. ތިމާވެށީގެ ދާއިރާއިން ރިސަރޗް ކުރުން

މީގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެކި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް ފެހިފަތް އިނާމަށް ނަން ހުށަހެޅިދާނެއެވެ.

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުއްވުން

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގައި އަންނަނިވި ކަންކަމަށް ސަމާލުވާން ޖެހޭނެއެވެ.

- މި އިނާމަށް ނަން ހުށަހަޅާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށެވެ. އަދި ނަން ހުށަހަޅާ ފަރާތްތަކުން، "ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފޯމު" ފުރިހަމަ ކުރުމަށްފަހު، މިފޯމާއެކު ތިމާވެށީގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތައް ސާބިތުކޮށްދެވޭނެ ފަދަ ހެކި ހުށަހަޅުއްވަންޖެހޭނެއެވެ.

- ފޯމު ހުށަހަޅުއްވާއިރު ފޯމު ހުށަހަޅުއްވާ ސިޓީ އުރައިގެބޭރުގައި "ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފޯމު" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އީމެއިލް ސަބްޖެކްޓް ބައިގައި "Fehifai Award Nomination form" މިހެން ލިޔެފައި އޮންނަންވާނެއެވެ.

- މިއިނާމަށް ނަން ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަކުންވެސް މިފޯމު ފުރިހަމަކުރެއްވުމަށްފަހު މިއަހަރުގެ އެޕްރީލްމަހުގެ 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހަޅުއްވަންޖެހޭނެއެވެ.

- ފޯމު ހުށަހެޅުއްވުމުގައި ފޯމު އޮންލައިންކޮށް [email protected] އަށް ހުށަހެޅުއްވުމަކީ މިމިނިސްޓްރީގެ އެދުމެކެވެ. އޮންލައިންކޮށް ހުށަހެޅުމަށް ދަތިފުޅުވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކައުންޓަރަށް ފޯމު ހުށަހެޅުއްވިދާނެއެވެ. އަދި ފެކްސް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފެކްސް ނަންބަރު 3018301 އަށް ފެކްސް ކުރެވިދާނެއެވެ.

- ފެހިފަތް އިނާމަށް ހުށަހަޅާ މަސައްކަތުގެ ޚުލާޞާއެއް މިފޯމާއެކު ހުށަހަޅަންވާނެއެވެ.

- އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް މިނިސްޓްރީއަށް ލިބުނުކަން ޔަޤީންކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގައި ހުށަހަޅަންޖެހޭ ތަކެތި

- ފޯމުގައިވާ އަދި ފޯމާއެކު ހުށަހަޅާ މަޢުލޫމާތަކީ ތެދުމަޢުލޫމާތަށް ވާންވާނެއެވެ. އަދި މީގެ އިތުރުން މަޢުލޫމާތުގެ ޞައްޙަކަން ސާބިތުކުރުމަށް ބޭނުންވާ ލިޔުންތައް މިފޯމާއެކު ހުށަހަޅަންވާނެއެވެ.

- ފެހިފަތް އިނާމަށް ހުށަހަޅާ މަސައްކަތުގެ ޚުލާޞާއެއް ފޯމުއާއެކު ހުށަހަޅަންވާނެއެވެ.

- ހުށަހެޅިފައިވާ މަސައްކަތް ކުރިކަން ސާބިތުކުރެވޭ ފަދަ ދެހެކިންގެ ނަން ސާބިތު ކުރުމަށް ބޭނުންވާ ލިޔުންތަކުގައި ހިމަނަންވާނެއެވެ.

- ޖަމްޢިއްޔާ ޖަމާޢަތްތަކުން އެހެން ޖަމްޢިއްޔާ ޖަމާޢަތެއްގެ ނަން ހުށަހަޅުއްވާނަމަ، އެހުށަހަޅާ ޖަމްޢިއްޔާ ޖަމާޢަތެއްގެ ހިންގާ ކޮމިޓީން، އެފަރާތެއް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުމަށް ނިންމާފައިވާ ނިންމުން، މިފޯމާއެކު ހުށަހަޅަންވާނެއެވެ.

- ދައުލަތުގެ މުއައްސަސާއަކުން ހުށަހަޅުއްވާނަމަ ހުށަހަޅުއްވާ ފޯމުގައި ސޮއި ކުރައްވާނީ، އެއިދާރާއެއް ހިންގަވަން ހުންނެވި އެންމެ އިސް ވެރިއެކެވެ. ޖަމުޢިއްޔާ ޖަމާޢައަތެއްނަމަ ހިންގާ ކޮމިޓީން ކަނޑައަޅާ ބޯޑުގެ މެމްބަރެކެވެ. ސްކޫލް/ ކޮލެޖް/ ޔުނިވަރސިޓީއެއްނަމަ އެތަނެއްގެ އެންމެ އިސްވެރިޔާއެވެ.

