ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތެރެ އާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމާ ގުޅޭ

 

              ބައެއްގޯތި ގޯއްޗާއި، އެގޯތި ގުޅިފައިވާ މަގުތަކުގައި ހެދިފައި ހުންނަ ވިނަނޮޅައި ސާފުނުކޮށް ހުރުމުގެ ސަބަބުން ގިނަ ރައްޔިތުންގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. މިކަމާ ގުޅިގެން މި އިދާރާއިން ބެލިބެލުމުން ގިނަޢަދަދެއްގެ ގޯތިތަކާއި، ގޯތި ގުޅިފައިވާ މަގުތަކުން ވިނަނޮޅައި ސާފުކުރަމުން ނުދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެކިފަރާތްތަކަށް ދޫކޮށްފައި ހުންނަ ގޯތި ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުން ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތި އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ސާފުނުކޮށް ހުރުމުގެ ސަބަބުން ރަށުގެ ރީތިކަން ގެއްލި ނުރައްކާތެރި ޙާދިސާ ތަކާއި ކުރިމަތިލާންޖެހުމަކީވެސް ދުރުކަމެއް ނޫނެވެ.

ކޮންމެ މަގަކީވެސް ރަށުގެ ރައްޔިތުންނާ ރަށުގައި ދިރިއުޅޭ ފަރާތްތަކަށާއި ބޭރުން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން، ރައްކާތެރި އަދި އުނދަގުލަކާއި ނުލައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ފަދަ ތަނަކަށް ވެފައި އޮތުމަކީ މުހިންމު ކަމެއްކަން މިކައުންސިލުން ދެކެމެވެ. ކަންމިހެން އޮތްއިރު ގޯތިތަކާއި ގުޅިފައިވާ މަގުތައް ކުނިކަހައި ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމަކީ އެގޯއްޗެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން ގޯތި ޙަވާލުކުރާއިރު ވެވޭ އެއްބަސްވުމުގައިވެސް ބަޔާންކޮށްފައި ވާނެއެވެ. މިއަހަރު ނޮވެންބަރު 3 އިން ފެށިގެން ވައިކަރަދޫގައި ހދ. އަތޮޅު ވޮލީމުބާރާތް ހިނގަމުންދާއިރު ގިނަ ޢަދަދެއްގެ މެހްމާނުން ރަށަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ.

             އެހެންކަމުން މިދުވަސްވަރަށް ޚާއްސަ ސަމާލުކަމެއްދެއްވައިގެން މަގުތައް ކުނިކަހައި ވިނަނޮޅާ ސާފު ކުރުމާއި، މަގުން ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އަދި މަގު ބައްތިތަކަށް ދަތިވާ ގޮތަށް ގޯތިތެރޭގައި ހުންނަ ރުއްގަސް ކޮށައި މަގުމަތި ސާފުކޮށް ބެލެހެއްޓުމަކީ އެގޯއްޗެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. 

             ވީމާ، ގޯތި ގޯއްޗާއި ގޯތި ގުޅިފައިވާ މަގުތައް ރީތިކޮށް ވިނަނޮޅައި ސާފުކޮށް ބަލަހައްޓަމުން ގެންދިއުމަށް އިލްތިމާސް ކުރަމެވެ. އަދި ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2023
ހޯދާ