ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ ކައުންސިލް އިދާރާގެ މެމްބަރުންނާއި މުވައްޒަފުންގެ ޔުނިފޯމާއި ސްޓާފް ކާޑް ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު

`

 

ނިލަންދެއަތޮޅުދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

ދ.ބަނޑިދޫ / ދިވެހިރާއްޖެ

 

 

 

 އުސޫލު ނަންބަރު:(PP)376/376/2023/01

 

 

ދ.ބަނޑިދޫ ކައުންސިލް އިދާރާގެ މެމްބަރުންނާއި މުވައްޒަފުންގެ ޔުނިފޯމާއި ސްޓާފް ކާޑް ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު

 

21 ޑިސެމްބަރ 2023

 

 

އުސޫލުގެ ބައިތައް

 

  1. ތަޢާރަފް:

(ހ) މިއުޞޫލަކީ ދ.ބަނޑިދޫ ކައުންސިލަށް އިންތިޚާބުކުރެވިފައިވާ މެންބަރުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ މުވައްޒަފުންގެ  ޔުނީފޯމާއި ސްޓާފް ކާޑު ބޭނުންކުރުމުގައި ޢަމަލުކުރަންވީ ގޮތާއި ބެހޭ ގޮތުން ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލުން އެކުލަވާލާ ފާސްކޮށްފައިވާ އުޟޫލެކެވެ.

(ށ)  މި އުސޫލަށް ކިޔާނީ "ދ.ބަނޑިދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި މެންބަރުންގެ ޔުނީފޯމާއި ސްޓާފް ކާޑު ބޭނުންކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު" އެވެ.

  1. މަޤްޞަދު:

މި އުޞޫލުގެ މަޤްޞަދަކީ ކައުންސިލުން ފާސްކޮށްފައިވާ ޔުނީފޯމު އަދި ސްޓާފް ކާޑު، މުވައްޒަފުންނާއި މެންބަރުންބޭނުންކުރުމާއި، ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު އެތަކެތި ބެލެހެއްޓުމާއި، އެތަކެތި އަނބުރާ  ޙަވާލުކުރުމުގައި  ޢަމަލުކުރާނެ  ގޮތް  މުވައްޒަފުންނާއި  މެންބަރުންނަށް  ސާފުކޮށް ބަޔާންކޮށްދިނުމެވެ.

  1. އަމަލުކުރަން ފަށާ ތާރީޚް:

މި އުސޫލަށް އަމަލުކުރަން ފަށާނީ ކައުންސިލުން މި އުސޫލު ފާސްކުރުމަށްފަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފަށައިގެންނެވެ.

  1. މަސައްކަތުގައި އުޅޭއިރު ހެދުން ބަހައްޓަންވީގޮތް:

(ހ)  ކައުންސިލް  މެންބަރުންނާއި،  ކައުންސިލް  އިދާރާގެ  ބެލުމުގެ  ދަށުގައިވާ  މުވައްޒަފުން،  ރަސްމީ ގަޑީގައާއި  ނުރަސްމީ  ގަޑީގައި،  އޮފީހުގައި  ނުވަތަ  މަސައްކަތްކުރާ  ތަނުގައި  އަދި  ޙަވާލުކުރެވޭ މަސައްކަތުގައި ތިބެންވާނީ، ޚިދުމަތް ލިބިގަންނަން  އަންނަ  މީހުންގެ  ކުރިމަތީގައި ކައުންސިލްގެ ޤަދަރާއި ހައިބަތު ހިފެހެއްޓި، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމުގައި، އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބެލެހެއްޓި، ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އަޚުލާޤީ ހަމަތައް ހިފެހެއްޓޭ ގޮތުގައެވެ. އަދި ލައިގެން ހުންނަ ހެދުމަކީ، އެހެދުން އަޅާ މެންބަރު ނުވަތަ މުވައްޒަފު ދޭންޖެހޭ ޚިދުމަތުގެ ބާވަތުން، އެޚިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށްވެސް ވެގެން ނުވާނެއެވެ.