ތިމާވެށީގެ ދާއިރާއިން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމަށް ހުށަހެޅޭ ފަރާތްތައް އިންސާފުކުރުން

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ޙައްޤުވާ ފަރާތްތައް ކަނޑައަޅާނީ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިންނެވެ. ފެހިފަތް އެވޯޑަށް އިންސާފުކޮށް ޝޯޓްލިސްޓް ކުރާނީ ކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެކުލަވާލާ ފަންނީ ކޮމިޓީއަކުންނެވެ. އަދި ފަންނީ ކޮމިޓީން ޝޯޓްލިސްޓް ކުރާ 5 ފަރާތުގެ ނަން ސޯޝަލް ކައުންސިލަށް ހުށަހެޅޭނެއެވެ. ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ފެހިފަތް އިނާމު ދޭނެ ފަރާތްތައް ކަނޑައަޅާނީ، ސޯޝަލް ކައުންސިލުންނެވެ. ކޮންމެ އަހަރަކުވެސް ފެހިފަތް އިނާމު ދެވޭނީ އެންމެ ގިނަވެގެން 3 ފަރާތަކަށެވެ.

އިންސާފުކުރުމުގެ މަރުޙަލާ

- ހުށަހެޅިފައިވާ ހުރިހާ ނަންތަކެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓުން ބަލައި، ލިބިފައިވާ ހުށަހެޅުންތައް ކަމާ ގުޅޭ ފަންނީ ކޮމިޓީއަށް ފޮނުވޭނެއެވެ. ފަންނީ ކޮމިޓީއަށް ފޮނުވޭނީ ހަމައެކަނި އެއަހަރު ހުށަހެޅުނު ނަންތަކެވެ. ފަންނީ ކޮމިޓީއަށް ހުށަހަޅާފައިވާ ހުރިހާ ހުށަހެޅުންތަކުގެ ތެރެއިން  ފަންނީ ކޮމިޓީން ދިރާސާ ކުރައްވާ ހޮއްވަވާ އެންމެ ރަނގަޅު 5 ފަރާތެއް ފާހަގަ ކުރެވޭނެއެވެ.

- މިގޮތުން އެންމެ ރަނގަޅު 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ 5 ހުށަހެޅުން ސޯޝަލް ކައުންސިލަށް ހުށަހެޅޭނެއެވެ.

- ފެހިފަތް އިނާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރޭގައި ތިމާވެށްޓާ ގުޅުންހުރި އެއްވެސް ސާބިތު ދައުވާއެއް އުފުލިފައިވާ ފަރާތެއްވާނަމަ އެފަރާތެއްގެ ނަން ބާޠިލުވާނެއެވެ.

- ފަންނީ ކޮމިޓީއާއި ސޯޝަލް ކައުންސިލްގެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމުމެވެ. އަދި މިކަމާ ގުޅިގެން އަންނަ އެއްވެސް ޝަކުވާއަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ޖަވާބުދާރީއެއް ނުވެވޭނެއެވެ.

- މިއިނާމު ލިބިފައިވާ ފަރާތްތަކަށް ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި އިނާމު ލިބިފައިވާ ދާއިރާއިން މިއިނާމަށް ކުރިމައްޗެއް ނުލެވޭނެއެވެ. ނަމަވެސް އެހެން ދާއިރާއަކުން މިމުއްދަތުގެ ތެރޭގައި ނަން ހުށަހެޅުމަކަށް ހުރަހެއްނެތެވެ. އިނާމު ލިބިފައިވާ މަސައްކަތެއް ދެވަނަ ފަހަރަށް އިނާމަށް އެދި ހުށައެއްނޭޅޭނެއެވެ.

ގެންގުޅޭ މިންގަނޑުތައް

- ތިމާވެށީގެ ދާއިރާއިން ޚިދުމަތް ކޮށްދެއްވާފައިވާ މުއްދަތު

- ޚިދުމަތް ފޯރުކޮށްދެވިފައިވާ މިންވަރާއި މަސައްކަތުގެ ތަފުސީލު

- ކުރެއްވި މަސައްކަތްތަކަކީ މިހާރުވެސް ހިންގަމުންދާ/ ކުރަމުންދާ މަސައްކަތްތަކަކަށްވުން، ނުވަތަ ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ހިންގާފައިވާ މަސައްކަތްތަކަށްވުން

- ޚިދުމަތް ފޯރާފައިވާ މީހުންގެ އަދަދު

- ޚިދުމަތް ފޯރާފައިވާ ރަށްތަކުގެ އަދަދު

- ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިފައިވާ މިންވަރު

- ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ ޤަބޫލު ކުރެވޭ ޕަބްލިކޭޝަންސް

- ތިމާވެށްޓާ ރަޙުމަތްތެރި އާޓެކްނޮލޮޖީ ބޭނުންކުރުން ނުވަތަ އީޖާދުކުރުން

ރައީސުލް ޖުމްހޫރިއްޔާ ފެހިފަތް އިނާމު ދެއްވުން

ފެހިފަތް އިނާމު ހަވާލު ކުރެވޭނީ ތިމާވެށި ދުވަހުގެ (5 ޖޫން) މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ރައީސުލް ޖުމްހޫރިއްޔާ، ނައިބު ރައީސް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އެވޯޑް ލިބިވަޑައިގަންނަވާ ފަރާތްތައް އަދި ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވާ ފަރާތްތަކަކަށެވެ.

ނޯޓް: "ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފޯމު" މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން އަދި މިމިނިސްޓްރީގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

13 އޭޕްރިލް 2015
ހޯދާ