(ށ)  ކައުންސިލް މެންބަރުންނާއި މުވައްޒަފުން،  ބުދަ ދުވަހު  ރަސްމީ  ގަޑީގައި  މަސައްކަތްކުރާއިރު  ހެދުން  ބަހައްޓަންވާނީ  ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

1. ފިރިހެން މެންބަރުން ތިއްބަވާނީ ދިގު ފަޓުލޫނާއި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ޓައީގައެވެ. މިގޮތަށް ހެދުން އަޅާއިރު ތިބެންޖެހޭނީ އޮފީސް ބޫޓަށް އަރައި ދަށަށް ޖަހައިގެން (ބެގީ ކޮށްގެން) ނެވެ. ނުވަތަ ދިގު ފަޓުލޫނާއި އަތްދިގު ބުސް ގަމީސް ލައިގެންނެވެ. މިގޮތަށް ހެދުން އަޅާއިރު ތިބެންޖެހޭނީ އޮފީސް ބޫޓަށް އަރައި ދަށަށް ނުޖަހައެވެ.

2. އަންހެން މެންބަރުންގެ ހެދުމަކީ ފާސްކުރި ހެދުން ނުވަތަ މިނޫންވެސް ޖަމާޢަތުގެ އަދަބާއި ޚިލާފުނުވާ ހެދުމަކާއި، އަދި ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓެއްގައެވެ.

3. ކައުންސިލްގެ އިދާރީ ފިރިހެން އަދި އަންހެން މުވައްޒަފުން ބުދަ ދުވަހު ހެދުންބަހައްޓަންވާނީ އެ މުވައްޒަފުންގެ ހެދުންބެހެއްޓުމަށް ސިވިލްސަރވިސް ޤަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއެއްގޮތަށެވެ.

(ނ(  ކައުންސިލް މެންބަރުންނާއި މުވައްޒަފުން، ރަސްމީ ދުވަސްތަކުގެ ތެރެއިން ބުދަ ދުވަސްފިޔަވައި ރަސްމީ އެހެން ދުވަހުސްތަކުގެ ރަސްމީ ގަޑީގައި މަސައްކަތްކުރާއިރު ހެދުން ބަހައްޓަންވާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

1. ފިރިހެން މެންބަރުންނާއި މުވައްޒަފުންގެ ހެދުމަކީ، ކައުންސިލުން ފާސްކޮށްފައިވާ ޓީޝާޓް ޔުނީފޯމާއި ކަޅު ކުލައިގެ ދިގު ފަޓުލޫނެވެ. މިގޮތަށް ހެދުން އަޅާއިރު ތިބެންޖެހޭނީ ސްމާޓް ކެޝުއަލް ބޫޓަށް އަރައިގެންނެވެ. އަދި މިގޮތަށް ހެދުންއަޅާއިރު ދަށަށް ޖަހައިގެން (ބެގީ ކޮށްގެން) ނުވާނެވެ.

2. އަންހެން މެންބަރުންނާއި މުވައްޒަފުންގެ ހެދުމަކީ ކައުންސިލުން ފާސްކޮށްފައިވާ ޓީޝާޓް ޔުނީފޯމާއި، ކަޅުކުލައިގެ ދިގު ބެލްސް ނުވަތަ މިނޫންވެސް ޖަމާޢަތުގެ އަދަބާއި ޚިލާފުނުވާ ހެދުމަކާއި، އަދި ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓެއްގައެވެ. ބުރުގާ އަޅުއްވާ މެންބަރުންނާއި މުވައްޒަފުން ބޭނުންކުރަންވާނީ ޑިޒައިންކޮށްފައިނުވާ (ޕްލެއިން) ކަޅު ކުލައިގެ ބުރުގާ/ސޯލްއެކެވެ.

(ރ)  މިމާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ޓީޝާޓް ޔުނީފޯމު ބޭނުންކުރަން، ނުވަތަ އާއްމުކޮށް ހެދުން ބަހައްޓާ ގޮތަކުން (މިސާލަކަށް އަތްތިލަ އަދި މޫނު ނިވާކޮށް ހެދުންއެޅުމުގެ އިތުރުން އާއްމުކޮށް ބޮޑުހެދުން ތުރުކުރަށްވާ އަންހެން މެމްބަރުން އަދި މުވައްޒަފުން) ޓީޝާޓް ޔުނީފޯމު ތުރުކުރަށްވަން ބޭނުންފުޅުނުވާ ޙާލަތެއްގައި، ހެދުންއަޅުއްވާނީ އެފަދަ މެމްބަރުން ނުވަތަ މުވައްޒަފުންނަށް ހެދުންމަތިން ތުރުކުރެއްވުމަށް ހާއްސަކޮށްގެން ކައުންސިލުން ފާސްކޮށްފައިވާ ޓީޝާޓް ޔުނީފޯމެވެ.

  1. ސަޕޯޓް ސަރވިސް ގިންތީގެ މުވައްޒަފުން ހެދުން ބަހައްޓަންވީގޮތް:

(ހ). ސަޕޯޓް ސަރވިސް ކެޓެގަރީގައި ހިމެނޭ މުވައްޒަފުންގެ ހެދުމަކީ، މަސައްކަތަށް ދަތިނުވާ، މުޖުތަމަޢުގެ އަދަބާ ޚިލާފުނުވާ ހެދުމަކާއި، އެކަށީގެންވާ ފައިވާނެކެވެ.

(ށ) ޓީޝާޓް ޔުނީފޯމު ބޭނުންކުރާނަމަ، މިގިންތީގައި ހިމެނޭ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ކައުންސިލުންފާސްކޮށްފައިވާ  ޔުނީފް މާއި  ކަޅުކުލައިގެ  ދިގު  ފަޓުލޫނާއި،އެކަށީގެންވާ ފައިވާނެކެވެ އަދި އަންހެން މުވައްޒަފުންގެ  ހެދުމަކީ  ކައުންސިލުން  ފާސްކޮށްފައިވާ  ޔުނީފޯމާއި، ކަޅުކުލައިގެ ދިގު ބެލްސް ނުވަތަ މިނޫންވެސް ޖަމާޢަތުގެ އަދަބާއި ޚިލާފުނުވާ ހެދުމަކާއި، އެކަށީގެންވާ ފައިވާނެކެވެ. ބުރުގާ އަޅުއްވާ މުވައްޒަފުން ބޭނުންކުރަންވާނީ ޑިޒައިންކޮށްފައިނުވާ (ޕްލެއިން) ކަޅު ބުރުގަލެކެވެ.

(ނ)  ސަޕޯޓް ސަރވިސް ކެޓެގަރީގައި ހިމެނޭ މުވައްޒަފުން ހަފްތާގެ ކޮންމެ ދުވަހެއްގައިވެސް، ޓީޝާޓް ޔުނީފޯމު ބޭނުންކުރުމުގެ  އިޚްތިޔާރު  ލިބިގެންވެއެވެ.

(ރ) މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނަގާފައިވާ މުވައްޒަފުން ރަސްމީ މަސައްކަތުގެ ވަގުތުތަކުގައި ތިބެންވާނީ ކައުންސިލުން ފާސްކޮށްފައިވާ ޓީޝާޓް ޔުނިފޯރމްގައެވެ.

  1. އޮފީހުގެ ރަސްމީގަޑީގައި ބޭނުންކުރުމަށް ހުއްދަނޫން ހެދުމާއި ތަކެތި:

އޮފީހުގެ ރަސްމީ ގަޑީގައި މުވައްޒަފުން ބޭނުން ކުރުން ހުއްދަނޫން ހެދުމާއި ތަކެތި ތިރީގައި މިވަނީއެވެ.

1. އަޚުލާޤީ ގޮތުން އެކަށީގެން ނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު ފޮޓޯ ޖަހާފައި ހުންނަ ހެދުން.

2. ހަންގަނޑު ފާޅުވާފަދަ ތުނި ހެދުން.

3. އެއްވެސް ބާވަތެއްގެ އަދި އެއްވެސް ކުލައެއްގެ ޖީންސް.

4. ފާޅުވާ ގޮތަށް ގިނަ ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު (މުޅި ހަރުވާޅުގެ އެތައްމިތަނުގައި ޖީބު، އަދި އުފުލިފައި ހުންނަ ޖީބު، ހަރުވާޅު (ޓައިޓު).

5. ފެންފައިވާނާއި ، ޖޮގިންގ ޝޫޒް އަދި ހާފްޝޫޒްއެވެ.

  1. ރަސްމީޔާތުތަކާއި ޙަރަކާތްތަކުގައި ހެދުން ބަހައްޓަންވީގޮތް:

(ހ)  މުހިއްމު ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ފަރާތުން ބައިވެރިވާ މެންބަރުންނާއި މުވައްޒަފުން ތިބެންވާނީ، އެކިއެކި މުނާސަބަތުތަކުގައި ބޭނުން ކުރުމަށް އެކަށީގެންވާ މި އުޞޫލަށްފެތޭ ހެދުމެއްގައި ނުވަތަ އެ މުނާސަބަތަކަށް ކަނޑައަޅައިފައިވާ ހެދުމެއްގައެވެ.

(ށ)  ވަކި މުނާސަބަތަކާ ގުޅޭ ގޮތުން، ނުވަތަ ޤައުމީ ފެންވަރެއްގައި ނުވަތަ ދާއިރާގެ ފެންވަރުގައި ނުވަތަ ޖަމާޢަތުގެ ފެންވަރުގައި ކުރިއަށް ގެންދެވޭ ޝިޢާރެއްގައި ބައިވެރި ވުމަށްޓަކައި، ނުވަތަ ޤައުމީ މަޞްލަޙަތަކަށް ހިތްވަރުދީ ފޯރި އިތުރު ކުރުމަށްޓަކައި، މިއުޞޫލުގައި ބަޔާންކުރާ އަސްލުތައް ނުގެއްލޭގޮތަށް ހެދުން ނުވަތަ ހެދުމާއެކު ބެޖާއި ކުލައާއި މެޑެއްޔާއި އެކިއެކި ނިޝާންތަކާއި ފާހަގަ ބޭނުން ކުރެވިދާނެއެވެ.

)ނ)  އެ މަސައްކަތެއްގެ ބާވަތުން ވަކި ހެދުމެއްގައި ކުރަންޖެހޭ މަސައްކަތް ކުރާއިރު މުވައްޒަފުން ތިބެންވާނީ އެ ހެދުމެއްގައެވެ. އަދި ވަކި ޚާއްޞަ މަސައްކަތެއް، ވަކި ވަގުތެއްގައި، ވަކި ހެދުމެއްގައި ކުރުމަށް ހަމަޖެހިގެން ކުރަންޖެހޭ ހާލަތުގައި، އެ ކަނޑައެޅޭ ވަގުތެއްގައި، އާންމު އުސޫލަށް ނުވާގޮތުން، އެ ކަނޑައަޅާ ހެދުމެއް ބޭނުން ކުރެވި ދާނެއެވެ.

(ރ)  ކައުންސިލް  މެންބަރުންނާއި  މުވައްޒަފުން (ސަޕޯޓް ސަރވިސް ގިންތިވެސް ހިމެނޭ ގޮތަށް) ބައިވެރިވާންޖެހޭ ބައްދަލުވުމެއް / ރަސްމިއްޔާތެއް / ޙަފްލާއެއް / ޖަލްސާއެއްގައި ނުވަތަ އެނޫންވެސް ކަމެއްގައިބައިވެރިވުމަށް ހާޟިރުވާއިރު، ކައުންސިލުން ފާސްކޮށްފައިވާ ޓީޝާޓް ޔުނީފޯމު ބޭނުންކުރުމަށް ކައުންސިލްގެ ރައީސް ނުވަތަ ސެކްރެޓަރީ ޖެނެރަލް އަންގައިފި ޙާލަތެއްގައި އެކަމަކަށް ހާޟިރުވާން ވާނީ މިއުޞޫލުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.

  1. ޙާއްސަ މަސައްކަތްތަކާއި ބުރަ މަސައްކަތްތައް ކުރަންޖެހޭ ހާލަތްތަކުގައި ހެދުން ބަހައްޓަންވީ ގޮތް:

(ހ)  ހަށިގަނޑަށް ބުރަވާ ފަދަ ފިޒިކަލް މަސައްކަތެއް ކުރާ ވަގުތުތަކުގައި ޓީޝާޓް ޔުނީފޯމު ބޭނުންކުރުމަށް  ކައުންސިލްގެ ރައީސް ނުވަތަ ސެކްރެޓަރީ ޖެނެރަލް އަންގާ ޙާލަތްތަކުގައި، ކަޅުކުލައިގެ ފަޓުލޫނުގެ ބަދަލުގައި ޖަމާޢަތުގެއަދަބާއި ޚިލާފުނުވާ ޖިންސެއް ނުވަތަ ކަކުލާއި ހަމައަށް (ނުވަތަ އެއަށްވުރެ ތިރިކޮށް ހުންނަ)  ސޯޓެއް ބޭނުންކުރެވިދާނެއެވެ.  އަދި  މަސައްކަތަށް  އެކަށީގެންވާފައިވާނެއް ބޭނުންކުރެވިދާނެއެވެ.  އަންހެން  ބޭފުޅުންނަށްވެސް ޓީޝާޓް ޔުނީފޯމާއިއެކު، ޖަމާޢަތުގެ  އަދަބާއި ޚިލާފުނުވާ  ޖިންސް  /  ބެލްސް ފަދަ ހެދުމަކާއި އަދި އެކަށީގެންވާ ފައިވާނެއް ބޭނުންކުރެވިދާނެއެވެ.

(ށ)  ކުރަންޖެހޭ  މަސައްކަތުގެ ބާވަތުން، ޔުނީފަމަށް ގެއްލުމެއް ލިބިދާނެކަމަށް  ނުވަތަ  ފަސޭހައިން ސާފުނުކުރެވޭ ވަރަށް ހަޑިވެދާނެކަމަށް ބެލެވޭ ޙާލަތްތަކުގައި ޔުނީފޯމު ލައިގެން މަސައްކަތް ކޮށްގެން ނުވާނެއެވެ.

(ނ)  މިމާއްދާގެ (ށ) ގައި މިފަދައިން ބަޔާންކޮށްފައިވީނަމަވެސް، ދިމާވާ ކުއްލި ޙާލަތެއްގައި ނުވަތަ  ކައުންސިލުން އަންގައިގެން ކުރަމުންދާ މަސައްކަތެއްގެ ތެރެއިން މުވައްޒަފުގެ އިހުމާލެއްނެތި، ޓީޝާޓް ޔުނީފޯމަށް ގެއްލުމެއް ލިބިއްޖެނަމަ، ބަދަލުގައި އާޓީޝާޓެއް އެމުވައްޒަފަކަށް ނުވަތަ މެންބަރަކަށް ފޯރުކޮށްދެވޭނެއެވެ.

  1.  ސްޓާފް ކާޑް ބޭނުންކުރަންވީ ގޮތް:

(ހ) ރަސްމީ މަސައްކަތުގައި އުޅުއްވާއިރު ކޮންމެ މެންބަރަކުވެސް އަދި މުވައްޒަފަކުވެސް، އެބޭފުޅަކަށް ޙަވާލުކޮށްފައިވާ ކާޑުކަރުގައި އަޅުވައިގެން ނުވަތަ ޖީބުގައި ހަރުކޮށްގެން ނުވަތަ އެނޫންވެސް ގޮތަކުން ކުރިމަތިން ފެންނަން ހުންނަންވާނެއެވެ.

(ށ)  ރަސްމީ ގަޑި ނޫން ގަޑިތަކުގައިވެސް، ކައުންސިލް ތަމްސީލުކުރުމަށް ކުރާ މަސައްކަތެއްގައި ނުވަތަ ބައިވެރިވާ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ސްޓާފް ކާޑު ބޭނުންކުރަންވާނެއެވެ.

(ނ)  ޢާންމު ރައްޔިތުންނަށް  ދޭންޖެހޭ  ޚިދުމަތެއްގެ  ތެރެއިން،  ނުވަތަ  ޢާންމު  ރައްޔިތަކާއި މުޢާމަލާތްކުރަންޖެހޭ ވަގުތުތަކުގައި މެންބަރުން  އަދިމުވައްޒަފުންތިބެންވާނީ  ޚިދުމަތް ހޯދާ  ފަރާތަކަށް ކާޑު ފެންނަ ގޮތަށެވެ. އަދި ރައްޔިތު މީހާ ކާޑު ބަލަން ބޭނުންވެއްޖެ ޙާލަތެއްގައި، މުވައްޒަފު ނުވަތަ މެންބަރުގެ އަތުން ކާޑު އެފަރާތަކަށް ކާޑު ދައްކަންވާނެއެވެ.

(ރ)  ކުރަންޖެހޭ މަސައްކަތުގެ ބާވަތުން، ކާޑަށް ނުވަތަ ކާޑު  ހޯލްޑަރަށް ނުވަތަ ލެންޔާޑަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ފަސޭހައިން ސާފުނުކުރެވޭ ވަރަށް ހަޑިވެދާނެކަމަށް ބެލެވޭ ޙާލަތްތަކުގައި ކާޑު ބޭނުންކޮށްގެން ނުވާނެއެވެ. (މިސާލަކަށް ތެމިގެން ކުރަންޖެހޭ މަސައްކަތެއް ނުވަތަ އަލިފާން ރޯކުރުމާއި އެންދުމުގެ މަސައްކަތެއް ނުވަތަ ކުލައާއި ދަވާދުލުން ފަދަ މަސައްކަތްތައް މިކެޓޭގަރީގައި ހިމެނޭނެއެވެ).

(ބ)  މިމާއްދާގެ (ރ) ގައި މިފަދައިން  ބަޔާންކޮށްފައިވީނަމަވެސް، ދިމާވާ ކުއްލި ޙާލަތެއްގައި ނުވަތަ ކައުންސިލުން އަންގައިގެން ކުރަމުންދާ މަސައްކަތެއްގެ ތެރެއިން މުވައްޒަފުގެ އިހުމާލެއްނެތި، ކާޑަށް/ ކާޑު ހޯލްޑަރަށް / ލެންޔާޑަށް ގެއްލުމެއް ލިބިއްޖެނަމަ، ބަދަލުގައި އާ ކާޑު /  ކާޑުހޯލްޑަރ/ ލެންޔާޑު (މީގެ ތެރެއިން ގެއްލުން ލިބުނު އެއްޗެއް) އެމުވައްޒަފަކަށް ނުވަތަ މެންބަރަކަށް ފޯރުކޮށްދެވޭނެއެވެ.

  1. ސްޓާފް ކާޑާއި ޔުނީފޯމު ބެލެހެއްޓުން.

(ހ)  ސްޓާފް ކާޑާއި ޓީޝާޓް  ޔުނީފޯމަކީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން  ހޯދާފައިވާ  ތަކެތި ކަމަށްވާތީ، އެތަކެތި މިލްކުވެގެންވަނީ ކައުންސިލަށެވެ. އަދި މެންބަރުންނާއި މުވައްޒަފުންނަށް މިތަކެތި ޙަވާލުކުރަންވާނީ، އަނބުރާ ގެންނަ ގޮތަށް ސޮއިކުރުމަށްފަހުގައެވެ.

(ށ)  ޓީޝާޓް ޔުނީފޯމާއި ސްޓާފް ކާޑު ޙަވާލުކުރެވޭ މެންބަރު ނުވަތަ މުވައްޒަފު ނޫން އެހެން ފަރާތަކަށް އެތަކެތި ދިނުމާއި ވިއްކުމާއި އެހެން ފަރާތަކުން އެތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ނ)  ކައުންސިލްގެ ބޭނުންތަކަށް ފިޔަވައި އެހެނިހެން ބޭނުންތަކަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ޓީޝާޓް ޔުނީފޯމު އަދި ސްޓާފް ކާޑު ބޭނުންކުރުމަކީ މަނާކަމެކެވެ.

(ރ)  ކައުންސިލް މެންބަރަކު ނުވަތަ މުވައްޒަފަކު، ޓީޝާޓް ޔުނީފޯމަށް ނުވަތަ ސްޓާފް ކާޑަށް ގަސްތުގައި ގެއްލުމެއް ދިނުމަކީ ކައުންސިލްގެ މުދަލަށް ގެއްލުން ދިނުން ކަމުގައި ބެލެވޭނެއެވެ. އަދި އެމުދަލުގެ  އަގު އަދާކުރުމާއެކު، ސިވިލް ސަރވިސް މުވައްޒަފެއްނަމަ، ސިވިލް ސަރވިސް ޤަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އިސްލާޙީ ފިޔަވަޅު އެޅޭނެއެވެ. އެނޫން މުވައްޒަފުންނާއި މެންބަރުންނަށް ކަމާގުޅުންހުރި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

(ބ)  ކައުންސިލް މެންބަރަކު ނުވަތަ މުވައްޒަފަކަށް ޙަވާލުކޮށްފައިވާ ޓީޝާޓް ޔުނީފަމަށް ނުވަތަ ސްޓާފް ކާޑަށް  މުވައްޒަފުގެ އިހުމާލުން ގެއްލުމެއް ލިބިއްޖެނަމަ، (ގަސްތުގައި ގެއްލުމެއް ދިނުމުގެ މަޤްސަދުގައި  ނޫންނަމަވެސް) ގެއްލުން ލިބުނު މުދަލުގެ އަގު އަދާކުރުމާއެކު، އެކަން ތަކުރާރު ނުކުރުމަށް  ނަޞޭހަތްތެރިވެވޭނެއެވެ.  އަދި  ގެއްލުން  ލިބުނު  އެއްޗެއްގެ  ބަދަލުގައި  އާއެއްޗެއް ޙަވާލުކުރެވޭނެއެވެ.

(ޅ)  ކައުންސިލް މެންބަރަކު ނުވަތަ މުވައްޒަފަކަށް ޙަވާލުކޮށްފައިވާ ޓީޝާޓް ޔުނީފޯމު ނުވަތަ ސްޓާފް ކާޑު ބޭނުންކޮށް ގިނަދުވަސްވުމުގެ ސަބަބުން ބައުވެ ޙަލާކުވެފައިވާނަމަ، އެކަމަށް ހޭދަވި މުއްދަތަށް ބަލައި (ޢާންމު ގޮތެއްގައި 1 އަހަރަށް ވުރެ ގިނަވެއްޖެނަމަ) އަނބުރާ ކައުންސިލާއި ޙަވާލުކުރާ ބައު ތަކެތީގެ ބަދަލުގައި ކައުންސިލުން އައު ތަކެތި ޙަވާލުކުރެވޭނެއެވެ.

(ކ)  އެއްވެސް ސަބަބަކާއި ހުރެ ކައުންސިލްގެ މެންބަރަކު މެންބަރުކަމުން ވަކިވާނަމަ، ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިވާނަމަ، ނުވަތަ އެހެން އޮފީހަކަށް ބަދަލުކުރުން ނުވަތަ ވީއްލުން ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޔުނީފޯމާއި ސްޓާފް ކާޑު އަނބުރާ ޙަވާލުކުރަންވާނެއެވެ.

  1. އިޞްލާޙު ގެނައުން:

     މިއުޞޫލަށް  އިޞްލާޙު  ގެނައުމުގެ  އިޚްތިޔާރު  ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލަށް ލިބިގެންވެއެވެ.

  1. މާނަކުރުން:

(ހ)  މިއުޞޫލުގައި "ޔުނީފޯމު" އެއީ ކައުންސިލްގެ ޙަރަކާތްތަކާއި ބައްދަލުވުންތަކާއި ކައުންސިލުން އަންގާ އެނޫންވެސް ކަންކަމުގައި ބޭނުންކުރާ ހެދުމެވެ.

(ށ)   މި  އުޞޫލުގައި  "ކައުންސިލް"  ކަމަށް  ބުނެފައި  އެވަނީ  ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލަށެވެ.

 

21 ޑިސެންބަރު 2023
ހޯދާ